އާޒިމާ ޝަކޫރު

އަޅުގަނޑަކީ ގާސިމް ނަމަ ނަޝީދުގެ މައްސަލަ ބަލާ ބެންޗު އެކުލަވާލަން ވޯޓެއް ނުދޭނަން: ބަންޑާރަ ނާއިބު

ހުސައިން ފިޔާޒު މޫސާ
20 މާޗް 2013 15:01 34 ކޮމެންޓު
 • މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އާޒިމާ ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: މުހަންމަދު ވަހީދު

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ މެންބަރު ކަމަށްވާ ގާސިމް އިބްރާހިމްގެ މަގާމުގައި ހުންނެވި ނަމަ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތްތައް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދަން ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ނެގި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން އާޒިމާ މިހެން ވިދާޅުވީ ބެންޗު އެކުލަވާލަން، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓް ދެއްވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެ، އެކަމުގައި ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.

އާޒިމާ މިހެން ވިދާޅުވީ ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހިމެނޭއިރު، ގާސިމާކީ ވެސް ރިޔާސީ ކެންޑިޑޭޓަކަށްވާތީ އެވެ.

ތިމާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިވެރިވެޑައިނުގެންނެވުމަކީ އަމިއްލަ އަށް ނިންމަންޖެހޭ ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ނަޝީދުގެ ޝަރީއަތަށް ބެންޗު އެކުލަވާލި ގޮތުގެ މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދިއުމަކީ އެމްޑީޕީގެ މެމްބަރުންގެ މައްސަލަތު ވެސް ފުށުއަރާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާ އަކީ އެމްޑީޕީގެ މެމްބަރެއް ނަމަ އެ މައްސަލަ ކޮމިޓީގައި ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ހުޅުމާލޭ ކޯޓްގެ ބެންޗް މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބެލުމަކީ އެ ޝަރީއަތަށް އަސަރު ފޯރާނެ ކަމެއް ކަމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭ ކޯޓްގެ ބެންޗް އެކުލަވާލާފައި ވަނީ ގާނޫނާ އެއްގޮތަށެވެ. އަދި ބެންޗް އެކުލަވާލުމުގައި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވިދާޅުވެ އެވެ.

ޝަރީއަތުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރާ ގޮތަށް ނުވަތަ އަސަރު ފޯރާ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެ، ސުވާލު ކުރެއްވުމުން އާޒިމާ ވިދާޅުވީ މަޖިލީހުގެ ތެރޭގައި ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ހިނގާ ކަމަށް މެމްބަރުން ގަބޫލުކުރައްވާ ނަމަ އެކަމަށް ހައްލު ވެސް ހޯއްދަވަން ޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.

"މަޖިލީހުގެ މެކޭނިޒަމްގެ ތެރެއިން އެކަން ހައްލުނުކުރެވެންޏާ ހިތާމަކުރަން،" އާޒިމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

34 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait