ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަކީ ރިޔާސީ ރޭހުން އެމަނިކުފާނު ކަޓުވާލުމުގެ ކޭހެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިދިއަ ހޯމަދުވަހު ވިދާޅުވެއްޖެ އެވެ.
"ހަވީރަ"ށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ފެބްރުއަރީ 7 އާ ގުޅޭ ގޮތުންނާއި ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މި އަހަރުގެ ރިޔާސީ އެއް ކެންޑިޑޭޓް ތަސްމީން ވިދާޅުވީ ގާނޫނު އަސާސީން ބޭރުން ނަޝީދު ކުރެއްވި ކަންތައްތައް އެންމެ އާދައިގެ މީހާ އަށް ވެސް ފެންނާނެ ކަމަށެވެ.
"އެއީކީ ]ޝަރީއަތަކީ[ ބައެއް ގައުމުތަކުގައި ސިޔާސީ ލީޑަރުން ރޭހުން ކަޓުވާލަން ވީމާ ނެރޭ ކަހަލަ ކޭހެއް ނޫން،" ތަސްމީން ވިދާޅުވި އެވެ. "ފަހުން ވެސް ޓީވީ އަށް އަރުއްވާފައި ވިދާޅުވި އަދިވެސް މިކަން ދިމާވި ނަމަ ކުރައްވާނަމޭ ]އަބްދުﷲ ގާޒީ ހައްޔަރުކުރުން[."
ތަސްމީން ވިދާޅުވީ ނަޝީދުގެ ޝަރީއަތަކީ ބަޔަކު މީހުން އަމިއްލަ އަށް އުފައްދައިގެން އަދި ރައީސް ނަޝީދަށް ސިޔާސީ ހަމަލާއެއް ދޭން ކުރާ ކަމެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.
ފެބްރުއަރީ 7 ގައި ނަޝީދު އިސްތިއުފާ ދެއްވުމަކީ އެމަނިކުފާނު ކުރައްވަމުން ގެންދެވި ކަންކަމަށް ބަލާއިރު، ތަސްމީން ވިދާޅުވި ގޮތުގައި، "ގައުމަށް ފައިދާ ހުރި ކަމެކެ"ވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް ވެސް ކިޔަމަންވެވަޑައިނުގަތުން ފަދަ އަމަލްތައް ފެނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ތަސްމީން ސިފަކުރެއްވި އެވެ.
"ފަނޑިޔާރަކު ބަންދުކޮށްފައި ސުޕްރީމް ކޯޓުން ދޫކޮށްލަން އމުރުކުރީމާ އެއަށް އިންކާރުކޮށް، އެއަށް ވެސް އަޅާނުލީމާ ދެން ދައްކާނެ ވާހަކައެއް ނެތް،" ތަސްމީން ވިދާޅުވި އެވެ.
"އެމަނިކުފާނު އިސްތިއުފާ ނުދީ ހިފެހެއްޓި ނަމަ ރާއްޖޭގެ ނިޒާމް ރޫޅިދާނެ. ފޭލް ސްޓޭޓަކަށް ވެދާނެ. އެހެންވެ އެކަމުން ސަލާމަތްވިކަން އެއީ އުފާކުރާ ކަމެއް. ސަލާމަތްވާން މެދުވެރިވީ އެމަނިކުފާނު އިސްތިއުފާ ދެއްވުމުން."
އެކަމަކު ތަސްމީން ވިދާޅުވީ ފެބްރުއަރީ 7 އަކީ "އުފާވެރި ދުވަހެއް ނޫން" ކަމަށެވެ. އެގޮތުން ދައުރު ފުރިހަމަނުކޮށް ރައީސަކު ވެރިކަމުން ދުރަށް ވަޑައިގަތުމަކީ ދެރަކަމެއް ކަމަށާއި ޚާއްސަކޮށް ރާއްޖޭގެ އާ ޑިމޮކްރަސީގެ ފުރަތަމަ ރައީސްގެ ދައުރު ފުރިހަމަކުރި ނަމަ ރަނގަޅުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނު އިރު އޭނާ ދޫކޮށްލެއްވުމަށް ނަޝީދަށް ތަސްމީން ވެސް ދެންނެވި އެވެ. އެގޮތަށް ގާޒީއަކު ހައްޔަރުކޮށްގެން އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ދެންނެވި ކަމަށް ތަސްމީން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ނަޝީދު ހުންނެވީ "ގާނޫނު އަސާސީގެ ތެރެއަށް އެނބުރި ވަދެވަޑައިގަންނަވަން ތައްޔާރަށް ނޫން" ކަމަށެވެ.
"ރައީސް ނަޝީދަށް އަޅުގަނޑު ދެންނެވިން ތިއީ ސަސްޓެއިން ކުރެވޭނެ ކަމެއް ނޫނޭ. ފައިދާ ހުރި ކަމެއް ނޫނޭ. ގާނޫނު އަސާސީގެ ތެރެއަށް ވަންނަވާށޭ،" ތަސްމީން ވިދާޅުވި އެވެ.
13 comments