ވެށި ފަހި މާލެ

މާލެ އިން ދޫކޮށްލާ ބިންކޮޅުގައި ދެ އަހަރު ވަންދެން ދިރިއުޅެވޭނެ: ހައުސިން މިނިސްޓްރީ

ފަޒީނާ އަހުމަދު
07 މެއި 2013 15:02 12 ކޮމެންޓު
  • މާލެ އިމާރާތްތަކުން ތޮއްޖެހިފައި: އޭ ކެޓަގަރީން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރަން ފަށާފައި --ހަވީރު ފައިލް ފޮޓޯ

ވެށިފަހި މާލެ ޕްރޮގްރާމްގެ އޭ ކެޓަރީގެ ދަށުން މާލެ އިން ދޫކޮށްލާ ބިންކޮޅުގައި ދެ އަހަރު ވަންދެން ދިރިއުޅުމުގެ ފުރުސަތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޭ ކެޓަގަރީ ޚާއްސަކޮށްފައި ވަނީ މާލޭގައި އަމިއްލަ ބިންކޮޅެއް އޮވެ، އެތަން ސަރުކާރަށް ދޫކޮށްލައިގެން ގޯއްޗާއި ފްލެޓަށް އެދޭ މީހުންނެވެ. އަމިއްލަ ބިންކޮޅު ދޫކޮށްލައިގެން ހުޅުމާލެ އިން 1،200 އަކަފޫޓުގެ 250 ގޯތި ލިބުނު ފަރާތްތަކާ އެކު މިހާރު ވަނީ އެގްރިމަންޓުގައި ސޮއިކުރަން ފަށައިފަ އެވެ. މި ކެޓަގަރީން ދޫކުރަނީ މާލެ އިން 500 ފްލެޓާއި ހުޅުމާލެ އިން 250 ފްލެޓެވެ.

މާލެ އިން ކުދި ބިންކޮޅު ދޫކޮށްލާ މީހުންނަށް ހުޅުމާލެ އިން ދޭ ގޯތިތަކުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރަން ފަށައިފަ އެވެ. އެކަމަކު ހުޅުމާލެ އިން ގޯތި ހަވާލުކުރާއިރު ބައެއް މީހުންގެ ބިންކޮޅުގައި އެމީހުން ދިރިއުޅުމާއި އެހެން ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައި ހުރުމުން ދެން ހަދާނެ ގޮތަކާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު ވިދާޅުވީ ހުޅުމާލެ އިން ގޯތި ލިބޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެތަނުގައި ދިރިއުޅެވޭ ވަރަށް އިމާރާތްކުރެވެންދެން މާލޭގެ ބިމުގައި އުޅެވޭނެ ކަމަށެވެ. އެގޮތުން ދެ އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި ހުޅުމާލެ އިން ގޯތި ހަވާލުކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުން ކަމަށް އެއްބަސްވުމުގައި ލިއެފައިވާނެ އެވެ. ބިންތައް ހަވާލުނުކުރެވި ވަނީ އެ ސަރަހައްދުގެ މަގު ހެދުމުގެ ކަންކަން ކުރިއަށް ދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިން ހަވާލުކުރާ ދުވަހުން ފެށިގެން ދެ އަހަރު ވަންދެން އެތަނުގައި [މާލެ އިން ދޫކޮށްލާ ބިންކޮޅުގައި] ދިރިއުޅެވޭނެ. އެއީ ހުޅުމާލޭގައި ތަނެއް ހަދައިގެން ދެވޭހާ ދުވަސް. ބިންކޮޅު ދޫކޮށްލުމުގެ މަސައްކަތް ކޯޓުގައި ކުރިއަށް ދާއިރު އެތަނަކީ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައި އޮންނަ ތަނަކަށް ވެއްޖިއްޔާ ނުވަތަ މޯގޭޖެއް ކޮށްފައި އޮންނަ ތަނަކަށް ވެއްޖިއްޔާ އެ މައުލޫމާތު އަޅުގަނޑުމެންނަށް ނުލިބި ހުއްޓަސް ކޯޓުން ނިންމާއިރު އެކަން އެނގިގެން ދާނެ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ބިންކޮޅު އެހެން ފަރާތަކަށް ކުއްޔަށް ދީފައި އޮތް ނަމަ އެ މައްސަލަ ހައްލުކުރާނީ ވެރިފަރާތުންނެވެ. އަދި ބިންކޮޅު އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައި އޮތް ނަމަ އެގްރިމަންޓް ނުހަދާ މަޑުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ބިންތައް ކޯޓު މަރުހަލާގައި ދޫކޮށްލާއިރު މައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި ބިން ހުސްކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމަކީ ހުޅުމާލެ އިން ގޯތި ލިބުނު ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

12 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait