ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލާގައި އިންޓަޕޯލުން ރެޑްނޯޓިސް ނެރެގެން ހޯދަމުން ދިޔަ 10 މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓަރު އަބްދުﷲ ޝަތީހު ވިދާޅުވީ ލ. ގަމު ތުނޑީ އަވަށު، ލަވް ސައިޑް، އަބްދުއްލަތީފް އިބްރާހީމް، 30 ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ރާއްޖެ އައުމުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ސަލްޓަން ޕާކްގައި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮން ގޮއްވާލުމަށް ބޭނުންކުރި ފޯނާއި އަބްދުލްލަތީފާ ގުޅުން ހުރި ކަމާއި މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާ އޭނާއާ ގުޅުން ހުރިކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޝަތީހު ވިދާޅުވީ ބޮން ގޮއްވި ހާދިސާ އަށް ފަހު އަބްދުލްލަތީފް ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައި ވަނީ އިމިގްރޭޝަން އޮފިސަރަކާ ގުޅިގެން އެހެން ނަމެއްގައި ސިސްޓަމަށް އެންޓަވެގެން ކަމަށެވެ.
ފުލުހުން ބުނީ ބޮން ގޮއްވި ހާދިސާގައި ހިމެނޭ ފަސް މީހަކު އަދިވެސް ނުފެނިވާ ކަމަށެވެ.
ސަލްޓަންޕާކްގައި ބޮން ގޮއްވާލައި ޓޫރިސްޓުންތަކެއް ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މީހުންނާ އެކު 16 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ވަނީ 15 އަހަރަށް ޖަލަށްލައިފަ އެވެ.


2 comments