އެޑިޓޯރިއަލް

ކުންޏަށް އަޅާލުމެއް ނެތް!

21 މެއި 2012 12:45

ރާއްޖެ އަކީ ތިމާވެށީގެ މައްސަލަތަކަށް އާ ގައުމެއް ނޫނެވެ. ރަށް ގިރުމާއި އުދައެރުން ފަދަ ބޮޑެތި މައްސަލަތައް އަބަދުވެސް ދަނީ ކުރިމަތިވަމުންނެވެ. ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން ގުދުރަތީ ގޮތުން ދިމާވާ ނުރައްކާތައް ބޮޑު ވެސް ވާނެ އެވެ. ނަމަވެސް އާބާދީ އާއި ތަރައްގީގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެސް ކުޑައެއް ނޫނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ އަކީ ކުނި އުފެދޭ މިންވަރު އިތުރުވުމެވެ. އަދި އެއާ އެއްވަރަށް، މެނޭޖްކުރެވޭނެ ނިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ އުސޫލެއް ހަމަޖެހިފައި ނުވާ ރަށްރަށެވެ. ކުނި އަޅަން ވަކި ސަރަހައްދެއް ޚާއްސަކޮށްފައި އޮތް ނަމަވެސް ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ނޯވެ އެވެ. އެންމެ އާއްމު ގޮތަކީ ކުނި އެންދުމެވެ. އެއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނުވާއިރު ކުނިގޮނޑުގައި ރޯކުރުމަކީ ނުރައްކާތެރި ވެސް ކަމެކެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ޗަސްބިންތަކަށް ވެސް ކުނި އަޅަ އެވެ. އޭގެ ސަބަބުން، ތިމާވެށީގެ ގޮތުން މުހިއްމު އެ މާހައުލު މުޅިން ނެތިދެ އެވެ.

މާލެ ސަރަހައްދަށް ބަލާއިރު ކުންޏާ މެދު އަމަލުކުރުމުގައި ރަށްރަށަށް ވުރެ ރަނގަޅު ނިޒާމެއް އެބަ އޮތެވެ. މާލޭގެ ބޮޑު އާބާދީން އުފައްދާ ކުނި، ގޮނޑަށް ޖަމާކުރުމަށް ފަހު ތިލަފުއްޓަށް ގެންދެ އެވެ. އަދި އެ ރަށް ހިއްކުމަށް އެ ކުނީގެ ބޭނުން ހިފަ އެވެ. އެކަމަކު އެ ހިސާބުން މައްސަލަ އޮތީ ބޮއްސުންލާފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރިސޯޓްތަކުން އުފައްދާ ކުނި އަޅާ އެންމެ ބޮޑު ގޮނޑު ދާދި ފަހުން ވަނީ އޮޔާގޮސްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ މުޅިން ހައްލުނުވެ އެވެ. ތިމާވެށީގެ ވާހަކަ ބޭރު ދުނިޔޭގައި ދައްކާ ރާއްޖެ އަށް، ބައިނަލްއަގުވާމީ ސަމާލުކަން ވެސް މި މައްސަލާގައި ވަނީ ލިބިފަ އެވެ. ކުނި މެނޭޖްކުރުމުގައި ރާއްޖެ ފެއިލްވެފައިވާ ކަން ބޭރުގެ މީޑިއާ ރިޕޯޓްތަކުގައި ފާހަގަކުރާ ހިސާބަށް ދިއުމަކީ ރާއްޖޭގެ ތަސައްވުރު ކިލަނބުވެގެންދާނެ ކަމެކެވެ. އެއީ ޓޫރިޒަމަށް ބަރޯސާވެފައިވާ މިފަދަ ގައުމަކަށް އަދާކުރެވޭނެ އަގެއް ނޫނެވެ.

ކުނި މެނޭޖްކުރުމުގެ ތަފާތު ޕްރޮޖެކްޓްތައް ވަރަށް ކުރިންސުރެ ވެސް ސަރުކާރުން އައީ އިއުލާންކުރަމުންނެވެ. ބައެއް މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައި ވެސް އެބަހުއްޓެވެ. ތަފާތު ޓެކްނޮލޮޖީތަކުގެ ވާހަކަ ވެސް ދޭތެރެދޭތެރެ އިން އަޑުއިވެ އެވެ. އެކަމަކު މިފަދަ އެއްވެސް މަޝްރޫއެއް މިހާތަނަށް ފުރިހަމަކުރެވި ނުވަތަ ކާމިޔާބުކުރެވިފައެއް ނެތެވެ.

މި ކަމުގައި އާއްމު ހޭލުންތެރިކަން ވެސް ބޭނުންވެ އެވެ. ތިމާވެއްޓަށް ލޯބިކުރާ، ތިމާވެށީގެ އަގު ވަޒަންކުރާ އާބާދީއެއް އޮވެގެން މެނުވީ ކުނީގެ މައްސަލަ އަށް ހައްލެއް ނުލިބޭނެ އެވެ. ގެއިން ނެރޭ ކުނި ކޮތަޅު މަގުމައްޗަށް އުކާލުމާއި އެ ނޫން ގޮތްގޮތުން ވެސް އާއްމު ތަންތަނަށް ކުނި އަޅައި ނުތާހިރުކުރުމުން ދުރުހެލިވާން ޖެހެ އެވެ. އެއާ އެކު، އަޅުގަނޑުމެން އެންމެ ބޮޑަށް ފަރުވާތެރިވާންވީ މޫދާއި ކަނޑު ކުނިބުނިން ސަލާމަތްކުރުމަށެވެ. ފަރުތަކުގެ ދިރުން ހިމާޔަތްކުރެވޭނީ އޭރުންނެވެ. ތަރައްގީއާ އެކު، އުފެދޭ ކުނީގެ މިންވަރު އިތުރު ވެސް ވާނެ އެވެ. އެކަމަކު އެއީ ވެސް ޒިންމާދާރު ވިސްނުމަކުން ކުޑަކުރެވިދާނެ އެއްޗެކެވެ. އެ މީހަކު އުފައްދާ ކުނީގެ މިންވަރު އަމިއްލަ އަށް މަދުނުކުރެވެންވީ ސަބަބެއް ނެތެވެ.

ހަގީގަތުގައި ކުނީގެ މައްސަލައަކީ ރާއްޖެ އަށް މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ކުނި ނައްތާލުމަށް ނުވަތަ ކުނި މެނޭޖްކުރުމަށް އެކަށީގެންވާ، ދެމެހެއްޓެނިވި ނިޒާމްތަކެއް ގާއިމްކުރަން ޖެހިފައިވާތާ ކިތަންމެ ދުވަހެކެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި