އެޑިޓޯރިއަލް

އިޖުތިމާއީ އަޚުލާގު: މުޖުތަމައުގެ މުހިންމު ރުކުނެއް

11 މާޗް 2012 13:07 2 ކޮމެންޓު

އަޅުގަނޑުމެންގެ ވަރަށް ގިނަ ކަންކަމަށް މިސާލު ޖަހަމުން "ރުކުންތަކޭ" ކިޔަ އެވެ. ޑިމޮކްރަސީގެ ރުކުންތަކެވެ. އިންސާނީ ހަގުތަކުގެ ރުކުންތަކެވެ. ގާނޫނު އަސާސީގެ ރުކުންތަކެވެ. ޕާޓީތަކުގެ ރުކުންތަކެވެ. ރުކުނެއްގެ ސިފާގައި އިޖުތިމާއީ އަޚުލާގާ މެދު ވާހަކަ ދައްކާނީ މަދު ބައެކެވެ. މިއީ އެންމެންގެ ތެރޭގައި ވެސް އޮންނަން ޖެހޭ އަޚުލާގެވެ. މި އަޚުލާގުގައި ދެމިހުންނަ މީހަކަށް އަނެއް މީހާއާ ދިމާއަށް ބޭނުންހާ އެއްޗެއް ނުކިޔާނެ އެވެ. ކަންކަމާ މެދު ވިސްނައިގެން އަމަލްކުރާނީ ގަވާއިދުތަކާއި ގާނޫނުތަކުގައި އަދި ދީނުގައި އަންގާފައި އޮންނަ ގޮތަށެވެ.

އަޅުގަނޑުމެންގެ ތެރެއިން މިހާރު ގެއްލިގެން މި އުޅެނީ ހަގީގަތުގައި މި އަޚުލާގެވެ. އިޖުތިމާއީ ގޮތުން ތިމާ އަދާކުރަން ޖެހޭ ޒިންމާ ހަނދާން ނެތި، ހަމައެކަނި ތިމާ ބޭނުންވާ ގޮތް އެއީ އެންމެ ފުރިހަމަ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި، އަދި ތިމާ އަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ގަބޫލުކުރުމަކީ އެ އަޚުލާގުން ބޭރުވުމެވެ. މީހުންނާ ދިމާއަށް ހެއްދެވި ނުހެއްދެވި އަށް ގޮވުމަކީ އެ އަޚުގާތު ނެތުމެވެ. ބޮޑެތި މީހުން ކުރާ ކަންކަމުގައި ކުޑަކުދިން ބައިވެރިކުރުމަކީ އެ އަޚުލާގާ ދުރަށް ދިއުމެވެ.

ބައްލަވާ ލައްވާށެވެ. ވަށައިގެންނެވެ. ތިމާގެ އަމިއްލަ ގެ އާއި އާއިލާގެ އަމަލްތަކެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ އަޚުލާގީ ސިފަ މިހާރު އޮތީ ކޮން ހިސާބެއްގައިތޯ ވިސްނާލައްވާށެވެ. އަޅުގަނޑުމެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި އަޅުގަނޑުމެންގެ ކުރިމަގުގެ ތަރައްގީ އަށް ކުރަން ޖެހޭ ގިނަގުނަ މަސައްކަތްތަކަށް ވެގެން މިހިރަދަނީ ކިހިނެއްތޯ ފިކުރުކޮށްލައްވާށެވެ. ގައުމުގައި އޮތީ ހަމައެކަނި ސިޔާސީ ދެބަސްވުންތޯ ފުންކޮށް ޚިޔާލުކޮށްލައްވާށެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ވެރިކަމުގައި ވަކި ބޭފުޅަކު ހުންނަވައިގެން ލިބޭނެ އެއްޗެއްތޯ ސިކުނޑި އަށް ގެންނަވާށެވެ.

ގައުމު ކުޑަކަމާއި ގައުމުގެ ނިސްބަތުން ގިނަ ބަޔަކު ކޮންމެ ދުވަހެއްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ޖެހުމުން އެހެން ހުރިހާ ކަމަކަށް ބުރޫއަރާފައި އޮންނަތާ މިހާރު މި އުޅެނީ ދިހަ ވަރަކަށް އަހަރު ވާށެވެ. މި މުއްދަތުގައި އަޅުގަނޑުމެންގެ ވަރަށް ގިނަ ކަންކަން އޭގެ ބިންގަލުން ނެއްޓި ހިނގައްޖެ އެވެ. އަޅުގަނޑުމެންގެ އާއިލާތަކުގެ ތެރޭގައި އޮތް ގުޅުން ސިޔާސީ ދެކޮޅުވެރިކަމަށް ވެގެން ހިނގައްޖެ އެވެ. ރަހުމަތްތެރިކަމުގެ ގޮށް މޮހެވި ނުދަންނަ ބަޔަކަށް ވެއްޖެ އެވެ. ހަމައެކަނި ތިމާ ގަބޫލުކުރާ ސިޔާސީ ފިކުރަކީ އެހެން މީހުންގެ ކިބާގައި ވެސް ހުންނަން ޖެހޭ ސިފަޔަކަށް ހަދައިފި އެވެ. މިކަހަލަ ކަންތައްތަކާ ހެދި އިޖުތިމާއީ އަޚުލާގު މިވަނީ ދޫވެފަ އެވެ.

އިޖުތިމާއީ އަޚުލާގޭ އަޅުގަނޑުމެން މިދަންނަވަނީ ގޭތެރެއިން ފެށިގެން މުޖުތަމައުގެ އެހެން މީސްމީހުންނާ ހަމައަށް ތިމާގެ އަމަލްތައް ބަހައްޓަން ޖެހޭ ގޮތަށެވެ. އޭގެ ތެރޭގައި އޮފީސްތަކުގައި އޮންނަން ޖެހޭ އަޚުލާގާއި ސްކޫލްތަކުގައި އޮންނަން ޖެހޭ އަޚުލާގު ވެސް ހިމެނޭ ގޮތަށެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ގޭތެރެއިން ދަސްކޮށްދޭން ޖެހޭ އަޚުލާގާއި ސްކޫލާއި އާންމު މުޖުތަމައުން ދަސްވާ އަޚުލާގު ވެސް ހުންނަން ޖެހެނީ މިދެންނެވި އަމަލްތަކުގެ ތެރޭގަ އެވެ.

އަޚުލާގީ ގޮތުން ދަށް ފެންވަރަކަށް އަޅުގަނޑުމެން ވެއްޓިއްޖެ ނަމަ ދެން މުޖުތަމައު އޮންނާނީ އޭގެ ފާލުން ނެއްޓިފަ އެވެ. ވަކި މީހަކަށް ގަދަރުކުރުމެއް ނޯންނާނެ އެވެ. އިއްޒަތްތެރިންނެއް ނުތިބޭނެ އެވެ. އިހުތިރާމް ހޯދާށާއި ލިބިގަންނާކަށް ނޭނގޭނެ އެވެ. މިހިސާބަށް ގައުމުގެ އިޖުތިމާއީ އަޚުލާގު ވެއްޓިއްޖެ ނަމަ އަޅުގަނޑުމެންނަށް ދެން ވާނީ ކިހިނެއްތޯ އެވެ؟ ވަށައިގެން ބައްލަވާ ލެއްވުމުން މި ސުވާލުގެ ޖަވާބު ލިބިވަޑައިގަންނަވާނެ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait