މިދިޔަ އަހަރުގެ ފެބްރުއަރީ 8 ގައި އެމްޑީޕީގެ މީހުންނަށް އަނިޔާކުރި ފުލުހުންގެ ތެރެއިން ވަޒީފާއިން ވަކިކުރަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން އެންގި ފުލުހުންގެ މައްސަލަތައް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
ޖަމީލް ވިދާޅުވީ ފުލުހަކު ގާނޫނާ ހިލާފު އަމަލެއް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކޮށްފި ނަމަ އެކަމާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތާއި ފުލުހަކު ވަޒީފާ އިން ވަކިކުރެވޭނެ އުސޫލުތައް ފުލުހުންގެ ގާނޫނާއި ގަވާއިދުތަކުގައި ލިޔެފައިވާ ކަމަށެވެ. އެ އުސޫލުތަކުގެ ދަށުން ނޫން ގޮތަކަށް ފުލުހަކު ވަޒީފާ އިން ވަކިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކޮމިޝަނަކީ [ޕީއައިސީ] ވެސް ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެއް. އެ ކޮމިޝަނުން އެންގިއެކޭ ކިޔާފައި އަޅުގަނޑަކަށް ފުލުހަކު ވަތްކެއް ނުކުރެވޭނެ. އެހެންވެ އަޅުގަނޑަށް ސިޓީ ލިބުމާ އެކު އެ މައްސަލަ އަޅުގަނޑު ވާނީ [ފުލުހުންގެ] ޑިސިޕްލިނަރީ ބޯޑަށް ފޮނުވާފައި،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީ 8 ގައި އަނިޔާކުރި ކަމަށް ޕީއައިސީން ބުނެފައިވާ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ފަހު އޭނާގެ މައްސަލަ ކޯޓުން ސާބިތު ނުވެއްޖެ ނަމަ، ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވާނެ ކަމަށެވެ.
ފެބްރުއަރީ 8 ގައި އަނިޔާކުރި މައްސަލައާ ގުޅިގެން ޕީއައިސީން 29 ފުލުހެއްގެ މައްސަލަ ބަލަމުންދާއިރު ހަ ފުލުހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލަށް ވަނީ ފޮނުވައިފަ އެވެ. ވަޒީފާއިން ވަކިކުރަން އަންގާފައިވަނީ ވެސް އެ ހަ ފުލުހުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލަތައް ކޯޓުން ނުނިމުނަސް، އެ ފުލުހުން މާރާމާރީ ހިންގި ކަމަށް ސާބިތުކުރެވޭ ވަރަށް ހެކި ހުރުމުން ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށް ޕީއައިސީން ބުނެ އެވެ.

27 comments