ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޑީޕީ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) މިރޭ ޑީއާރުޕީއަށް ސޮއިކުރައްވައިފި އެވެ.
ޑީއާރުޕީ އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވީ އަޚުލާގީ ގޮތުން ގަބޫލުނުކުރެވޭ ކަންތައްތަކެއް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި ޑީއާރުޕީއާ ގުޅިވަޑައިގަތީ އެއީ ގަބޫލުކުރާ އުސޫލުގެ މަތީގައި ދެ ގޮތެއް ނުވެ އަބަދުވެސް ކުރިއަށްދާ ޕާޓީއެއް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން ޕާޓީގެ ކަންކަމާ ދުރުގައި ހުންނަަވަ އެވެ.
ނަޝީދު މިރޭ ޑީއާރުޕީއާ ގުޅިވަޑައިގެންނެވިއިރު އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބުގައި އެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެސް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު ނަޝީދަށް ލިބިވަޑައިގަތީ އެންމެ ފަސް ވޯޓެވެ.
ނަޝީދު ޑީއާރުޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފުލާގައި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މިހާރު ޑީއާރުޕީ ހަރުގޭގައި ކުރިއަށް ގެންދާ ޖަލްސާގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
49 comments