އައްޑޫގެ ރަށްރަށުގައި ހުރި މިސްކިތްތަކުގެ ތެރޭގައި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ މިސްކިތްތަކެއް ވެސް އެބަހުރި ކަމަށާއި އެ މިސްކިތްތައް މަރާމާތު ކުރަން މި އަހަރު ބަޖެޓް ލިބިފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުގެ ބަޖެޓުން މި އަހަރު އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އައްޑޫގައި މިހާރު ވެސް އިމާރާތް ކުރަން ޖެހިފައި ހުރި ތިން މިސްކިތް އެބަހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އައްޑޫގައި ޖުމްލަ 64 މިސްކިތް ހުރި އިރު، އޭގެ ތެރޭގައި ބޮޑެތި މަރާމާތުތައް ކުރަން ޖެހޭ މިސްކިތްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ފައިސާގެ ތާށިކަމާ ހެދި އެކަން އެންމެ އެދެވޭ ގޮތަށް ކުރެވެން ނެތް ކަމަށް މޭޔަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އައްޑޫގައި ހުރި މިސްކިތްތަކުގެ ތެރެއިން ދެ ތިން މިސްކިތެއް ފިޔަވައި އެހެން ހުރިހާ މިސްކިތަކީ ވިޔަފާވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން އިމާރާތްކޮށްފައި ހުރި މިސްކިތްތައް ކަމަށެވެ.
"އެ މިސްކިތްތައް އެ ފަރާތްތަކުން ހަރަދުކޮށްގެން ބަލަހައްޓަމުން ގެންދޭ އަބަދުވެސް. އެހެންވެ އެކަމަށް ސަރުކާރަކުން ނުޖެހޭ މާ ބޮޑު ހަރަދެއް ކުރާކަށް. އެހެން ނަމަވެސް ކައުންސިލުން މަރާމާތުކުރާ މިސްކިތްތައް ވެސް އެބަހުރި. އޭގެ ތެރޭގައިި އެބަހުރި ފުރާޅުން ވާރޭ ވެހުން ފަދަ މައްސަލަތަކާ ހެދި ފުރާޅު ބަދަލު ކުރަން ޖެހިފައި ހުރި މިސްކިތްތައް ވެސް،" ސޯބެ ވިދާޅުވި އެވެ. "ހެޔޮއެދޭ ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ލިބިއްޖެ ނަމަ އެފަދަ މިސްކިތްތައް މަރާމާތު ކުރެވޭނެ ފުރުސަތު ލިބިގެން ދާނެ. މިހާރު މިކަން މި ކުރަނީ ސީދާ ކައުންސިލްގެ ބަޖެޓުން ކަމަށްވާތީ އެހާ ވަރަކަށް ފައިސާއެއް ނެތް."
މިސްކިތްތައް މަރާމާތުކޮށް ދޭނެ ފަރާތްތަކެއް ހޯދުމަށް ކައުންސިލުން ދާދި ފަހުން އިއުލާން ކުރުމުން ހުށަހެޅި އަގުތައް ބޮޑުވުމާ ގުޅިގެން ކައުންސިލުން ވަނީ އިއްޔެ އެކަން ބާތިލް ވެސް ކޮށްފަ އެވެ.
ކައުންސިލަރު އަބްދުﷲ ތޮއްޔިބް ވިދާޅުވީ އެކަން ބާތިލް ކުރުމަށް ފަހު، ކައުންސިލުގެ ބަޖެޓުން ރަށްރަށަށް ފައިސާ ދީގެން، ރޯދަ މަހަށް މިސްކިތްތައް މަރާމާތު ކުރަން ޖެހޭ ތަކެތި ހޯދައިގެން އެކަން ކުރާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"އައްޑޫގައި ހުރި މިސްކިތްތަކުގެ 80 ޕަސެންޓް މަރާމާތު ކުރަން ޖެހޭ އިރު އެކަމަށް ގާތްގަޑަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދު ވާނެ. އެހެން ނަމަވެސް އެވަރަކަށް ކައުންސިލަކު ބަޖެޓެއް ނެތް. އެހެންވެ އަޅުގަނޑުމެން ނިންމީ ރަށުގެ އާންމުންނާއި ރަށްރަށުގައި ހުރި އޮފީސްތަކުން މިކަމަށް ޝައުގުވެރިކަން ނަގައިގެން ރޯދަ އާ ދިމާކޮށް މިސްކިތްތައް މަރާމާތު ކުރަން. ހިލޭ ސާބަހަށް މިކަން ކޮށްދިނުމުގެ ޝައުގުވެރިކަން ވަރަށް ގިނަ ފަރާތްތަކުން ފާޅު ކުރަމުން ގެންދޭ،" ތޮއްޔިބް ވިދާޅުވި އެވެ. "މިދިޔަ އަހަރު ވެސް އަޅުގަނޑުމެން މިކަން ކުރިން. އެ ފަހަރު ވެސް ގާތްގަޑަކަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުވި. މި އަހަރު ވެސް އެވަރުގެ ހަރަދެއް ދާނެ. ހަގީގަތުގައި މިއީ މިސްކިތްތައް މަރާމާތު ކުރުމެއް ވެސް ނޫން. ރޯދަ އާ ދިމާކޮށް މިސްކިތްތައް ޒީނަތްތެރި ކުރުން. އޭގެ ތެރޭގައި ކުލަ ލުމާއި ކަރަންޓްގެ މައްސަލަތައް ރަނގަޅު ކުރުމާއި މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯދުން ފަދަ ކަންކަން މިހާރު މި ކުރެވެނީ."
މޭޔަރު ސޯބެ ވިދާޅުވި އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ އާއި އަދި އެނޫން ގޮތްގޮތުން ވެސް އެހީތެރިވެ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައި އޮތް ކަމަށެވެ. އަދި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން މިހާރު ވެސް ލިބެމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ރޭވި މި އަންނަ ހުކުރު ދުވަހު ފަންޑެއް ވެސް ހުޅުވަން. އެހެން ނަމަވެސް މަހުގެ މެދުތެރެއަށް ވާތީ އާ އެކު ފައިސާ ހަދިޔާ ކުރަން ދަތިވެދާނެތީ އަންނަ މަހަށް އެކަން ލަސްކޮށްފައި ވަނީ،" ސޯބެ ވިދާޅުވި އެވެ. "މިކަމަށް އެހީވުމުގެ ފުރުސަތު މިއޮތީ ހަމަ ހުޅުވާލެވިފައި. މިހާރު ވެސް ފައިސާގެ އެހީ އާ އެއްޗެހި ލިބެމުން އާދޭ."
ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ "މިސްކިތު ފަންޑް" ގެ ނަމުގައި ވަރަށް ފުޅާކޮށް ޕްރޮގްރާމެއް ހިންގަމުންނެވެ.

24 comments