ސެޕްޓެމްބަރ 11، 2001 ގައި އެމެރިކާއަށް ކުރިމަތިވި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއާމެދު ވިސްނާލާށެވެ. އެދުވަހު އެމެރިކާގެ ނިއު ޔޯކަށާއި ވޮޝިިންގްޓަން އަށް ދިން ޓެރަރިސްޓް ހަމަލާއަކީ އެމެރިކާގެ އިތުރުން މުޅިދުނިޔެވެސް ސިއްސުވާލި ހާދިސާއެކެވެ. ސެޕްޓެމްބަރ 11ގެ ކާރިސާގައި ދިމާވި ބިރުވެރިކަމާއި ހިތާމަވެރިކަން އެއްފަރާތް ކޮށްލުމަށްފަހު، އެދުވަހާއި އަދި އެއާ ޖެހިގެން އައި ދެ ދުވަހަކީ ދުނިޔެ ހޫނުވުން ނުވަތަ "ގްލޯބަލް ވޯމިން"އާ ބެހޭ ދިރާސާތައް ކުރާ ސައިންސްވެރިންނަށް ވަރަށް މުހިންމު ވެގެންދިޔަ ތިން ދުވަހެވެ. ސަބަބަކީ ސެޕްޓެމްބަރ 11 ގެ ކާރިސާއަށް ފަހު، އެމެރިކާގެ ފަޒާގައި ތިން ދުވަސް ވަންދެން ވައިގެ އުޅަނދުތައް އުދުހިފައިވުން މަދުވުމުގެ ސަބަބުން ފަޒާގައި ވައިގެ އުޅަނދުތަކުން ފޮނުވާ ދުމުގެ އަސަރު ކުޑަވެފައިވުމެވެ.
މިދުވަސްވަރު ސައިންސްވެރިންވަނީ ވަރަށް މުހިންމު ކަމެއްވެސް ފާހަގަކޮށްފައެވެ. މިގޮތުން ވައިގެ އުޅަނދުތަކުން ފޮނުވާ ދުމުން އުފެދޭ "މަސްނޫއީ ވިލާތައް" ގާތްގަނޑަކަށް އެއްކޮށްހެން ނެތިދިއުމުން، މި ތިން ދުވަހު ވެސް ކޮންމެ ދުވަހަކު ފަޒާގެ ފިނިހޫނުމިން 1.1 ޑިގްރީ ސެންޓިގްރޭޑް އަށް މައްޗަށް ގޮސްފައިވާކަމަށް ސައިންސްވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ މާނައަކީ، އަހަރެމެންގެ ފަޒާގައި އުދުހެމުން އަންނަ ވައިގެ އުޅަނދުތަކުން ފޮނުވާ ދުމުގެ ސަބަބުން އިރުގެ އަލި ލިބެންވީ މިންވަރަށް ދުނިޔެއާ ހަމައަށް ފޯރަމުން ނުދާކަމެވެ. މިއަށް ސައިންސްވެރިން ކިޔާ އުޅެނީ "ގްލޯބަލް ޑިމިން" ނުވަތަ "ދުނިޔެ ފަނޑުވުން" އެވެ.
ދުނިޔެއާ ހަމައަށް އިރުގެ ހޫނުމިން ފޯރާވަރު ބެލުމަށް އެތަކެއް އަހަރުތަކެއްގެ ދިރާސާތަކެއް ކުރުމަށް ފަހު ސައިންސްވެރިން ބުނެފައިވާގޮތުގައި، ދުނިޔެއަށް އިރުގެ ހަކަތަ ފޯރަމުން އަންނަވަރު ދުވަހެއް ދުވަހަކަށް ދަނީ ފަނޑުވަމުންނެވެ. އިންސާނުންގެ ތަފާތު ހަރަކާތްތަކުން ދުނިޔެއަށް ފޯރާ އިރުގެ ހަކަތަ މަދުވުމުގެ މާނައަކީ ދުނިޔެ ހޫނުވުން ނުވަތަ ގްލޯބަލް ވޯމިންގެ އަސަރުތައް އަހަރެމެންނަށް މިހާރު ލަފާކުރެވޭ ވަރަށްވުރެވެސް ބޮޑު މިންވަރަކަށް ހިނގަމުން އަންނަ ކަމެވެ. މިކަންތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1950 ގެ އަހަރުތަކުގައި އޭރުގެ ސައިންވެރިންނަށެވެ. ފާހަގަކުރެވިފައިވާ ގޮތުގައި ދުނިޔޭގެ އެކިހިސާބުތަކުގައި އިރުގެ އަލި ދުނިޔެއަށް ފޯރާމިންވަރު ތަފާތެވެ. މިގޮތުން، 1950 އާއި 1990 ގެ އަހަރުތަކާ ދެމެދުގައި އިރުގެ އަލި ދުނިޔެއަށް ފޯރާ މިންވަރު ދެ އިންސައްތަ ދަށްވެފައިވާ ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކައެވެ.
ގްލޯބަލް ޑިމިން ނުވަތަ އިރުގެ އަލި ދުނިޔެއަށް އެންމެ ފުރިހަމަގޮތުގައި ނުފޯރުމުގެ އެންމެ މައިގަނޑު ސަބަބަކަށް ވަނީ ދުނިޔޭގެ ވައި ތަޣައްޔަރު ވުމެވެ. މިގޮތުން ވައިގެ އުޅަނދުތަކާއި އެއްގަމު އުޅަނދުތަކުން ބޭރުކުރާ ދުމުގެ އިތުރުން، ކައްކާއިރު ބޭރުވާ ދުމާއި ކާރުޚާނާތަކުން ބޭރުވާ ދުމުގެ ސަބަބުން ފަޒާގެ ތެރެއަށް ކާބަންޑައިއޮކްސައިޑް ގޭސް ފެތުރިގެންދެއެވެ. ކާބަންޑައިއޮކްސައިޑް ގޭހަކީ ދުނިޔެ ހޫނުވުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ގޭހެވެ. މިގޭހުގެ އިތުރުންވެސް ވައިގެ ތެރޭގައި ސަލްފާ އަދި އަޅި ފަދަ ތަކެތި ގިނަވެއެވެެ.
ފަޒާތެރޭގައި ދައުރުވަމުން އަންނަ މިފަދަ ކުދިކުދި "ގުދުރަތީ ނޫން" މާއްދާތަކުގެ ސަބަބުން އިރުގެ އަލި ދުނިޔެއާ ހަމައަށް ފުރިހަމައަށް އައުމުގެ ބަދަލުގައި މިކުނޑިތަކުގައި ޖެހި، އިރުގެ އަލި ޖައްވުގެ ތެރެއަށް "ރިފްލެކްޓް" ވެގެން ނުވަތަ އެނބުރި ދެއެވެ. މީގެ އިތުރުންވެސް، ފަޒާގައި ދައުރުވަމުން އަންނަ ކުނޑިތަކުގެ ސަބަބުން ވިލާތަކުން އިރުގެ އަލި "ރިފްލެކްޓް" ކުރުވާ މިންވަރަށްވެސް ބަދަލުތައް ގެނުވައެވެ. މިގޮތުން، ފަޒާ ތަޣައްޔަރުކުރަމުން އަންނަ ކުނޑިތަކުގެ ސަބަބުން، ވިލާތަކުގައި ހިމެނޭ ފެން ތިކިތަކުގެ ސައިޒު ބޮޑުވެގެންދެއެވެ. ނަތީޖާއަކަށް ވަނީ އިރުގެ އަލި ދުނިޔެއާ ހަމައަށް އެންމެ ފުރިހަމައަށް ފޯރުމުގެ ބަދަލުގައި އެއްބައި ޖައްވުގެ ތެރެއަށް "ރިފްލެކްޓް" ވެގެން ދިއުމެވެ.
އިރުގެ އަލި ދުނިޔެއާ ހަމައަށް ފޯރާ މިންވަރު ދެނެގަތުމަށްޓަކައި 1990 ގެ އަހަރުތަކުގައި ރާއްޖޭގައިވެސް ވަނީ ތަހުލީލުތަކެއް ކޮށްފައެވެ. މިގޮތުން އުތުރާއި ދެކުނުގެ ހިސާބުތަކަށް އިރުގެ އަލި ފޯރާ މިންވަރު ދެނެގަތުމުގެ މަސައްކަތް މިތަހްލީލުތަކުގައި ވަނީ ކޮށްފައެވެ. މިތަހުލީލުތަކުން ދެއްކިގޮތުގައި، ދެކުނު އިންޑިއާއާ ދިމާލުން ރާއްޖެ އަންނަ އަޅިތަކާއި ކުނޑި ފަދަ ތަކެތީގެ ސަބަބުންް ރާއްޖޭގެ "ތަޣައްޔަރު" ވެފައިވާ ވިލާތައް ހުރި ދިމަދިމާގައި އިރުގެ އަލި ބިމާ ހަމައަށް ފޯރާ މިންވަރުވަނީ ދިހައެއް އިންސައްތަ ދަށްވެފައެވެ. މިއީ މިދިރާސާ ކުރުމުގެ ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ އެތައް ގުނައެއް ބޮޑު މިންވަރެކެވެ. މިތަހުލީލުތައް ކުރުމުގެ ކުރިން ލަފާކުރެވިފައިވަނީ ރާއްޖޭގެ ފަޒާ ތަޣައްޔަރު ވުމުން އިރުގެ އަލި ފޯރާ މިންވަރު 0.5އާއި އެކެއް އިންސައްތައާއި ދެމެދުގެ މިންވަރެއްގައި ދަށްވެފައިވާނެ ކަމަށެވެ.
ސައިންސްވެރިން މިހާރަކަށް އައިސް އެންމެ ކަންބޮޑުވާ އެއްކަމަކީ، އިރުގެ ފުރިހަމަ އަލި ދުނިޔޭގެ ކަނޑުތަކަށް ފޯރަމުން ނުދިޔުމުގެ ސަބަބުން ވާރޭ ވެހޭ ނިޒާމަށް އައިސްފައިވާ ބަދަލުތަކެވެ. މިގޮތުން ދުނިޔޭގެ ވޯޓަ ސައިކަލް ނުވަތަ ވާރޭވެހުމަށް މެދުވެރިވާ ނިޒާމަށްވެސް ވަނީ ބަދަލުތަކެއް ގެނުވާފަ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. މިގޮތުން ކަނޑުތަކުން ފެން އިވަޕޮރޭޓް ނުވަތަ މައްޗަށް އަރާ މިންވަރުވަނީ ދަށްވެފައެވެ. ވިލާތައް އުފެދެނީ މިފެނުގެ ސަބަބުންނެވެ. ވިލާތައް އުފެދުން މަދުވުމުގެ ސަބަބުން ދުނިޔޭގެ އެކިހިސާބަށް ވާރޭވެހޭ މިންވަރުވަނީ މަދުވެފައެވެ. މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސައިންސްވެރިން ދެކެނީ 1970 އާއި 1980 ގެ އަހަރުތަކުގައި އެފްރިކާގެ ހިސާބުތަކަށް ވާރޭ ނުވެހުމުގެ ސަބަބުން އެތަކެއް ލައްކަ މީހުން މަރުވެފައިވާ ހާދިސާއެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާ އޭޝިއާގައި ވެސް މޫސުމަށް އަންނަ ބަދަލުތަކުން މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ހުޅިވިފައިވާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.
ގްލޯބަލް ޑިމިންގެ އެންމެ ހައިރާންކުރަނިވި އެއްކަމަކީ އޭގެ ސަބަބުން ގްލޯބަލް ވޯމިން ނުވަތަ ދުނިޔެ ހޫނުވަމުންދާ ކަމަށް ސައިންސްވެރިން ބުނާ މިންވަރު ދަށަށް ގޮސްފައިވުމެވެ. މިގޮތުން، "ޑިމިން" ގެ ސަބަބުން "ގްރީންހައުސް އިފެކްޓް" ނުވަތަ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ގޭހުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރު ކޮންމެވެސް ވަރަކަށް ކެންސަލްކުރެވޭ ކަން މިހާރުވަނީ އެނގިފައެވެ. އެހެންކަމުން، ހަގީގަތުގައި ގްރީންހައުސް އިފެކްޓްގެ ސަބަބުން އަހަރެމެންގެ ދުނިޔެއާ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުރީގައި ލަފާކުރެވުނު ވަރަށް ވުރެވެސް ބޮޑެވެ.
ކޮންމެއަކަސް، ގްލޯބަލް ޑިމިންގެ ސަބަބުން ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ކުޑަކޮށްދެއެވެ. އެހެންކަމުން ބައެއް ސައިންވެރިން ދަނީ ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ކުޑަކުރުމަށްޓަކައި، ގްލޯބަލް ޑިމިންގެ މިންވަރު އިތުރުކުރުމަށް ވެސް ލަފާ ދެމުންނެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ހިޔާލު ކަމަށް ނުވެދާނެއެވެ. ސަބަބަކީ އިންސާނުން އެފަދަ ގޮތަކަށް ދުނިޔޭގެ މާހައުލާ "ކުޅުމުގެ" ސަބަބުން ލަފާކުރަން ދަތި އެހެނިހެން ކަންތައްތަކާވެސް ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާކަމެކެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ޖައްވުގެ ތެރެއަށް އަހަރުމެން ދޫކުރާ ވިހަ ތަކެތި ވީހާވެސް މަދުކޮށް، މާތް ރަސްކަލާނގެ ގުދުރަތުން ދުނިޔެ ލައްވަވާފައި އޮތް ގޮތަށް އަނބުރާ ގެނެވޭތޯ މަސަކަތްކުރުމެވެ.

ދިރާގު ދިވެހި ލީގު: ނިއު - ވިކްޓަރީ
11 comments