ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން 150 މިލިއަން ޑޮލަރު ( 2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ތުރުކީގެ އެގްޒިމް ބޭންކުން ނަގަން ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތުރުކީގެ އެގްޒިމް ބޭންކުން ލޯނު ހޯދަން މަޝްވަރާކުރުމަށް މިމަހުގެ 11 ވަނަ ދުވަހު ތުރުކީ އަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ޖިހާދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
"ތުރުކީގެ އެގްޒިމް ބޭންކުން އެ މަޝްރޫއަށް ބޭނުންވާ ފައިސާ ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު. އަޅުގަނޑުމެން މިދަނީ ބްރިޖްގެ ކޮންސެޕްޓް ޑިޒައިން އާއި އެއާ ގުޅޭ އެހެނިހެން ޑޮކިއުމަންޓްތައް ހިފައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުލެ- މާލެ ބްރިޖް އެޅުމުގެ މަޝްރޫއު އަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އަދި އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ތަފާތު ކޮންސެޕްޓްތައް ވެސް ސަރުކާރުން ކުރިން އާއްމުކޮށްފައިވެ އެވެ.

68 comments