ރައީސް މުހައްމަދު ވަހީދު ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު، ފަސް ވޯޓު ތިން ވޯޓުން ފާސްކޮށްފި އެވެ. އަދި އެކަމާ މެދު މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވާ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން މިގޮތަށް ނިންމީ ގާނޫނު އަސާސީގެ 99 މާއްދާއަށް ބިނާކޮށެވެ. "މީހުން ހާޒިރުކުރުން" ސުރުޚީގެ ދަށުން ހަދާފައިވާ މި މާއްދާގެ ހ. ގައި ބުނަނީ "ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިއުމެއް ހުށަހަޅުމަށް އެންގުން. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް އެނގި ހުރި އެންމެ ރަނގަޅަކަށް ތެދުވަހުން ޖަވާބުދޭންވާނެ" ކަމަށެވެ.
ކޯނީގެ ރިޕޯޓްގައިވާ ކަންތައްތައް ބެލުމަށް މި ކޮޓީން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ކޯނީގެ ތަހުގީގަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޑީއެފްގެ ކުރީގެ ބައެއް އިސް ފަރާތްތަކާއި މިހާރުގެ ބައެއް އިސްވެރިން ދެއްވާފައިވާ ބަޔާންތައް މަޖިލިހަށް ހުށަހެޅުމަށް ދެ ފަހަރެއްގެ މަތިން ސަރުކާރަށް ވަނީ އަންގާފަ އެވެ. އެކަމަކު ސަރުކާރުން އެ ބަޔާންތައް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން އެ ބަޔާންތައް ފޮނުވައިދެއްވުމަށް ރައީސް ވަހީދުގެ މައްޗަށް އަމުރެއް ނެރެން ފާސްކުރަން ވެސް ކޮމިޓީން މިއަދު މެންދުރު ކުރިން ބޭއްވި ބައްދަލުވުމުގައި ވޯޓަށް ވެސް އެހި އެވެ. އެކަމަކު އެފަހަރުގެ ވޯޓުގައި އެކަށީގެންވާ އަދަދަށް ވޯޓު ލާފައެއް ނުވެ އެވެ. އެހެންކަމުން އެ އަމުރު ނެރެވޭ ގޮތެއް ނުވި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޯނީގެ ބައެއް ބަޔާންތައް މަޖިލީހަށް ފޮނުއްވައި ދެއްވުމަށް ރައީސް ވަހީދަށް ދެންނެވީ ގާނޫނު އަސާސީއާ ހަވާލާ ދީ ކަމަށްވާއިރު ގާނޫނު އަސާސީއާ އެ މަނިކުފާނު ހިލާފުވެވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށެވެ.
"...ހިލާފުވެ ވަޑައިގެންތާނގައި އަދި އެ ހިލާފުވެވަޑައިގެންނެވާ ސަބަބު ނުވަތަ [ބަޔާންތައް] ނުފޮނުއްވާ ގާނޫނީ ހުއްޖަތް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަމަވެސް އޭގައި ކައުންޓާ އާގިއުމަންޓެއް އޮތީސް ނުވަތަ އަޅުގަނޑުމެންނަށް އިތުރަށް ވިސްނަން އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ކޯނީގެ ބަޔާންތަަައް މަޖިލީހަށް ނުފޮނުއްވުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.
ކޮމިޓީން އެދިފައި ވަނީ ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް
ކަލޭފާނާއި އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އެމްއެންޑީއެފްގެ
ކުރީގެ ޗީފް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި މާލޭ އޭރިއާގެ ކުރީގެ
ކޮމާންޑަރު ބްރިގޭޑިއާ އިބްރާހިމް މުހަންމަދު ދީދީ އާއި ކުރީގެ ޕޮލިސް
ކޮމިޝަނަރު އަހުމަދު ފަސީހާއި މިހާރުގެ ޗީފް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް
އާއި ބްރިގޭޑިއާ ޖެނެރަލް އަދި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ކުރީގެ
ހެޑް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް އަދި ކާނަލް މުހަންމަދު ޒިޔާދުގެ
ބަޔާންތައް ހޯދުމަށެވެ.
އެ ބަޔާންތައް ރައީސް ވަހީދު ނުފޮނުއްވުމުން
ބައެއް ބޭފުޅުން ވަނީ ކޮމިޓީގެ ކުރީގެ ޖަލްސާގައި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި ގާނޫނު އަސާސީއާ
ހަވާލާދީ، އެ ބަޔާންތައް ފޮނުއްވައި ދެއްވުމަށް ކޮމިޓީން އެދުމުން އެއަށް
ތަބާވެވަޑައިނުގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ހިލާފުވުން
ކަމަށް ވެސް ގިނަ މެމްބަރުން ވިދާޅުވި އެވެ.
72 comments