ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ތައްޔާރުކުރެއްވި ރިޕޯޓާ ގުޅިގެން ފުލުހުން ތަހުގީގަށް ގެންދިޔަ ބައެއް ތަކެތި އޭގެ ވެރި ފަރާތާ ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހު ހުށަހަޅައި، 31 ގައި ކުރި ހުކުމުގައި ބުނެފައި ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގ.ކަމަރާގެ އާއި އެ ގޭގެ ފުރަތަމަ ފަންގިފިލާ އިން ކޮމްޕިއުޓަރު ސިސްޓަމަކާއި ލެޕްޓޮޕެއްގެ އިތުރުން އިލެކްޓްރޯނިކް ޑާޓާ ރައްކާކުރެވޭ ހުރިހާ އެއްޗެއް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. މި ތަކެތި ހޯދުމަށް ހުށަހެޅި ސ.ހިތަދޫ ރީޖަންވިލާ އަހްމަދު ޝިޔާމް ދައުވާގައި ބުނެފައި ވަނީ ކޯޓުން އަމުރު ދީފައި ވަނީ މައްސަލައާ ގުޅުން ހުރި ތަކެތި 48 ގަޑިއިރު ތެރޭ ބަލައި ފާސްކުރުމަށް ކަމަށެވެ. ނަމަވެސް އެ އަމުރުގެ ބާރު ހިނގާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް، ގެންދިޔަ ތަކެތި ހަވާލުކޮށްފައި ނުވާ ކަމަށް ދައުވާގައިވެ އެވެ.
ބަލައި ފާސްކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ދީފައި ވަނީ "ސަލާމަތީ ޚިދުމުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްޓަކައި، މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް 'ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް' ގެ ނަމުގައި ރިޕޯޓެއް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ގ.ކަމަރާ ގޭގައި ކޮށްފައިވާ ކަމަށް ބެލެވޭ" ކަމަށެވެ. އެހެންވެ އެ ކަމުގައި ބޭނުންކުރި ކަމަށް ބެލެވޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރު ދީފައިވެ އެވެ.
ފުލުހުންގެ މައްޗަށް ކުރި މި ދައުވާއާ ގުޅިގެން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ތަހުގީގަށް ގެންދިޔަ ތަކެތީގެ ތެރެއިން ތަހުގީގު ނިމިފައިވާ ތަކެއްޗާ ހަވާލުވާން އެންގުމުން ވެސް ވެރިފަރާތުން ހަވާލުވާން އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ ކުށް ކުރުމަށް ބޭނުން ކޮށްފާނެ ތަކެތި ހިފަހައްޓައި، ހެއްކާއި ގަރީނާ ހުށަހެޅުމަށް ތައްޔާރުކުރުމަކީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް ދައުލަތުން ޝަރީއަތުގައި ބުނެފައިވެ އެވެ. އަދި ކޯޓުން 48 ގަޑިއިރު ދިނީ ތަން ފާސްކުރުމަށް ކަމަށާއި ފާސްކުރުމަށް ފަހު ގެންދާ ތަކެތި އެ ވަގުތު ތެރޭ ހަވާލުކުރަން ނުޖެހޭނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް ޝަރީއަތުން ކަނޑައަޅާފައި ވަނީ ގެންދާ ތަކެތި ވެސް ކޯޓު އަމުރުގައި ބުނާ ވަގުތަށް ފަހު ހަވާލުކުރަން ޖެހޭނެ ކަމަށާއި އިތުރަށް ބަލައި ފާސްކުރުމަށް އެހެން އަމުރެއް ހޯދަން ޖެހޭނެ ކަމަށެވެ.
ދައުވާކުރި ފަރާތުން ބުނެފައި ވަނީ ގެންދިޔަ ތަކެތި ހޯދުމަށް ޖުލައި މަހުގެ 10 ވަނަ ދުވަހު، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ހަސަން ހަބީބަށް ގުޅާފައިވާ ކަމަށެވެ. އަދި ހަބީބު ވަނީ ތަކެތި ހަވާލުކުރެވެން ނެތް ކަމަށާއި ތަހުގީގު ނިމޭ ގޮތަކުން ލެޕްޓޮޕާއި އެހެން ތަކެތި ނައްތާލަން ޖެހިދާނެ ކަމަށް ވިދާޅުވެފައި ކަމަށް އަހްމަދު ޝިޔާމް ބުނެފައިވެ އެވެ. އެހެންވެ އަހްމަދު ޝިޔާމްގެ ދައުވާގައި މި ދައުވާއާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން، ފުލުހުން ގެންގޮސްފައިވާ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ. އަދި އެދުނު ގޮތަށް އެ އަމުރު ޝަރީއަތުން ވަނީ ނެރެފަ އެވެ.
ގާޒީ މަރްޔަމް ނިހާޔަތު ކުރެއްވި ހުކުމުގައި އަމުރު ކުރައްވާފައި ވަނީ ފުލުހުން ގެންދިޔަ ތަކެތި އިއްޔެގެ މެންދުރު ފަހު 00: 1 ގެ ކުރިން ހަވާލުކުރުމަށެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ފުލުުހުން މިހާރު ވަނީ ބަލާ ފާސްކުރުމުގެ ގަވާއިދުގެ ދަށުން އަލުން އަމުރެއް ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުުމުގެ ދަށުގައި ހިފަހައްޓައިފަ އެވެ. އެގޮތުން ތަހުގީގު ނިމެންދެން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ދީފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
10 comments