އިކޮނޮމިކް މިނިސްޓްރީ

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަތައް ވަގުތީގޮތުން ބާތިލްކޮށްފި

14 އޮކްޓޯބަރ 2012 19:57 83 ކޮމެންޓު
  • ދަންވަރު 1:00 ހާއިރު ހާބަރު ކަޑައަކުން ނުކުތް ދެ މީހަކު ސައިކަލުގައި ނައްޓާލާ އިރު ފިހާރައެއް ހުޅުވާފައި: ދަންވަރު ވެސް ގިނަ އަދަދެއްގެ ބަޔަކު މި ތަންތަނަށް ދޭ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަތައް މާދަމާ އިން ފެށިގެން ވަގުތީގޮތުން ބާތިލްކުރާ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ. މި ގޮތަށް ހަމަޖެއްސުމާ އެކު، މާދަމާ އިން ފެށިގެން، 24 ގަޑިއިރު ވިޔަފާރިކުރުން މަނާވީ އެެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ މިއީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިހާރުން މިހާރަށް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ފިޔަވަޅެއް ކަމަށެވެ.

ސައުވީސް ގަޑި އިރު ވިޔަފާރިކުރުން ވަގުތީގޮތުން މަނާކުރުމުގެ އިތުރުން، އެ ހުއްދަ އިތުރު ފަރާތްތަކަށް ދޫ ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައިހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ސައިހޮޓަލާއި ރެސްޓޯރެންޓާއި އިމްޕޯޓް މުދާ ވިއްކާ ތަންތަނުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ޑިސެމްބަރު 26، 2010 ގައި ނެރުނު އިއުލާނެއްގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"...ހުއްދަތައް ވަގުތީގޮތުން ބާތިލްކުރުމުން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިމްޕޯޓް މުދާ ވިއްކާ ތަންތަން ރޭގަނޑު 11:00 އާއި ފަތިހު 5:00 އާ ދެމެދު ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސައި ހޮޓަލާއި ރެސްޓޯރެންޓް މެންދަމު 1:00 އާއި ފަތިހު 4:30 އާ ދެމެދު ހުޅުވާފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އިކޮނޮމިކް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

83 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait