ގައުމުގެ އިގުތިސާދުތައް ވެއްޓެ އެވެ. އަލުން ކޮޅަށް ޖަހަ އެވެ. ސިޔާސަތުތައް ބަދަލުވެ އެވެ. ހަމަ މަގަށް އަޅުވަ އެވެ. އެކަމަކު މިއިން ކޮންމެ ކަމަކަށް ވެސް އެންމެ ބޭނުންވާ އެއްޗަކީ ސިޔާސީ ވެރިންގެ ހިތްވަރާއި އެއްބާރުލުމެވެ. ގަސްދުގައި ވަކި ކަމެއް ގޯސްކުރަން އުޅުމުގެ ބަދަލުގައި، ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމަށް އެހީތެރިވުމާއި ރަނގަޅަށް ހުރި ކަންކަން އެއަށް ވުރެ ބޮޑަށް ރަނގަޅުކުރަން ހިފުމުގެ ފައިދާ ހުރި އާދަ އަށަގެންނެވުމުގެ ކުރިން ގައުމީ ބޮޑެތި ވެއްޓުންތަކުން ސަލާމަތެއް ނުވާނެ އެވެ.
ތެދަށް ދަންނަވަންޏާ އިގުތިސާދީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިގެން މި އުޅެނީ ރާއްޖެ އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން ފެންނަ ވެއްޓުންތަކާއި ގޯސްތައް ރާއްޖެ އިން ވެސް މިދަނީ ފެންނަމުންނެވެ. އެކަމަކު އިގުތިސާދީ މާ ގިނަ މަސައްކަތްތަކެއް ކުރެވެން ނެތް ގައުމަކަށް ވާތީ ވެއްޓުމުން އަރައިގަންނަން ހަދަން ޖެހޭ އުކުޅުތައް އެހެން ގައުމުތަކަށް ވުރެ މަދުވެފައި އުނދަގުލެވެ. މި އުނދަގޫ ޚާއްސަކޮށް ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެ އަށް ތައާރަފުވި ޒަމާނީ ޑިމޮކްރަސީ އާއި އޭގައި އެކުލެވޭ މިނިވަން ބައިތައް ގިނަވެ، ހޭދަކުރަން ޖެހޭ ޚަރަދު ބޮޑުވެ، ސިޔާސީ ދެކޮޅުވެރިކަމަކުން އަރައިނުގަނެވުމެވެ.
ސިޔާސީ ގޮތުން ރާއްޖެ ފޮތިފޮތިވީ ދުވަސްވަރަކީ، ނަސީބު ދެރަކަމުން، ދުނިޔޭގެ އިގުތިސާދު ފުނޑުނު ދުވަސްވަރެވެ. އެހެންކަމުން ރާއްޖެ އަށް ވެސް ތަރައްގީގެ އެކި ކަންކަމަށް ބޭނުންވާ ލޯނުތައް ލިބުމުގައި އެޅިފައި އޮތް ހުރަސް، އެހެން ބައެއް ގައުމުތަކަށް ވުރެ ބޮޑުވާނެ އެވެ. މާލީ ގޮތުން ދަތި ދުވަސްވަރެއް ތަޖުރިބާކުރަން ޖެހިގެން މި އުޅެނީ އެކަމާ ހެދި އެވެ. ރާއްޖެ އަށް މިވަގުތަށް ބޭނުންވާ މިންވަރުގެ ފައިސާ އެއްކުރެވޭނެ މަގެއް ނުފެނެ އެވެ. ބައިނަލްއަގުވާމީ މާލީ ނިޒާމު އަދިވެސް އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ. އެމެރިކާގެ ބޭންކްތައް ހަމަޔަކަށް އެޅެން ފެށި އިރު ޔޫރަޕަށް ކުރިމަތިވެގެން އުޅޭ މައްސަލަ ދަނީ ގޯހުން ގޯހަށެވެ. ކުރިމަގު އަންދާޒާކުރަނީ އެކި މީހުން އެކި ގޮތަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު މާކެޓަކީ، ފައިސާގެ ގޮތުން ބަލާއިރު، އަދިވެސް ޔޫރަޕެވެ. ޗައިނާ ޓޫރިސްޓުން އެނދުތައް ފުރިޔަސް ހޭދަކުރުމުގެ ބައި ޔޫރަޕް ޓޫރިސްޓުންގެ ބޮޑު ކަމަށް އިންޑަސްޓްރީން ދެކެ އެވެ. އެހެންކަމުން ޔޫރަޕްގެ އިގުތިސާދަށް އައި ހުއްޓުމުގެ އަސަރު ރާއްޖޭގެ ރިސޯޓްތަކަށް ނުކޮށެއް ނުދާނެ އެވެ. ޓޫރިސްޓުން އަންނަ މިންވަރު މަތި ނަމަވެސް ޖުމްލަކޮށް ލިބޭ އާމްދަނީ އިތުރުވެދާނެތޯ އެއީ ސުވާލެކެވެ.
ރާއްޖެ ކަހަލަ ކުޑަ ގައުމެއް މިފަދަ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުމުން އަލުން އަރައިގަތުމަށް ސިޔާސީ އެއްބައިވަންތަކަމެއް ދައްކަން ޖެހެ އެވެ. އެއީ ސަރުކާރު ހިންގާ ބަޔަކު އިދިކޮޅު މީހުންގެ ރަނގަޅު ވާހަކަތައް އަޑުއެހުމާއި އަމަލްކުރުމެވެ. އަދި އިދިކޮޅު މީހުން ވެސް ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދިނުމެވެ. ސިޔާސީ މި އެއްބައިވަންތަކަމާ ނުލައި އެއްވެސް ގައުމަކަށް ސަލާމަތެއް ނުވެވޭނެ އެވެ. އިގުތިސާދަށް ކުޑަ ނަމަވެސް އުނިކަމެއް އަންނާނެ ފަދަ ވާހަކަތައް ދެއްކުމާއި ރާއްޖެއާ މެދު ބޭރު މީހުން ޖެހިލުންވާނެ ފަދަ އިންޒާރުތައް ދިނުމަކުން އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނެތެވެ. ކުރިން ވެސް މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެގޮތަށެވެ. އެހެންކަމުން އިގުތިސާދީ، މާލީ މައްސަލަތަކުގައި ސިޔާސީ ވެރިން ދައްކަން މިޖެހެނީ ބިރުގެންނެވުމުގެ ވާހަކަތަކެއް ނޫނެވެ. އަޅަން މި ޖެހެނީ ބިރުން ސަލާމަތްވެވޭނެ ފަދަ ފިޔަވަޅުތަކެކެވެ.
2 comments