ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "އެލްއެސްޑީ"ގެ ފޭކް ބާވަތެއް ރާއްޖޭގައި ސަޕްލައި ކުރަމުން އަންނަ ކަމުގެ ރިޕޯޓް ލިބިފައިވާ ފުލުސް ކޮމިޝަނަރު އަބްދު ﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އޭނާގެ މި ވާހަކަ މިއައީ ކުއްލި ގޮތަކަށް އިއްޔެ އާއި މިއަދު ދެ ޒުވާނަކު މަރުވެފައި އޮއްވާ ފެނިފައި ވަނިކޮށެވެ.
އިއްޔެ ފަތިހު 19 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ މަގުމަތިންނެވެ. ހެންވޭރު އަޑު ޕާކް ތެރޭގައި މަރުވެފައި އޮއްވާ ރޭ ފަތިހު ފެނުނީ 21 އަހަރުގެ ޒުވާނެކެވެ.
މިއަދުގެ މަރު މީޑިއާގައި ރިޕޯޓް ކުރިތާ މާ ގިނައިރުތަކެއް ނުވެ ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެލްއެސްޑީ އަކީ ވަރަށް ބާރުގަދަ ޑްރަގްގެ ބާވަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ހިތް ހުއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.
"އެ ބާވަތުގެ ފޭކް ޑްރަގްތަކެއް ސަޕްލައިކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި ޑްރަގް ބޭނުންކުރާ ބައެއް މީހުން އެ ބޭނުންކުރަމުންދާ ކަމުގެ ރިޕޯޓްތައް އަންނަނީ ލިބެމުންނެވެ،" ރިޔާޒްގެ ޓްވީޓްގައިވެ އެވެ.
އިއްޔެ ހުޅުމާލޭގެ މަގެއްގެ މަތީގައި މަރުވެފައި އޮއްވާ ފެނުނު މ. މާކަރީ މުހައްމަދު ޝަހުދު ނާޒިމް، 19 މަރުވީ އޯވަޑޯޒް ވެގެން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ އޭނާ މަރުވި ސަބަބެއް ނޭނގޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރޭ ފަތިހު މަރުވެފައި އޮއްވާ ފެނުނު ހ.އޮގަސްޓާ އަހުމަދު ނަޒީފު ޝައުކަތު، 21، މަރުވި ސަބަބެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރުން އަނިޔާގެ ނިޝާނެއް ފެންނާކަށް ނެތެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
63 comments