އާސަންދަ

އަމިއްލަ ތަންތަނުން އިންޝުއަރެންސްގެ ހިދުމަތް ދޭއިރު ބަލިމީހާގެ ހިއްސާ ވެސް އޮންނަން ޖެހޭ: އަފްއާލް

އަހުމަދު ހަމްދޫން
31 ޖުލައި 2012 20:25 2 ކޮމެންޓު
  • އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ހަވީރަށް އިންޓަވިއުއެއް ދެއްވަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބިގަންނަ އިރު ބަލިމީހާގެ ހިއްސާއެއް ވެސް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި ހަމައެކަނި އަމިއްލަ ހޮސްޕިޓަލްގެ އެމްޑީ "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޝުއަރެންސްގެ ހިދުމަތް ދިނުމުގައި ޕަބްލިކް ސިސްޓަމާއި ޕްރައިވެޓް ސިސްޓަމްގައި ތަފާތުތަކެއް ހުންނަ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ޕަބްލިކް ސެކްޓާގައި ހިދުމަތް ދެވެން ވާނެއޭ އިންޝުއަރެންސް ސްކީމެއްގެ ތެރެއިން ހިލޭ. އެކަމަކު ޕްރައިވެޓް ސެކްޓާ ކަމަށް ވެއްޖިއްޔާމު އެ ހިދުމަތް ދޭން ތަފާތު ނިޒާމްތަކެއް ހުންނަން އެބަޖެހޭ. އޭގެ މުހިންމު ކަމަކީ ޕަބްލިކް ނިޒާމަކީ ސަބްސިޑައިޒް ވެސް ކުރެވޭނެ ނިޒާމެއް. ބަޖެޓު ވެސް ކަނޑައެޅޭނެ ނިޒާމެއް. ޕްރައިވެޓް ނިޒާމަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ޖެހޭ ނިޒާމެއް. އެހެންވީމަ އެއީ ވަރަށް ތަފާތު ދެ ކަމެއް،" އިނގިރޭސިވިލާތުގައި ހެލްތު ސާވިސަސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ އަފްއާލް ވިދާޅުވި އެވެ. "އެހެންވީމަ އިންޝުއަރެންސުން ކަވަރު ކުރާއިރުގައި ބަލި މީހާ ވެސް އެއަށް ހިއްސާ އެބަކުރަން ޖެހޭ."

އޭނާ ވިދާޅުވީ ހެލްތު އިންޝުއަރެންސެއްގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ދޭއިރު ހިދުމަތް ހޯދާ މީހުން ވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

"މިސާލަކަށް އެ މީހާގެ އެއްވެސް ހިއްސާއެއް ނެތި ޕްރައިވެޓް ސެކްޓަރުން އެ ހުރިހާ ހިދުމަތެއް ދެވިއްޖެ ކަމަށް ވަންޏާ ބަޖެޓަކަށް ނޫނިއްޔާ ގައުމަކަށް އެކަން ސަސްޓެއިން ނުކުރެވޭނެ. އެއީ ވަރަށް އުނދަގޫ ކަމެއް އެ ގޮތަށް ސަސްޓެއިން ކުރުމަކީ. އެއްވެސް ގައުމެއްގައި ނުވާނެއޭ އަޅުގަނޑު ދަންނަވާނީ،" މާސްޓާޒް ހެއްދެވިއިރު ސޯޝަލް ހެލްތު އިންޝުއަރެންސްގެ ނިޒާމެއް ރާއްޖޭގައި ތައާރަފު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ތީސިސް ލިޔުއްވި އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ އިންޝުއަރެންސްގެ ހިދުމަތް ދޭއިރު ހިދުމަތް ހޯދާ މީހާ ހޭދައެއް ކުރަން ޖެހުނަސް އެ މީހާގެ ޖީބަށް ލުއިވާނެ ގޮތަކަށް ނިޒާމްތައް ރޭވިފައި ހުންނަން ޖެހޭ ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް ޕްރައިވެޓް ތަންތަނުގައި އެ އޮންނަ ނެޝަނަލް ސްކީމެއްގެ ދަށުން ކަވަރުވާ އެއްޗެއް އޮވެފައި ދެން ޕްރައިވެޓް އިންޝުއަރެންސެއް ނަގައިގެން ނޫނިއްޔާ ޕޮކެޓުން އެ އެފޯޑް ކުރެވޭ ބަޔަކު، ބައެއް ދީގެން ނޫން ގޮތަކަށް ގަބޫލުކުރަން ވަރަށް އުނދަގޫ ދެމެހެއްޓެނިވި ގޮތަކަށް އޮވެދާނެއޭ. އެ ސްކީމަށް އަމިއްލަ މީހާ އަށް ވެސް ވަދެވޭނެ ގޮތްތަކެއް ހުންނަންވާނެ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ތަންތަނާއި ދައުލަތުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އަގުތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އާސަންދަގެ ނިޒާމު ފެށިއިރު އިންޝުއަރެންސްގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ކުރި ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ އެވެ.

"އެހެންވީމަ ސްކީމްތައް ހަދާއިރު އޭގައި އޮންނަ އެންމެ ރަނގަޅު ގޮތް ހޯދަން ޖެހޭނީ. އެކަމަކު ރާއްޖޭގައި މިހާރަކަށް އައިސް އަދި ކުރީގައި ވެސް އޮވޭ ވަރަށް ބޮޑަށް ސިޔާސީ އިންފުލުއެންސް މި ކަހަލަ ކަންތައްތަކުގައި. އެބަޔަކަށް ފެންނަ ގޮތަކަށް އެކަން ކޮށްލަނީ. ފަންނީ މީހުންގެ ލަފާ ކޮންމެވެސް ވަރަކަށް ލިބޭނެ. އެކަމަކު އެކަން އެންމެ ރަނގަޅަށްތޯ ބޭނުން ކުރެވެނީ އެއީ ދެން ހަމަ އަޅުގަނޑަށް ސުވާލު ކުރެވޭ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން އިންޝުއަރެންސްގެ ހިދުމަތް ދޭއިރު ބޭސިކް ޕެކޭޖެއް ރާއްޖޭގައި މިހާތަނަށް ކަނޑައެޅިފައި ނެތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެކަމަށް ކުރިން ވެސް ލަފާ ދެއްވާފައިވާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"އެ ބޭސިކް ޕެކޭޖަކީ ކޮންމަ ތަނަކަށް ދިޔަސް، އެ ބޭސިކް ޕެކޭޖުގެ ތެރޭގައި ހުންނަ ހުރިހާ އެއްޗަކީ ހިލޭ އޮންނަ އެއްޗެއް. ދެން އެއަށް ވުރެ މަތިން ހޯދާ ހިދުމަތްތަކެއް ނޫނީ ކަންތައްތަކެއް އެއީއޭ މިސާލަކަށް ޕްރައިވެޓް އިންޝުއަރެންސެއް ނަގައިގެން ނޫނިއްޔާ އަމިއްލަ ޖީބުން ލާރި ދީގެން ކުރާނެ ކަމަކީ. އެކަހަލަ ގޮތަކަށް ނިޒާމު އަސްލު ބައްޓަންވާން ޖެހޭނީ،" އަފްއާލް ވިދާޅުވި އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait