ތަސްމީން އަލީ

ޖީއެމްއާރާ އަޅުގަނޑު ބައްދަލުކޮށްފިއްޔާ ނަން ވާނީ ރިޝްވަތު ހިފާކަމަށް: ތަސްމީން

އަހުމަދު ހަމްދޫން
21 ސެޕްޓެމްބަރ 2012 16:11 30 ކޮމެންޓު
  • އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ތަސްމީން ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް ސެކްރެޓަރީއާ ބައްދަލު ކުރައްވަނީ.---ހަވީރު ފައިލް ފޮޓޯ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އިސް ބޭފުޅުންނާ އޭނާ ބައްދަލު ކުރައްވައިފި ނަމަ ވާދަވެރި ޕީޕީއެމްގެ އިސް ބޭފުޅުންގެ ނަޒަރުގައި އެއީ ރިޝްވަތު ހިފުމާއި ޑީލް ހެދުން ކަމަށް ވިދާޅުވެ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ޕީޕީއެމަށް ބަހުގެ ހަމަލަތަކެއް ދެއްވައިފި އެވެ.

"ރައީސް މައުމޫން ބައްދަލު ކުރައްވައިފިއްޔާ އެއީ ސްޓޭޓްސްމަންޝިޕް. ލީޑަރުން ވީމާ ބައްދަލުކުރަން ޖެހޭނެ. ގައުމުގެ ބޮޑެތި މީހުންނާ ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމުގެ ވާހަކަ ދައްކަންޖެހޭނެ. މިއީ މިވާ ގޮތަކީ،" ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވި އެވެ.

ޖީއެމްއާރު މައްސަލާގައި އޭނާ ވިދާޅުވީ ސައްހަ އެގްރީމަންޓަކަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެފަދަ އެގްރީމަންޓަކަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ސީރިއަސް އެއްވެސް ސިޔާސީ ލީޑަރަކު ވިދާޅު ނުވާ ކަމަށެވެ. ހާއްސަކޮށް ޖީއެމްއާރުން ބޭނުންވާ ގޮތަށް ކަންތައް ޑީއާރުޕީން އަމަލުކުރާ ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރާ ޕީޕީއެމްގެ އެންމެ އިސް ބޭފުޅުން ވެސް އެ ގޮތަށް ވިދާޅުނުވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވިތޯ؟ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިތޯ؟ ދުންޔާ އަބްދުލް ގައްޔޫމް ވިދާޅުވިތޯ؟ އެހެނެއް ނޫން އެ ޕާޓީގެ އިސްބޭފުޅުންނެއް ވެސް ނޫން. ސެކަންޑް ޑިވިޝަންގެ ބައެއް ބޭފުޅުން ތަފާތު ވާހަކަތައް ދައްކާ. ސީރިއަސް ސިޔާސީ މީހަކަށެއް ނުބުނެވޭނެ އަޅުގަނޑުމެން ދައުލަތުގެ އިސް މަގާމުތަކަށް ވާދަކުރަން ނޫނީ އެ މަގާމުތަކުގައި ހިދުމަތް ކުރަން އުޅޭ މީހުންނަކަށް ނުބުނެވޭނެ ދައުލަތުން ކޮށްފައި އޮތް ސައްހަ އެގްރީމަންޓަކަށް ވިޔަސް އަޅުގަނޑުމެން އަމަލު ނުކުރާނަމޭ،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން ބޮޑުވަޒީރާ ބައްދަލުކުރެއްވުމުން ޕީޕީއެމްގެ ބޭފުޅުންނަށް މައްސަލައަކަށްވި ކަމަށެވެ. ތަސްމީންގެ ވާހަކައިގައި ވަނީ ޖީއެމްއާރުގެ އިސްވެރިޔާ ޖީއެމް. ރާއޯ އާއި މައުމޫން ބައްދަލު ކުރެއްވިކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ]ޖީއެމްއާރުގެ އިސްވެރިޔާ[ ބައްދަލެއް ނުކުރަން. އަޅުގަނޑުމެން ބައްދަލުކޮށްފިއްޔާ ހީވާނީ މިތަނުގައި ހުޅުޖަހައިގެން އުޅޭހެން. އެހެންވީމާ މާ ބޮޑަށް މީގައި ޑަބަލް ސްޓޭންޑް މި އޮތީ. އަޅުގަނޑު ބައްދަލުކޮށްފިއްޔާ ޕީޕީއެމްގެ ބައެއް ފަންތީގެ ބޭފުޅުންނަށް ]ހީވާނީ[ އެއީ ރިޝްވަތު ހިފުމާއި ޑީލް ހެދުމޭ،" ތަސްމީން ވިދާޅުވި އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާ ގުޅޭ ގޮތުން އޭނާ ރޭ ވެސް ވިދާޅުވީ އެކަން ކުރަންވާނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. އެ ގޮތުން ޖީއެމްއާރު އެގްރީމަންޓުން ދައުލަތަށް ނުކުމެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ސައްހަ އެގްރީމަންޓެއް ނޫންކަމަށް ކަނޑައެޅުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން އެކަން ވެއްޖެ ނަމަ ދިވެހި ދައުލަތުން ޖީއެމްއާރަށް އެއްވެސް ބަދަލެއް ނުދީ ސަލާމަތްވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ވެސް ބޭނުންވާ ގޮތް. އަޅުގަނޑު ހިތުން ގިނަ ދިވެހިން ވެސް ބޭނުންވާ ގޮތް،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރާ ޑީއާރުޕީއާ ގުޅުމެއް އޮތް ކަމެއް ދޭހަވާ ގޮތަށް ވާހަކަ ދައްކަނީ ޕީޕީއެމުން ކަމަށާއި އެއީ ސިޔާސީ ސަބަބުތަކަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީ ފިޔަވައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ އަދިވެސް ޑީއާރުޕީ ކަމަށްވާއިރު ޕީޕީއެމަށް ޑީއާރުޕީއާ ވާދަކުރެވޭނީ ޑީއާރުޕީ ނިކަމެތިކޮށްގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެ ގޮތަށް ޕީޕީއެމުން ޑީއާރުޕީއާ ދޭތެރޭގައި ވާހަކަތައް ދައްކަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީ ދޫކޮށްދިޔަ ބޭފުޅުން ޕީޕީއެމް އުފެއްދުމަށް ފަހު އަދިވެސް ޑީއާރުޕީގައި 27،000 މެމްބަރުން ތިބުމަކީ ކާމިޔާބީއެއް ކަމަށެވެ.

"ރައީސް މައުމޫން މިދިޔަ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިންނެވިއިރު ތިއްބެވީ .28،000 އެހެންވީމާ މި ޕާޓީ އުފެއްދުމުގައި އޭރު އިސްކޮށް ހުންނެވި ޒައީމާއި އެ މަނިކުފާނުގެ މުޅި އާއިލާ އާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި އެތައް ބަޔަކު ނުކުމެގެން ދިޔައީމާ މި ޕާޓީގައި މިއަދު 27،000 މެމްބަރުން ތިބީމާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިއްޖެއޭ. އެ ބޭފުޅުން ކުރަން އުޅުނު ކަމެއް ނުކުރެވުނޭ. އެކަމުގެ ހިތި މިއަދު އިހުސާސް ކުރެވިގެން އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ކިޔާލެއް ގިނައީ. އަޅުގަނޑުމެންނަކީ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް ބާތިލު ވޯޓާ ހަމައަށް ވެސް ނާންނާނެ ބައެއް. ދެން އެ ވާހަކަ ދައްކަވާ ބޭފުޅުންނާ މެދު އަޅުގަނޑު އެއްޗެއް ނުދަންނަވާނަން،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އެގްރީމަންޓު އުވާލާނަމަ ދައުލަތުން ވަރަށް ބޮޑު އެއްޗެއް ދައްކަންޖެހޭ އިރު އެ އަދަދު ދެއްކިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ އެ ކަމަށް ވެސް ރިއާޔަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތް ސަތޭކަ މިލިއަން ޑޮލަރަކީ ކުޑަ އެއްޗެއް ނޫން. އަޅުގަނޑު ކުޑަކޮށް ހިސާބު ހަދާލިން. ގާތްގަނޑަކަށް 400 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވޭނެ. ހަތަރު ސަތޭކަ، ފައްސަތޭކަ ސްކޫލު އެޅޭހާ ލާރި މިއީ. ތިން ސަތޭކައަށް ވުރެ ގިނަ ބަނދަރު އެޅޭހާ ލާރި މިއީ. އެހެންވީމާ މިވަރުގެ އެއްޗެއް އަޅުގަނޑުމެންގެ ދައުލަތުން ނަގާފައި ދޭން ޖެހިއްޖިއްޔާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިކުނޑިން ވިސްނައިގެން މިކަން ކުރާ ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން މި ކުޑަ ކުރެވޭތޯ، އެންމެ ލުއި ގޮތަކީ ކޮބައިތޯ އަދި މިއިން ދައްކަންޖެހޭ އަގަކީ ކޮބައިތޯ، މި ކަންކަމަށް ވިސްނަންޖެހޭނެ،" ތަސްމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައި ވަނީ ޖީއެމްއާރު އެއްބަސް އުވާލައިފި ނަމަ، ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ ނިސްބަތުން ކުޑަ އެއްޗެއް ކަމަށެވެ. އެމްއޭސީއެލް އިން ބުނެފައި ވަނީ އެއްބަސްވުން އުވާލައިފި ނަމަ 700 މިލިއަން ޑޮލަރު ދައްކަން ޖެހުނަސް އެއީ 25 އަހަރު އެއާޕޯޓް ހިންގުމުން ލިބޭ އާމްދަނީއާ އަޅާބަލާއިރު ނިސްބަތުން ކުޑަ އެއްޗެއް ކަމަށެވެ. އެ ގޮތުން ޖީއެމްއާރުން ނަގާ ފީތަކާއެކު އެމްއޭސީއެލް އިން އެއާޕޯޓް ހިންގައިފި ނަމަ 25 އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ޖީއެމްއާރާ ދެކޮޅަށް ސަރުކާރާ ގުޅިފައިވާ ޕާޓީތަކުން ކުރަން ފެށި އާ މަސައްކަތުގެ މައުލޫމާތު މީޑިއާ އަށް ދިނުމަށް މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ޑީއާރުޕީ ބައިވެރިނުވި މައްސަލާގައި ތަސްމީން ވިދާޅުވީ އޭގެ ކުރިން އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އޭނާއާ ބައްދަލު ކުރެއްވި ކަމަށާއި ކަންބޮޑުވާ ކަންތައްތައް އިމްރާނަށް ދެންނެވި ކަމަށެވެ.

"ކުރަން އުޅޭ ކަންކަން ސާފެއް ނުވޭ. ކުރިއަށް ދާންވީ މަގެއް ސާފެއް ނޫނޭ. ބައެއް ފަހަރު މިވާ ގޮތަކީ ބައެއް ކަހަލަ ހަރަކާތްތައް ބާއްވާފައި އަޅުގަނޑުމެން ނުކުމެދާނެ މުޒާހަރާ ކުރަން ނޫނިއްޔާ ބައެއް ބޭފުޅުންގެ ހިޔާލުތަކުގައި ހުރޭ ގޮސް އެއާޕޯޓު ހިފުން ވެސް. މުޒާހަރާގެ ތެރެއިން ގޮސް އެތަނަށް އަރާ ސިޔާސީ ގޮތުން ކުރާ ކަންތައްތަކުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑަށް ގެއްލުންވާނެ ކަންތައްތަކެއް. އެހެން ނިންމަވާނީކީ ނޫން. އެކަމަކު ކުރާ ކަންތައްތައް ޔަގީން ނުވަނީސް، އެޖެންޑާއެއް ނެތި އަޅުގަނޑުމެން އެ މޭޒުގައި، އެތަނުގައި ތިބީމާ ދެން ނިމިގެން އަންނަ ހުރިހާ ކަމަކަށް އެއްބަސްވެވެނީ. އެ ގޮތް އަޅުގަނޑަކަށް ހިތްފަސޭހައެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

30 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait