އީޔޫ

ދީނީ މިނިވަންކަން ނެތުމުން ރާއްޖޭގެ މަހުގެ ޑިއުޓީ އިނާޔަތް އީޔޫ އިން ކަނޑާލަނީ

އަހުމަދު ނާއިފް
07 ނޮވެމްބަރ 2013 14:39 76 ކޮމެންޓު
 • މަސްވެރިންތަކެއް މަސްބާނަނީ: އީޔޫ އިން ރާއްޖެ އަށް ދޭ ޑިއުޓީގެ އިނާޔަތް އާކޮށް ނުދޭނެ ކަން ވަނީ ޔަގީންވެފައި. -- ހަވީރު ފައިލް ފޮޓޯ

ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހަށް މިހާރު ދޭ ޑިއުޓީގެ އިނާޔަތް ދެމެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެކޮޅު ހަދަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ޔޫރަޕަށް ގެންދާ މަހަށް އެ ޖަމާއަތުން މިހާރު އެއްވެސް ޑިއުޓީއެއް ނުނަގަ އެވެ. ނަމަވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭން ރާއްޖެ އުނިކޮށްފައިވާ ވާތީ އީޔޫ އިން ދީފައިވާ ޑިއުޓީގެ އިނާޔަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވާނެ އެވެ.

ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޑިއުޓީގެ އިނާޔަތް އިތުރު އެއް އަހަރަށް ދެމެހެއްޓުމަށް އީޔޫގެ، ޖީއެސްޕީ ޕްލަސް ސްކީމްގައި ރާއްޖެ ބައިވެރިކުރުވަން އެ ޖަމާއަތުން ދެކޮޅު ހަދަނީ ރާއްޖޭން ތަސްދީގުކޮށްފައިވާ 27 މުއާހަދާގެ ތެރެއިން ދެ މުއާހަދާއަކަށް ރިޒަވޭޝަން ލާފައިވާތީ އެވެ. އެ އިނާޔަތް ހޯދުމަށް ރާއްޖޭން ހުށަހެޅި އެޕްލިކޭޝަން ބާތިލްކުރަން އީޔޫގެ 22 ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ރިޒަވޭޝަން ލާފައިވަނީ "ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ޕާޓިސިޕޭޝަން" އަދި "ކޮންވެންޝަން އޮން ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން"ގައި އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް ބަޔާންކުރާ މާއްދާތަކަށެވެ.

ޖީއެސްޕީ ޕްލަސްގައި ބައިވެރިވާން ރާއްޖޭން އީޔޫ އަށް ހުށަހެޅީ މި އަހަރުގެ ކުރީކޮޅު އެވެ.

"އެ ރިޒަވޭޝަންތަކަކީ އީޔޫގެ ގައުމުތަކަށް ގަބޫލުކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ވަނީ މިހާރު އަންގާފައި. އެ ބޭފުޅުން މިހާރު އަންގާފައިވަނީ ދީނީ މިނިވަންކަން ނުދޭން ހުރި ރިޒަވޭޝަންތައް ނުނަގާހާ ހިނދަކު ރާއްޖޭގެ ހުށަހެޅުން ރިޖެކްޓްކުރާނެ ކަމަށް. ރާއްޖެ އަށް ޖީއެސްޕީ ޕްލަސް ނުދޭން ނޮވެމްބަރު މަހު ތެރޭ އަންގާނެ ކަމަށް މި ބަލަނީ،" އަހުމަދު ވިދާޅުވި އެވެ.

"އެންމެ އަހަރަކަށް މި އިނާޔަތްތައް ދަމަހައްޓަން އަޅުގަނޑުމެންނަކަށް ނެތް ގާނޫނު އަސާސީގެ ބޭރުން އަދި އިސްލާމީ ތަރަހައިގެ ބޭރުން ކަންތައްތަކެއް ކުރެވޭކަށް. އެހެންވީމާ އެ ރިޒަވޭޝަންތައް ނެގޭކަށް ނެތް. އެ އިނާޔަތްތަކަށް ވުރެ އަޅުގަނޑުމެންގެ ދީނާއި ގައުމު ހިމާޔަތްކުރުން މުހިންމު،"

މިނިސްޓަރު ވިދާޅުވީ އަންނަ ޖެނުއަރީން ފެށިގެން 14 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދަކަށް ރާއްޖޭން ޔޫރަޕަށް ގެންދާ މަހުން ޑިއުޓީ ނަގާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ޑިއުޓީ ދައްކަން ޖެހުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދަޅު މަސް ބޭރުކުރާ ފަރާތްތަކަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ބޭރުކުރާ މަސް ކިލޯއަކުން އެވްރެޖްކޮށް 50 ސެންޓްގެ ފައިދާއެއް ދިވެހި ކުންފުނިތަކަށް ލިބޭ ކަމަށެވެ. ޑިއުޓީ ނަގަން ފެށުމުން ޔޫރަޕަށް ބޭރުކުރާ ކޮންމެ މަސް ކިލޯއަކުން 1.66 ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަސްވެރިކަމުގެ މި ސިނާއަތުން ލިބޭ ފައިދާ ޑިއުޓީ ދައްކަންޖެހިއްޖެ ނަމަ އެގޮތުގައި ނޯތުމަކީ އެކަށީގެންވާ ކަމެއް. މިހާރު މަސް އެކްސްޕޯޓް ކުރާ ފަރާތްތައް އެކަމާ ދުރަށް ޖެހުމުގެ ބިރު އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީފް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އީޔޫގެ ނިންމުމުގެ ސަބަބުން މަސްވެރިކަމަށް ކުރިމަތިވެދާނެ ގެއްލުން ފޫބެއްދުމަށްޓަކައި މިހާރު ސަރުކާރުން ނަގަމުން އަންނަ ބައެއް ފީތައް މައާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރަޝިޔާ އާއި އެމެރިކާ އަދި ޗައިނާ އަށް މަސް ބޭރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޔޫރަޕުން ދިވެހި މަހަށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް ބައެއް މާކެޓްތަކުން ރާއްޖެ އަށް ހޯދިދާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

"މަސްވެރިކަން ޕްރޮމޯޓް ކުރުމާއި އަދި ސަރުކާރުން މި މައާފުކުރާ ބައެއް ފީތަކުގެ ތެރޭން ވީހާ ވެސް ބޮޑަކަށް މި ބަދަލުގެ އަސަރު މަސްވެރިންނަށް ނުފޯރާވޭތޯ މި ދަނީ ފިޔަވަޅުތަކެއް އަޅަމުން. ބައެއް މާކެޓްތަކުން އަޅުގަނޑުމެންނަށް ޔޫރަޕަށް ވުރެ ވެސް ރަނގަޅު އަގެއް ހޯދިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން ބޭރު ކުރާ މަހުގެ 40 ޕަސެންޓް ގެންދަނީ އީޔޫގެ ގައުމުތަކަށެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

76 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait