މޫސުން

ގަދަކަނޑުގައި 13 މީހަކު ފަސް ގަޑިއިރު!

ފަޒީނާ އަހުމަދު
09 ސެޕްޓެމްބަރ 2012 14:11 13 ކޮމެންޓު
 • އޭދަފުށީ ކުރިމަތީގައި އޮތް ފަޅުރަށަކަށް އިއްޔެ ދަތުރު ދިޔަ ބަޔަކު އެނބުރި ރަށަށް ގެންދިއުމުގެ މަސައްކަތްކުރަނީ. --ފޮޓޯ: އޭދަފުށީ ޓައިމްސް

ށ. ކޮމަންޑޫ "މިސްރާބު" ދޯނި ޅ. ފެލިވަރަށް މަސްކިރުމަށް ފަހު އިއްޔެ ހަވީރު އެންދަމަން ނުކުތް އިރު ވެސް މޫސުން ރަނގަޅެވެ. ނުރައްކާތެރި ކޮޅިގަނޑެއްގެ ނިޝާނެއް ވެސް ނެތެވެ. އެ އަތޮޅު ތެރޭގައި އޮތް ގިރިއެއްގައި 13 ފަޅުވެރިންނާ އެކު ދޯނި އަޅައިގެން ތިއްބާ ގަދަވަޔާއި ވިއްސާރަޔާ އެކު ކަނޑު ގަދަވާން ފެށީ ކުއްލިއަކަށެވެ.

އެ ކޮޅިގަނޑު އައުމާއެކު ދޯނީގެ ހުރިހާ ފަޅުވެރިން ވެސް ބެލީ ކައިރި ރަށަކަށް ދެވޭތޯ އެވެ. އެކަމަކު ބިޔަ ރާޅުތަކުގެ ތެރޭގައި ދޯންޏަށް ގުޑާ ވެސް ނުލެވުނެވެ. އެ އަތޮޅު ނައިފަރަށް އަދި ހިންނަވަރަށް ދިއުމަށް، ވެސް ދޯނީގެ ކައްޕި އާއި ފަޅުވެރިން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

"ދޯނީގެ އިންޖީނު ހުއްޓި ޕަމްޕުތަކަށް ވެސް އޮބިނޯވެ ދިޔައީމާ އަތުން ވެސް ފަޅުވެރިން ދިޔައީ ދިޔަ ހިއްކަމުން. އެކަމަކު ވެސް ބޮޑެތި ރާޅުތައް ނަގައި ގެގަނޑާ ހަމައަށް ދޯނި އަޑިއަށް ދިޔައީމަ އަޅުގަނޑުމެން ކަނޑަށް ފުންމާލީ،" ދޯނީގެ ކައްޕި އަބްދުﷲ ރަޝީދު މިއަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ފަޅުވެރިން ކަނޑަށް ފުންމާލީ 20 ލިޓަރުގެ ޕްލާސްޓިކް ހަންތައް ހިފައިގެންނެވެ. ހަވީރު 00: 5 ހާއިރުން ފެށިގެން ރޭ 30: 8 ވަންދެން އެ މީހުން ތިބީ ހަމުގައި އޮޅުލައިގެންނެވެ. ކަނޑުގައި ހުޅުލާ ނަގަމުން އައި ރާޅުތަކުގެ ތެރޭގަ އެވެ. ކަނޑު ގަދަކަމުން ފަތާފައި ވެސް އެއްވެސް ތަނަކަށް ދެވޭނެ ގޮތެއް ނުވި އެވެ.

"ކަނޑުމަތީގައި ތިބިއިރު އަޅުގަނޑުމެން ކޯސްޓުގާޑާއި ތަންތަނަށް ގުޅަމުން ދިޔައީ، އަޅުގަނޑުގެ އަތުގައި އޮތް ވޯޓާޕްރޫފް ފޯނެއް. އެކަމަކު ފަހުން ފޯނުގެ ބެޓެރި ވެސް ދިޔައީ. އަލިކަމެއް ވެސް ނެތް. ދެރަ ކަމަކީ ބައްތިއެއް އެއްޗެއް ވެސް ނުލައި ކަނޑަށް ފުންމާލެވުން،" އޭނާ ބުންޏެވެ." ވަރަށް ޒުވާން ކުދިންތަކެއް ތިބީ ދޯނީގައި. އެ ކުދިންނަކީ އަބަދުވެސް އެ ގޮތަށް ކަނޑުމަތީގައި އުޅޭ ބަޔަކަށްވީމަ އެހާ ހާސްވެގެން ނޫޅުނީ."

ފުލުހުންނާއި ކޯސްޓް ގާޑަށް ގުޅައިގެން އުޅެނިކޮށް ފުލުހުންނަށް އެ ސަރަހައްދަށް ދެވުނީ 30: 8 ހާއިރެވެ. ފުލުހުން ކުރި މަސައްކަތުން ވެސް ހިންނަވަރަށް އަދި ނައިފަރަށް ވެސް ކައިރިވެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ރޭގަނޑު 30: 10 ހާއިރު އެ މީހުން ގެންދިޔައީ ޖެހިގެން އޮތް ޕާމްބީޗް ރިސޯޓަށެވެ.

ކަނޑުމަތީގައި ގިނައިރު ތިބެންޖެހުމުން ބައެއް މީހުން އަކުނިވަޔަށް ދެމުން ފަދަ ކަންތައް ވިއަސް އެންމެންގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ކެޔޮޅު ބުންޏެވެ. ހުރިހާ ފަޅުވެރިން މިހާރު އަނެއްކާ ވެސް ތިބީ މިސްރާބު ދޯނި ހޯދުމަށް ނުކުމެ ކަނޑުމަތީގަ އެވެ.

"ދޯނި ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެ ހާދިސާގެ އިތުރުން ވެސް ރޭގެ ކޮޅިގަނޑުގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އެ ގޮތުން މާލޭން ފުރައިގެން އަރިއަތޮޅަށް ދަތުރުކުރި "ރޯކުރި" ނަމަކަށް ކިޔާ ދޯންޏެއް އއ. ބަތަލާ ރިސޯޓު ކައިރި އަށް އަޑިއަށް ދަނިކޮށް ކޯސްޓް ގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ. އެ ދޯންޏާ ކޯސްޓް ގާޑުގެ އުޅަނދު ކައިރިކުރިއިރު ފަޅުވެރިން ތިބީ ދޯނީގެ ގެގަނޑު މައްޗަށް އަރަ އެވެ.

އެމްއެންޑީއެފުން ބުނީ "ދިރާސާ 59" ކިޔާ ދޯންޏެއް ޅ. ކުރެންދޫ ކައިރި އަށް އަޑިއަށް ދަނިކޮށް ވެސް ކޯސްޓް ގާޑުން ސަލާމަތްކޮށްދީފައިވާ ކަމަށެވެ. އަދި ކ. ދިއްފުށީ ބޭރުން ވެސް ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޭ ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ފޭދޫ ފިނޮޅު ކައިރި އަށް ބަންޑުން ޖަހާލުމެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަނޑުގަދަވެ ލޯންޗް ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތަރު ފިރިހެނުން ފަތާފައި ގޮސް އެރީ ފޭދޫ ފިނޮޅަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ހަތަރު މީހުންނަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށާއި އެ މީހުން މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އިއްޔެ ފަޅުރަށްތަކަށް ދަތުރުދިޔަ ބައެއް މީހުން، ކަނޑުގަދަވުމުގެ ސަބަބުން ރަށަށް ނުދެވިފައި ތިއްބާ އެ މީހުންނަށް ވެސް ފުލުހުންނާއި އެމްއެންޑީއެފް އަދި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއި ބައެއް ރިސޯޓުތަކުން ވަނީ އެހީތެރިކަން ފޯރުވައިދީފަ އެވެ.

ފުލުސް އޮފީހުން ބުނީ ކަނޑުމަތީގެ 16 ހާދިސާއެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާތަކުގައި ގެއްލިގެން ހޯދި އެންމެން ވެސް މިހާރު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 100%
  މައުލޫމާތު މުއްސަނދިވި

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait