ޕޮލިސް

ކުރީގެ ސްޓޭޓް މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

އަލީ ޔޫސުފް
07 ފެބުރުއަރީ 2013 11:29 43 ކޮމެންޓު
 • ޝާހިދު: ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާއި އަދި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް އަދާކުރެއްވި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދު ޝާހިދު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ ވެރިޔަކަށް ޝާހިދު ހުންނެވި އިރު ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތައުގީގަށް ކަމަށެވެ. އޭސީސީން ބަލަމުން ދާ މި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި މީގެ ކުރިން މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޝާހިދު އޭނާގެ ގެއިން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭނާ ގެންދިޔައީ ގާތްގަނޑަކަށް 11:00ގައި "ސްޓާ ފޯސް ގްރޫޕެއްގެ މެދުގައި ބަހައްޓައިގެން" ނެވެ. ނަމަވެސް އޭނާ ގެންދިޔައީ ބިޑި ނާޅުވައި ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.

އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފައިސާ ނެގި ފޯމްތަކުގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ ފޯމްތަކަށް އިންވޮއިސް ތައްޔާރުކޮށްގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް 700 އަށް ވުރެ ގިނަ އިންވޮއިސް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން 571 އިންވޮއިސް އަށް 24 މިލިއަން ރުފިޔާ އޮޅުވާލައިގެން މަކަރާއި ހީލަތުން ދައުލަތުގެ މާލިއްޔާއިން ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓު ނިންމާލަމުން ބުނެފައި ވަނީ ޑީއެމްސީގެ ތެރެއިން ހިންގާފައިވާ އެ ހިޔާނާތުގެ މުޅި މުއާމަލާތަށް ބަލާއިރު އެއީ ދައުލަތުގެ މުހިންމު ދެ މުއައްސަސާއެއްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގެން ހިންގާފައިވާ ހިޔާނަތެއް ކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އެކަމުގައި އެ ބޭފުޅުންގެ އިހުމާލު ވަރަށް ބޮޑު ކަމަށް ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

43 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait