ވާރޭ ނުވެހާތާ ގިނަ ދުވަސްވެގެން ހަ ރަށަކުން ބޯފެން ހުސްވެ، ފެން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
ޑިޒާސްޓާ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި، ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ފެން ހުސްވެގެން ރިޕޯޓްކޮށްފައި ވަނީ ދ. ކުޑަހުވަދު އާއި އެ އަތޮޅު ބަނޑިދު އާއި ލ. ކުނަހަންދު އާއި ބ. ހިތާދު އާއި ތ. އޮމަދޫ އަދި އެ އަތޮޅު ވިލުފުށިން ކަމަށެވެ. އޭގެތެރެއިން ބައެއް ރަށްރަށުގައި އެއްގޮތަކަށް ވެސް ބޯފެން ނެތްއިރު އަނެއްބައި ރަށްރަށުގައި ހުރީ ވަރަށް މަދު ފެންކޮޅެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެ ރަށްރަށަށް އަޅުގަނޑުމެން މިދަނީ ވަރަށް އަވަހަށް ފެންފޯރުކޮށްދެވޭތޯ ބަލަމުން، އެގޮތުން އެކަން ކުރުމަށް ބަޔަކު ހޯދަންވާނީ އިއުލާންކޮށްފައި،" އަހުމަދު ވިދާޅުވި އެވެ.
އާންމުކޮށް ރަށްރަށުން ބޯފެން ހުސްވަނީ އިރުވައި މޫސުމާ ދިމާކޮށް އެޕްރީލްމަހު ހިސާބުގަ އެވެ. އަހުމަދު ވިދާޅުވީ މިއަހަރު ރަށްރަށުން ބޯފެން ހުސްވަން ފަށާފައި މިވަނީ މާކުރިން ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ހަފުތާގައި ވެސް ޖެހިޖެހިގެން ތިން ރަށަކުން ގުޅި. މިއަހަރު ތެރޭ މިހާރު ރަށްރަށުން މި ފެށީ ރިޕޯޓްކުރަން މިހާއަވަހަށް. މިއީ އެހެން އަހަރުތަކުގައި ދިމާވާ ކަމެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.
ރަށްރަށަށް ފެންފޯރުކޮށް ދިނުމުގެ ހިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް ޑިޒާސްޓާއިން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ. އަހުމަދު ވިދާޅުވީ ބިޑިން ޕްރޮސެސް ނިންމުމަށް ފަހު އަންނަ ހަފުތާގެ ތެރޭގައި ފެންފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ފޮޓޯ އިން ހަބަރު
7 comments