ށ. ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ލިބުނު ދަރިފުޅު ވަޅުލި މައްސަލަ ތަހުގީގުކުރި އިރު ފެންމަތިވި އެހެން މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކުރުމަށް ޖުވެނައިލް ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ ޖޫން މަހު، ވިހެއުމަށް ފަހު ވަޅުލާފައި އޮތް ކުއްޖާ ފެނުނީ 15 އަހަރުގެ ކުއްޖާ އުޅޭ ގޭގެ ގިފިލިތެރެއިންނެވެ. ކައިވެންޏެއް ނުކޮށް ލިބުނު ދަރިފުޅު ވަޅުލާފައި އޮއްވައި ފެނުނުއިރު ކުއްޖާ އޮތީ މަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް، ކުއްޖަކު މެރުމުގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
ތަކުރާރުކޮށް ޖިންސީ ގޯނާ ލިބެން ދިޔަ ކަމަށް ރަށު މީހުން ބުނާ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކުރަނީ އެހެން މައްސަލަޔަކާ ގުޅިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެއްވަ އެވެ. އޮފިޝަލް ވިދާޅުވީ ދައުވާކުރަން ޖުވެނައިލް ކޯޓަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ތުއްތު ކުއްޖާ ވަޅުލި މައްސަލައާ ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާކުރާއިރު އިތުރު ދައުވާތަކެއް ވެސް އެ ދެ މީހުންގެ މައްޗަށް ކުރެ އެވެ. އެގޮތުން ފިރިހެން މީހާގެ މައްޗަށް، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަކާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރ ެއެވެ. އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގާކަން އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާ އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވެސް ކުރަން ވަނީ ފޮނުވައިފަ އެވެ.
މި ދައުވާތަކުގެ ޝަރީއަތްތައް ކޯޓުތަކުގައި އަދި ނުފަށަ އެވެ.

5 comments