ރައްޔިތުންގެ މަޖިލިސް

ގުރްއާނާއި ގުރްއާނުގެ އިލްމު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ކޮމިޓީން ފާސްކޮށްފި

އަހުމަދު އަބުދުﷲ ސައީދު
26 ނޮވެމްބަރ 2013 14:28 11 ކޮމެންޓު
  • މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި: ގުރްއާނާއި ގުރްއާނުގެ އިލްމު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ގައުމީ ތަރައްގީގެ ކޮމިޓީން ވަނީ ފާސްކޮށްފައި. --ފައިލް ފޮޓޯ މަޖިލިސް

ކީރިތި ގުރްއާނާއި ކީރިތި ގުރްއާނުގެ އިލްމު، ރާއްޖޭގެ ތައުލީމުގެ ގައުމީ މަންހަޖުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނައިގެން ކިޔަވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމިޓީން ފާސްކޮށްފި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، އެ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ފަށާ ތައުލީމާއި މެދު މަދަރުސީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރްއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނައިގެން ކިޔަވައިދިނުމާއި، ސާނަވީ މަރުހަލާގައި ކީރިތި ގުރްއާނުގެ އިލްމު މަޖުބޫރު ބައެއްގެ ގޮތުގައި ކަނޑައެޅިފައި އޮތުމަކީ ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތް ކަމަށް ކަނޑައަޅައި އެގޮތަށް ފާސްކޮށްދިނުމަށް އެދޭ ކަމަށެވެ.

މި ގަރާރުގެ ރިޕޯޓާ ގުޅޭ ގޮތުން ބަހުސްކުރެއްވި ހުރިހާ މެމްބަރުންހެން ވެސް ވަނީ މި ގަރާރަށް ތާއީދުކުރައްވައިފަ އެވެ. ނަމަވެސް ސާނަވީ މަރުހަލާގައި ތަޖުވީދު މަގުން ގުރްއާން ކިޔަވައިދިނުމުގެ ބަދަލުގައި ހަމައެކަނި ގުރްއާނުގެ އިލްމު ކިޔަވައިދިނުމަށް އޮތުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ގަރާރާ ބެހޭ ގޮތުން ކުރި ބަހުސްގައި މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވީ އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމްގެ ހަނދާނުގައި ވެސް މި ގަރާރު މި ގޮތަށް ފާސްކުރަންޖެހޭ ކަމަށެވެ. ނަމަވެސް މި ގަރާރުގައި ކަންބޮޑުވާ ކަންތަކެއް އެބަހުރި ކަމަށާއި މި ގަރާރުގައިވާ ގޮތަށް ގުރްއާނާއި ދީނީ މާއްދާތައް ރަނގަޅަށް ކިޔަވައިދެވޭނީ ގުރްއާނާއި ފިގުހު އިލްމު ލިބިފައިވާ މުދައްރިސުން އުފައްދައިގެން ކަމަށާއި އެކަމާ ނުލައި ގުރްއާން މަޖުބޫރުކޮށްގެން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އަލީ ވަހީދުގެ ވާހަކައިގައި ކީރިތި ގުރްއާނުގެ އިލްމު ސާނަވީ މަރުހަލާގައި މަޖުބޫރުކުރާ އިރު ކީރިތި ގުރްއާން ކިޔެވުމުގެ ބައި ދޫކޮށްލަންވީތޯ ސުވާލުކުރެއްވި އެވެ. ނަމަވެސް ސާނަވީ މަރުހަލާ ނިމެންދެން ގުރްއާން ކިޔަވައިދިނުމަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގިނަ މާއްދާތަކެއް ކިޔެވިޔަސް ކީރިތި ގުރްއާން ކިޔެވުމަކީ އުނދަގޫކަމެއް ނޫން ކަމަށާއި ގުރްއާނުގައި ހިފައިގެން ނޫނީ ސަލާމަތެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުޅި ތައުލީމީ ނިޒާމުގައި ކީރިތި ގުރްއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ބާއްވަން ފެންނަ ކަމަށާއި އަދި ގުރްއާނުގެ ތަރުޖަމާ ވެސް ކިޔަވައިދޭން ފެންނަ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ޑރ. އަފްރާޝީމް މި ގަރާރު ހުށަހެޅުއްވި ގޮތާ ޚިލާފަށް ކޮމިޓީން ބަދަލުކޮށްފައިވާތީ ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމް ހުށަހަޅުއްވާފައިވަނީ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގުރްއާން ކިޔަވައިދިނުމަށެވެ. ނަމަވެސް މިހާރު ކޮމިޓީން އިސްލާހުކުރި އިރު ގަރާރުގައި އޮތީ ފަށާ ތައުލީމާއި މެދުމަދަރުސީ ތައުލީމުގައި ގުރްއާން ކިޔަވައިދޭ ގޮތަށް ކަމަށާއި ސާނަވީ މަރުހަލާގައި ގުރްއާން ކިޔަވައިދިނުން ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޮތީ ގުރްއާނުގެ އިލްމު އެކަނި ކިޔަވައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާނަވީ މަރުހަލާގައި ގުރްއާން ކިޔަވައިނުދީ ހަމައެކަނި ގުރްއާނުގެ އިލްމު ކިޔަވައިދީގެން ނުފުދޭނެ ކަމަށާއި އިސްލާމީ ގައުމެއްގައި ގުރްއާން ކިޔެވުން ދޫކޮށްލަންޖެހޭ މަރުހަލާއެއް ނޯންނާނެ ކަމަށެވެ. މަތީ ސާނަވީގެ އިތުރުން މަތީ ތައުލީމުގައި ވެސް ގުރްއާން ކިޔަވައިދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ ގުރްއާން ކިޔެވުމުގެ ބިންގާ ޅަފަތުގައި އަޅައިދިނީމާ ހުންނާނީ ގުރްއާން ކިޔަވަން ދަސްވެފައި ކަމަށާއި ދެން އިތުރަށް ކުރިއަށް ދިޔުމަކީ އެ ކުއްޖެއްގެ އަމިއްލަ ކަމެއްކަމަށެވެ. އަދި ކޮންމެ މޮޑިއުލެއްގެ ތެރެއަށް ގުރްއާން ލުމުން އެ ކުދިންގެ ކިޔެވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގްރޭޑް 11 އާއި 12 ގައި އިސްލާމާއި ދިވެހި މަޖުބޫރު ކުރަން ވެސް ތާއީދު ނުކުރައްވާ ކަމަށާއި ގުރްއާން ކިޔަވަން ދަސްކޮށްދޭންވީ ޅަފަތުގައި ކަމަށެވެ. އަދި ދީނަކީ މަޖުބޫރުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގުރްއާން ކިޔަވަން މަޖުބޫރު ނުކުރިޔަސް ކިޔަވާ މީހުން ކިޔަވާނެ ކަމަށާއި ނަމާދު ނުކުރާ މީހުން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ މި ގަރާރު ދިރާސާކުރި ކޮމިޓީން މިކަން ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ފަށާ ތައުލީމު މަރުހަލާގައި ގުރްއާނަކީ މަޖުބޫރު މާއްދާއަކަށް ވެގެންދާނެ ކަމަށާއި ނަމަވެސް ސާނަވީ މަރުހަލާގައި ގުރްއާން ކިޔަވައިދިނުން މަޖުބޫރު ކުރަން ނުފެންނަ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، މި ގަރާރު ދިރާސާކުރުމުގެ މަސައްކަތް ގައުމީ ތަރައްގީގެ ކޮމިޓީގައި ކުރަމުން ދިޔަ އިރު، ދިވެހި ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުން ދިޔައީ ގައުމީ މަންހަޖު އަލުން ލިޔެ ތައްޔާރުކުރަމުންނެވެ. އެ މަންހަޖުގައި ހިމަނާފައިވަނީ ގްރޭޑް އަށެއްގެ ނިޔަލަށް ކީރިތި ގުރްއާން ތަޖުވީދު މަގަށް ކިޔަވައިދިނުން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ގްރޭޑް ނުވަޔަކުން 12 އަށް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ.

މި ރިޕޯޓާ މެދު ބަހުސްކުރި ކަމުގައި ވިޔަސް، ބަހުސްކޮށް ނުނިމޭތީ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކުރުމާ މެދު ވޯޓެއް ނުނަގަ އެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait