އަލިފާނުގެ ހާދިސާ

ސަފާރީއެއްގައި ރޯވެ ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ

13 ސެޕްޓެމްބަރ 2012 19:30 4 ކޮމެންޓު
  • މިރޭ އަލިފާން ރޯވި "ބްލެކް ޕާލް" ސަފާރީ. -- ފޮޓޯ: މޯލްޑިވްސް ޑައިވް ޓްރެވަލް

މިއަދު އިރު އޮއްސުނު ވަގުތު ސަފާރީއެއްގައި ރޯވެ ފަސް މީހަކު ފިހިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 6:45 އެހާއިރު ރޯވެފައި ވަނީ މާލެ އަތޮޅާއި ޅ. އަތޮޅާ ދެމެދު ދަތުރުކުރަމުން ދިޔަ "ބްލެކް ޕާލް" ކިޔާ ސަފާރީއެއްގައި ކަމަށެވެ. ފިހުނު މީހުންގެ ތެރެއިން ބޮޑަށް ފިހިފައިވާ ދެ މީހުން އަމިއްލަ މީހެއްގެ ލޯންޗުގައި މާލެ ގެނެސްފައިވާ ކަމަށާއި އަނެއް ތިން މީހުން އެހާ ބޮޑަށް ނުފިހޭ ކަމަށް ފުލުހުން ބުންޏެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ބޮޑަށް ފިހިފައި ވަނީ ދެ ދިވެހިންނެވެ. އަދި އަނެއް ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

ފުލުހުން ބުނީ ކުޑަކޮށް ފިހުނު ތިން މީހުން މިވަގުތު ތިބީ ސަފާރީގެ ޑައިވިން ދޯނީގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ ރޯވި ސަފާރީ މިރޭ 8:30 ވާން އުޅެނިކޮށް ގާފަރު ފަޅާ ދެ މޭލެއްހާ ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. ސަފާރީގައި ހުރި ބައެއް ސާމާނު ދެފެން ދޭތެރޭ ހުރުން އެކަށީގެންވާތީ، އެ ހިސާބުން ދަތުރުކުރާ އުޅަނދުތައް ސަމާލު ވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަފާރީގައި ރޯވެފައި މި ވަނީ މާދަމާ ގެސްޓުންނާ އެކު ދަތުރަށް ތައްޔާރުވަމުން ދަނިކޮށް ކަމަށްވެ އެވެ. އެހެންވެ ރޯވި އިރު އޭގައި ގެސްޓަކު ނެތެވެ.

ރާއްޖޭގެ ސަފާރީތަކާ ބެހޭ މައުލޫމާތު ހުރި ބައެއް ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުގައި "ބްލެކް ޕާލް" ސަފާރީ ދޯނީގެ ދިގުމިނުގައި 95 ފޫޓް ހުރެ އެވެ. އަދި ފުޅާ މިނުގައި 26 ފޫޓް ހުރެ އެވެ. އަދި އެ އުޅަނދުގައި ތިން ޑެކް ހިމެނޭއިރު ހަތް ކޮޓަރި ހުރެ އެވެ. މިއީ 2002 ވަނަ އަހަރު ބަނދެފައިވާ އުޅަނދެކެވެ. އަދި 2007 ވަނަ އަހަރު ވަނީ މުޅި އުޅަނދު އެކީގައި އާކޮށްފަ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait