ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ހައިރާންވާނެ ކަމެއް ނެތެވެ. އެކަމަކު މިއޮތް ކުޑަކުޑަ ދިވެހިރާއްޖެ އަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ މިންވަރުން ބައެއް މީހުން ހައިރާން ވެސް ވެދާނެ އެވެ. އޭގައި ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބައިނަލްއަގުވާމީ ސިޔާސަތުގައި ވެސް ވަކި އެޖެންޑާތަކެއް އޮވެ އެވެ. ގައުމެއްގެ ގައުމީވަންތަކަމާ ބެހޭ ކަމެއް ވިއްޔާ ސިއްރުންނެވެ. ކޮންމެވެސް އެހެން ނަމެއްގަ އެވެ.
ރާއްޖެ އަށް ވުރެ މިނިވަންކަން ބޮޑު އިސްލާމީ ގައުމެއް ދުނިޔޭގައި ނޯވެދާނެ އެވެ. އެކަމަކު 100 ޕަސެންޓް އިސްލާމީ ގައުމެކޭ މި ބުނާ ބަހުގައި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ދެކޮޅުހަދާ ކަންތައްތަކެއް އެބަ ހުއްޓެވެ؛ ބައެއް ފަރާތްތަކުގެ ސިއްރު އެޖެންޑާގައި އޮވެދާނެ އެވެ؛ ސަތޭކަ ޕަސެންޓް މުސްލިމް ގައުމެއް އޮވެގެންނުވާނެ އެވެ. އެހެންކަމުން ދެން ޖެހޭނީ އެހެން ކޮންމެވެސް ގޮތަކުން އެ ނަން ބަދަލުކުރާށެވެ. އެކަން ރާއްޖޭގައި ސިއްރާއި ފާޅުގައި ކުރަމުން އަންނަނީ މިއަދަކު ނޫނެވެ. އެއީ 1970 ގެ އަހަރުތަކުން ފެށިގެން ވެސް އެކި ޖަމާއަތްތަކުން ކުރަމުން އައި ކަމެކެވެ.
މިހާރު ރާއްޖެ އިން ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގައި ސޮއިކުރުމާ އެކު ފިއްތުންތައް އަންނަނީ ރާއްޖޭގެ މުޅި ގައުމިއްޔަތުގެ ބިންގާ ފުނޑުފުނޑުކުރުމުގެ މަގުގަ އެވެ. ދިވެއްސަކަށް ވުމަށް ކޮންމެހެން މުސްލިމަކަށް ވާން ނުޖެހޭނެ ކަމަށް ބަޔާންކުރަން އެބަ ޖެހެ އެވެ. މިއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެދުނު ނަމަވެސް ރާއްޖޭގައި ކުރެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު އަސާސީން އެބައި ބަދަލުކުރެވޭނީ ކިހިނެއްތޯ މިއީ ގައުމީ ވަރަށް ބޮޑު ސުވާލެކެވެ. ރާއްޖޭގެ ވަރަށް މަދު ބަޔަކު އެއީ އެއްވެސް ކަމެއް ނޫނޭ ބުނި ނަމަވެސް ގައުމީ މަސްލަހަތުގެ ތިލަފަތުން ކިރާ ކަމަށްވަންޏާ އެއީ މިއަދު ނުވާނެ ކަމެކެވެ.
ބައިނަލްއަގުވާމީ މިންގަނޑުން ރާއްޖޭގައި ލިބެން ހުރި ހައްގުތައް މަދެއް ނޫނެވެ. ކުޑަކުޑަ ގައުމަކަށް ވިޔަސް ގައުމު މިދަނީ އެ ހުރިހާ ކަމެއް ރަނގަޅުކުރަން ހަދައިގެން ނުވެގެންނެވެ. އިގުތިސާދުގައި އެވަރު ނެތުމާއި އިންސާނީ ވަސީލަތުގެ ގޮތުން ވެސް ފުދުންތެރިކަން ނެތިގެންނެވެ. ހޭލުންތެރިކަން ކުޑަވުމާއި އިލްމީ ގޮތުން އަދި އަޅުގަނޑުމެން އެ ފެންވަރަށް ނުދެވިގެންނެވެ. އެހެންކަމުން މިހާރުގެ ހާލަތަށް ބަލާއިރު ވެސް ރާއްޖޭގެ ހުޅުވިފައިވާ ޑިމޮކްރަސީ އަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތައުރީފްކުރަން ޖެހޭނެ އެވެ. ހަމައެކަނި ސިޔާސީ މީހުންގެ ޝަކުވާތަކާއި ފޮރުވިފައިވާ އެޖެންޑާއެއްގެ ނުފޫޒުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމީ އެންމެ ބޮޑު ބިންގާ ފުނޑުވިޔަދީގެން ނުވާނެ އެވެ. އެކަމުން ސަލާމަތްވެވޭނެ ގޮތްތައް ސަރުކާރާއި ކަމޭ ބެހޭ އެހެން ފަރާތްތަކުން ހޯދައިދޭން ޖެހޭނެ އެވެ.
ގައުމެއްގެ ހަމަޖެހުމާއި އެ ގައުމެއްގެ ގައުމީ ސިފަތައް ކަނޑައެޅުމުގެ ބާރު އޮތީ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ނޫނެވެ. އެޖަމާއަތްތަކުން ބުނާހާ ހުރިހާ ކަމެއް ކުރާކަށް ނުވެސް ޖެހޭނެ އެވެ. ދުނިޔޭގެ ހުރިހާ ތަނަކުން ވެސް ފެންނަނީ އެގޮތެވެ. އިންސާނީ ހައްގުތައް ނިގުޅައިގަންނަން ބޭނުން ނަމަ އެމެރިކާ އިން ވެސް ކޮންމެވެސް އުޒުރެއް ދައްކާފައި އެކަން ކުރެ އެވެ. ދަނީ ވެސް ކުރަމުންނެވެ. ބޭއިންސާފު އެތައް ކަމެއް އެކި ދީންތަކާއި ނަސްލުތަކަށް އަމާޒުކޮށް ހުޅަނގާއި އެމެރިކާގައި ވެސް ކުރެ އެވެ. އެހެންކަމުން ރާއްޖޭގައި ވެސް ހަމަނުޖެހޭނެ، ހަމަނުޖެއްސޭނެ އަދި ޖައްސައިގެން ނުވާނެ ބައެއް ކަންކަން ވެސް ހުންނާނެ އެވެ. އެކަން ޖެހޭނީ ސިޔާސީ މީހުން ވެސް، އެހެން އެޖެންޑާއެއް ނެރެގެން އުޅޭ މީހުން ވެސް ގަބޫލުކުރާށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
3 comments