ސ. ހިތަދޫގައި ބިދޭސީއަކަށް، ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ އޮފިޝަލް މިއަދު ވިދާޅުވީ ހިތަދޫ ސަން ރައިޒް ސެކިއުރިޓީ ފާމްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހާ އަށް ހަމަލާދީފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 40: 3 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައި އޭނާގެ ގައިގައި ވަރަށް ބޮޑަށް ތަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުރި ކަމަށެވެ. ފުލުހުން ބުނީ ބިދޭސީ މީހާ އަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީ މީހާގެ ބޮލުގެ އެކި ތަންތަނަށް ވެސް ވަޅިން ހަމަލާ ދީ ވަރަށް ބޮޑެތި ޒަހަމްތައް ދީފައިވެ އެވެ. އަދި އަނިޔާކޮށް އެއްލާލާފައި އޮއްވައި މި މީހާ ފެނުނީ ހިތަދޫ ބްރޯނިއާ ސަރަހައްދު މަގުމަތީގައި އޮއްވައި ކަމަށް ވެސް އެނގިފައިވެ އެވެ. އެހެން ނަމަވެސް މި ހާދިސާ އާ ބެހޭ މާބޮޑު ތަފުސީލެއް ލިބޭ ގޮތެއް ނުވި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދީގެން ގެންދިޔަ މީހާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހަށިގަނޑުން ވަރަށް ބޮޑަށް ލޭ ފައިބަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު ލޭ މަނާވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
4 comments