ޑރ. މުހައްމަދު ޖަމީލް

އެމްޑީޕީން ކުރިމަތިކުރުވި ބިރުވެރިކަމާއި ގޮންޖެހުންތަކުން 100 ދުވަސްތެރޭ ސަލާމަތްވާންޖެހޭ: ޑރ. ޖަމީލް

ފަޒީނާ އަހުމަދު
30 މެއި 2013 14:58 42 ކޮމެންޓު
  • ޔާމީންގެ ރަނިން މޭޓަކީ ޖަމީލް ކަން އިއުލާންކުރުމަށް ދަރުބާރުގޭގައި މޭ 9 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ބިރުވެރިކަމާއި ގޮންޖެހުންތައް ކުރިމަތިކުރުވާފައިވާ ކަމަށާއި ރިޔާސީ އިންތިހާބާ ދޭތެރޭ ކުރިއަށް މިއޮތް 100 ދުވަހުގެ ތެރޭގައި އެކަންކަމުން ރައްޔިތުން ސަލާމަތްވާންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ވިދާޅުވީ ކުރީގެ ރައީސްގެ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ދީނީ، އިގްތިސާދީ ސިޔާސަތާއި އަދުލު އިންސާފާއި ހާރިޖީ ސިޔާސަތުން ވެސް ރައްޔިތުން ކުރިމަތިވީ ހިތްދަތިކަމާއި ގެއްލުންތައް ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް އަލުން ހޯދައިދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޖަމީލް ސިފަކުރެއްވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ލިބިފައި ވަނީ 100 ދުވަސް، މި ދުވަސްތަކުގެ ތެރޭގައި އާ އަޒުމަކާ އެކީގައި މަސައްކަތް ކުރަންވެއްޖެ ހުރިހާ ރައްޔިތުން، ކުރީގައި އޮތް ފަދަ އަމާން އެކުވެރި ސުލްހަވެރިި ވެއްޓެއް ގާއިމްކުރުމަށް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަތަށް ގައުމު ދިޔަ ނުދީ، ގައުމުގެ އިގްތިސާދާއި އެނޫން ވެސް ސިޔާސަތުތައް ރަނގަޅުކުރުމަށް އޮތް އެންމެ ރަނގަޅު ޕްލެޓް ފޯމަކީ ޕީޕީއެމް އެވެ. އިތުރު ބަޔަކު ގުޅިގެން ވެސް އެ ޕާޓީ ފަދަ މުއައްސަސާއެއް ނުއުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަށް ބެލި ނަމަވެސް މެމްބަރުން މަސައްކަތްކުރުމާއި ރޫހަށް ބަލާއިރު އަޅުގަނޑު ސިފަކުރަނީ ވަރަށް ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި. އެފަދަ މުއައްސަސާއެއް ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ނެތް،" ޕީޕީއެމަށް ތައުރީފްކުރައްވައި ވިދާޅުވި އެވެ.

42 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait