ރާއްޖެ އިސްލާހު ކުރުމުގެ ވިސްނުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިގައި ހުރި ނަމަވެސް، އެ ވިސްނުން އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އެހެން ފަރާތްތަގެ ކިބައިގައި ނެތް ކަމަށް މިރޭ ޑީއާރުޕީއާ ގުޅިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީއަށް ސޮއިކުރެއްވުމަށް ފަހު އެ ޕާޓީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޑީއާރުޕީއާ ގުޅިވަޑައިގަތީ އެއީ އެއް ވިސްނުމެއްގައި ހިފަހައްޓާ، ތަހުޒީބު ވިސްނުމެއް ގެންގުޅޭ ޕާޓީއަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑު ވަރަށް ލޯބިވާ ޕާޓީއެއް އެމްޑީޕީއަކީ. އެ ފިކުރު ވިއްކުމަށްޓަކައި، އެ ފިކުރު ކޮނޑަށް ލައިގެން ބައިނަލްއަގުވާމީ މައިދާނަށް ނުކުތިން. އެ ފިކުރު ނެގެހެއްޓުމަށްޓަކައި ޖަލުގައި އެތައް ދުވަހެއް ހޭދަކުރިން. ނަމަވެސް ހަގީގަތަކީ މިހާރު އަޅުގަނޑުމެންގެ ކުރީގެ ރައީސުންނަން ކޮށްދެވޭނެ ކަމެއް ނެތް. މާޒީގެ ތެރޭ ބަނދެގެން ތިބެވޭކަށް ނެތް،" ޑީއާރުޕީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ހިޔާލު ތަފާތުވުން ނިންމަން ޖެހޭނީ ގުޅަކުޅޭ ފަސްގަނޑަށް ގޮސްގެން ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އިއްޒަތްތެރި ތަނެއް ކަމަށެވެ. އަދި ހަމަ ރާއްޖޭގެ ޝަރުއީ ކޯޓުތަކަކީ އިހުތިރާމް ލިބެން ޖެހޭ ތަންތަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ދައުލަތަކީ އޭގެ އަގު އަޅުގަނޑުމެން ވައްޓާލައިގެން ވާނެ ތަނެއް ނޫން.
ހަމަ މިއާއެކު އަޅުގަނޑު ގަބޫލުކުރަން ރާއްޖޭގެ ރައްޔިތުން މަޖިލީހާއި އަދުލު އިންސާފު ގާއިމްކުުރުމުގެ ދާއިރާގައި ވެސް އެބަ ހުރި މައްސަލަތަކެއް. އެކަންކަން ރަނގަޅު ކުރާނެ އަހުލާގީ މިންގަނޑުގެ ތެރެއިން ރަނގަޅު ކުރެވޭނެ ޕާޓީއެއް ކަމަށް ދެކެނީ ހަމައެކަނި ޑީއާރުޕީއަކީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ދާދި ފަހުން މާލޭގައި ކުރި މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ހިޔާލު ފާޅުކުރުން އޮންނަން ޖެހޭނީ ގާނޫނުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް އެއީ މަގުމަތިން ދުއްވާފައި ދާ ވޭނެއް ފުރޮޅާލުމަކީ. އަޅުގަނޑު ގަބޫލުކުރާކަމެއް އެއްވެ އުޅުމުގެ މިނިވަން ކަމަކީ. އެހެން ނަމަވެސް ސްކޫލް ނިންމާފައިވާ ދެ ކުއްޖަކު ތިބި ކާރެއްގެ ބިއްލޫރިތައް ތަޅާލައި އެ ދެ ކުދިން ޒަހަމްކޮށްލީމަ އެއީ އެެއްވެ އުޅުމުގެ މިނިވަންކަން ކަމަކަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ އަބަދުވެސް ހިޔާލު ތަފާތުވާ ނަޝީދު ވިދާޅުވީ ޑީއާރުޕީއަކީ "ރަނގަޅު ވެހިކަލެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ބޭނުންވަނީ އެ މެކޭނިޒަމް އެކްޓިވްކޮށްލާނެ ޒުވާނުން ކޮޅެއް ކަމަށެވެ. އަދި ޑީއާރުޕީގައި ތިބީ އޭ ރިޕޯޓް ހޯދާފައިވާ މީހުން ކަމަށާއި އެމްޑީޕީގައި ތިބީ ބީ ރިޕޯޓް ލިބިފައިވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ތިބި އެންމެ ގާބިލް، އެންމެ ފުންނާބު އުސް ބޭފުޅުން ތިއްބެވީ ޑީއާރުޕީގައި. ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ވެސް އެންމެ ގާބިލް ބޭފުޅުން ތިއްބެވީ ޑީއާރުޕީގައި. ރާއްޖޭގައި ތިބި ހުރިހާ އޭ ރިޕޯޓް ލިބޭ ކުދިން މި ތިބީ ޑީއާރުޕީގައި. އަދި ހުރިހާ ބީ ރިޕޯޓް ލިބޭ ކުދިން މި ތިބީ އެމްޑީޕީގައި. އޭ ރިޕޯޓް ލިބޭ ކުދިންނާއި ބީ ރިޕޯޓް ލިބޭ ކުދިންނަށް ގައުމުގެ ކަންތައް ހިންގަން ނުލިބި ސީ ރިޕޯޓް ލިބޭ ކުދިންނަށް ގައުމުގެ ކަންތައް ހިންގަން ލިބުނީމަ ވާނެ ގޮތް މި ފެންނަނީ. މިއީ ހަގީގަތުގައި ވިސްނަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ރައްޔިތުން މަޖިލީހުގައި ވޯޓު ދޭ ގޮތަށް ފާޑު ވިދާޅުވެ، އަދި ޑީއާރުޕީ އަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީގައި އެ ދުވަހެއްގެ ވޯޓުލާނެ ގޮތެއް އެނގެނީ ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އަށް ކަމަށެވެ.
"ޑީއާރުޕީގައި އުސޫލުތައް އެބަހުރި. އެ އުސޫލްތައް ހިފަހައްޓަވާ ޕާލިމެންޓްރީ ގްރޫޕުގައި ވެސް އުޅުއްވާ ބޭފުޅުން. އަޅުގަނޑުމެންގެ ތެރޭގައި ވޯޓު ނުލާން ޖެހިއްޖެއްޔާ ވޯޓް ނުލަނީ ސަބަބުތަކެއް ހުރީމަ. އިލްޔާސް ލަބީބާއި އީވާ ހިތަށްއަރާ ގޮތަކަށް އެ ދުވަހު ވިޕްލައިން އަންނާނީ. އެހެންވީމަ އެ ގޮތަކަށް ނޫން ވިޕްލައިން ފޮލޯކުރަން ބޭނުންވަނީ. ރައްޔިތުން މަޖިލީހުގައި ވޯޓްލާއިރު އިސްވާނީ ގައުމު. އަޅުގަނޑަށް ވުރެ ގައުމު ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ކާނަލް ނަޝީދާއި އޭނާގެ ވިސްނުން އެއްގޮތް ކަމަށެވެ. އަދި ނަޝީދަކީ ވަކި އުސޫލުތަކެއް ދަމަހައްޓަވާ ބޭފުޅެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އެމަނިކުފާނު ރައްޔިތުން މަޖިލީހުގައި ދައްކަވާ ގޮތުން އެނގޭނެ އެމަނިކުފާނަކީ ވަކި އުސޫލުތަކެއް ހިފަހައްޓަވާ ބޭފުޅެއްކަން،" ކެންދޫ ދާއިރާގެެ މެމްބަރު ތަސްމީން ވިދާޅުވި އެވެ.
35 comments