މެމްބަރު އިލްހާމް އަހުމަދު

އަޅުގަނޑު ބޭނުންވެގެން ސޮއިކުރި ޕާޓީއަކީ ޖޭޕީ: އިލްހާމް

ހުސައިން ފިޔާޒު މޫސާ
18 އެޕްރީލް 2013 23:51 77 ކޮމެންޓު
  • އިލްހާމާއި އޭނާގެ އަނބިކަނބަލުން މިރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަނީ -- ހަވީރު ފޮޓޯ: މުހަންމަދު ވަހީދު

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ލިބިދާނެ ފައިދާއަކަށް ނޫން ކަމަށާއި، "ހިތާއި ނަފުސުން" ކަމަށް ޕީޕީއެމް ޑެޕިއުޓީ ލީޑަރުކަން ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އިލްހާމް ވިދާޅުވީ އޭނާ "ބޭނުންވެގެން ސޮއިކުރި ޕާޓީއަކީ ޖުމްހޫރީ ޕާޓީ" ކަމަށެވެ. އަދި އެ ޕާޓީގެ ޕޯޑިއަމް ބަދަލުކުރައްވާނީ ގާސިމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ހަޔާތުގައި ވަރަށް އުފާވެރި ރެއެއް. މިތަނަކަށް އައިސް މިހުރީ ވަރަށް އުފަލުން. އަޅުގަނޑަކީ ފަހަތަށް ނުޖެހޭނެ މީހެއް،" ޕީޕީއެމްގައި ޕްރައިމަރީގައި ބަލިވެވަޑައިގެންނެވި އުމަރު ނަސީރަށް ތާއިދުކުރެއްވި އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ އާއި އަމިއްލަ މަގާމަކަށް ވުރެ ގައުމާއި އިސްލާމްދީން މުހިންމު ވާނެ ކަމަށާއި "މުހިންމު ވާނީ ނިކަމެތިންނަށް ކަންކަމުން މިންޖުކުރެވޭނެ ފޯމިއުލާއެއް" ކަމަށެވެ. އަދި އެ ފޯމިއުލާއަކީ ޖޭޕީ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

މިއަދު ވިސްނަންވީ ގައުމާ މެދުގައި ކަމަށާއި ރިޔާސީ އިންތިހާބުގައި ވޯޓް ދެވޭ ގޮތަކުން ގައުމު އޮޔާ ހިނގައިދާނެ ކަމަށާއި ޖީއެމްއާރު ވެސް އެނބުރި އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގައި ރިޔާސީ އިންތިހާބުގައި ބާއްވާއިރު، ތިމާގެ ވޯޓަކީ ސަމާސާއެއް ނޫން ކަމަށާއި މިފަހަރު އެންމެ މުހިންމު ކަމެއް ދޭންވީ ރާއްޖެތެރޭގެ މީހެއް ވެރިކަމަށް ގެނައުން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އަދި ގާސިމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ގާސިމަކީ ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ، ރާއްޖެތެރޭގެ ބޭފުޅެއް ކަމަށާއި މިފަހަރު އިންތިހާބުގައި ރާއްޖެތެރޭގެ މީހަކު ހޮވުން ވަރަށް މުހިންމު ކަމަށެވެ. އަދި ގަނޑުވަރުތެރޭގައި އުޅެބޮޑުވި ބޭފުޅުންނަކަށް "ފުޅި ބައްތިއަކީ ހުންނަ އެއްޗެއްކަމެއް ވެސް ނޭނގޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމަކީ ޓެސްޓްކޮށްފައިވާ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ނުހަދައި ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކޯލިޝަން ހެދުމަށް ވެސް އެންމެ ފަސޭހަ ވާނީ ގާސިމާ އެކު ކަމަށް އިލްހާމް ވިދާޅުވި އެވެ.

"ކޯލިޝަނަކާ ނުލައި ވެރިކަން ނުކުރެވޭނެ. އެއީ ރިޔަލިޓީ އަކީ،" އިލްހާމް ވިދާޅުވި އެވެ.

ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި މަޖިލީހުގެ ދެތިން މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅިގެންދާ ފެންނާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

77 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait