ޚަބަރު

މާތޮޑާގައި ހިނގި މާރާމާރީއެއްގައި ބޯފަޅައިލި މީހަކު މާލެ ގެންނަނީ

އަލީ ޔޫސުފް
01 އޯގަސްޓް 2012 11:34

ގދ. ފަރެސްމާތޮޑާގައި ރޭ އިރާކޮޅު ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާ މިއަދު މާލެ ފޮނުވާލާނެ ކަމަށް، އޭނާ އަށް ފަރުވާދެމުން އަންނަ އެ އަތޮޅު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ތިނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަހުޒާ ހުސައިން ވިދާޅުވީ ދަތް މަރުތޭލައަކުން ޖަހައި ޒަހަމްކޮށްލި މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށާއި ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް މިހާރު އެހާ ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހޭއަރައިފި. ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައި ހުރުމުން އެތެރެ އަށް ލޭއެޅިފައި ހުރިތޯ ބަލަން ސީޓީ ސްކޭން ހަދަންޖެހޭނެ. މިއަދުގެ ވަގުތެއްގައި މިއުޅެނީ މާލެ ފޮނުވާލަން،" ޝަހުޒާ ވިދާޅުވި އެވެ.

މާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު އައްސަދު ވިދާޅުވީ ޒަހަމްވި 21 އަހަރުގެ އަލީ ރާކިއުއަކީ ފުވައްމުލަކު ކުއްޖެއް ކަމަށާއި އޭނާ މާތޮޑާ އަށް ގޮސްގެން އުޅެނީ އެ ރަށު ދޯންޏަކުން މަހަށް ދާން ކަމަށެވެ. އަދި މި މާރާމާރީއަކީ މީގެ ކުރިން ހިނގާފައިވާ މާރާމާރީއަކާ ގުޅޭ މައްސަލައެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މީގެ ދެ ފަހަރެއްގެ މަތިން ވެސް މާރާމާރީގެ މައްސަލައެއްގައި އޭނާ ޝާމިލްވާ ކަމުގެ ޝަކުވާތަކެއް އެބަ އުޅޭ. މީ ވެސް އެކަމާ ގުޅޭ މާރާމާރީއެއް ކަމަށް މައުލޫމާތު ލިބިފައި ވަނީ. އޭނާ މި ރަށުގައި އުޅޭތާ ހައެއްކަ އަށެއްކަ މަސް ވެދާނެ،" އައްސަދު ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި