ޝެއިޚު އިމްރާން އަބްދުﷲ

ރަވީ ޝަންކަރާ ރައީސް ވަހީދު ބައްދަލުކުރުމަކީ މައްސަލައެއް ނޫން: ޝައިހު އިމްރާން

އަހުމަދު ހަމްދޫން
10 ޑިސެމްބަރ 2012 14:36 58 ކޮމެންޓު
  • ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ރޭ ރަވީ ޝަންކަރާއެކު ފޮޓޯ ސެޝަނެއްގައި. --ފޮޓޯ: ރައީސް އޮފީސް

ހިންދީ ދީނުގެ އިސް މީހެއް ކަމަށްވާ ރަވީ ޝަންކަރުއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ ދެކަނބަލުން ބައްދަލު ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާ ގުޅިފައިވާ އަދާލަތު ޕާޓީގެ ރައީސް މިހެން ވިދާޅުވިއިރު، ރައީސް ވަހީދު ރަވީ ޝަންކަރާ އެކު އިއްޔެ ރޭ މުލީއާގޭގައި ބޭއްވެވި ބައްދަލުވުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

މި މައްސަލާގައި "ހަވީރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އިމްރާން ވިދާޅުވީ މީހަކާ ރައީސް ވަހީދު ބައްދަލު ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މައްސަލަ އަކަށް ވާނީ އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި ކުރި ކަމެއް. އެއްވެސް މީހަކު، މީހަކާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަކަށް ނެހެދޭނެ. ބައްދަލުކޮށްފައި ކުރާ ކަމެއް ނޫނީ ދައްކާ ވާހަކައެއް މައްސަލައަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ހިންދީ ދީން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ރަވީ ޝަންކަރާ ރައީސް ވަހީދު ބައްދަލުކުރައްވަން ޖެހިވަޑައިގެންނެވި ސަބަބާއި އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފުސީލު ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވީ ޕިއްލޭ، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަތުމުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވިއިރު ރަވީ ޝަންކަރާ ރައީސް ވަހީދު ބައްދަލުކުރެއްވުމުން މައްސަލައަކަށް ނުވަނީ ކީއްވެތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ވާހަކަތައް ޕިއްލޭ ރާއްޖޭގައި ދައްކަވާފައިވާ ކަމަށެވެ. އެހެންވެ އެކަމާ ދެކޮޅަށް އޭރު ތެދުވީ ކަމަށް އިމްރާން ވިދާޅުވި އެވެ.

ރަވީ ޝަންކަރަކީ "އިސްލާމްދީނާއި ހިންދުއިޒަމްގައި ކަލާނގެ" ނަމުގައި 2006 ގައި އިންޑިއާގެ ބެންގަލޫރުގައި ޑރ. ޒާކިރް ނަޔަކްއާ އެކު ބަހުސެއް ބާއްވާފައިވާ ބޭފުޅެކެވެ. އަދި އިންޑިއާގައި ހިންދީ ދީން ކުރިއަރުވަން މަސައްކަތް ކުރުމުގައި އޭނާ އަކީ ވަރަށް އިސް އަދި ހިންދީ ދީނުގެ ގިނަ ބަޔަކު ގަބޫލުކުރާ މީހެކެވެ.

ރަވީ ޝަންކަރަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ރޮނގުން ދުނިޔެ އަށް މަޝްހޫރު ބޭފުޅެކެވެ. ދުނިޔެއަކީ ހަމަނުޖެހުންތަކުން ސަލާމަތްވެގެންވާ ތަނަކަށް ހެއްދެވުމަށް އޭނާ ވަކާލާތު ކުރައްވަ އެވެ. އަދި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ރޮނގުން 150 އަށް ވުރެ ގިނަ ގައުމުގައި ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގާފައިވާ އެންޖީއޯއެއް ކަމަށްވާ ދި އާޓް އޮފް ލިވިންގެ ބާނީ އަދި އެ ޖަމިއްޔާގެ ރޫހީ ލީޑަރަކީ ވެސް ރަވީ ޝަންކަރެވެ. އެ ޖަމިއްޔާ އަކީ ދީންތަކުގެ މެދުގައި ހުންނަ ރަނގަޅު، އެއްގޮތް ކަންތައް ޕްރޮމޯޓްކުރުމުގެ ނަމުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ރައީސް އޮފީހުން ބުނީ ރަވީ ޝަންކަރުގެ ޝަރަފުގައި ރައީސް ވަހީދުގެ ދެކަނބަލުން ބޭއްވެވި ބައްދަލުވުމުގައި، އިންސާނިއްޔަތަށް އޭނާ ކުރައްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރައްވައި ހަނދާނީ ފިލައއް ދެއްވި ކަމަށެވެ.

58 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait