މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަމުން ބަދުރުއް ނަސީރު އިސްތިއުފާ ދެއްވަމުން ކުރައްވާފައިވާ ޝަކުވާތަކާ މެދު ދައުލަތުގެ އެހެން ފަރާތްތަކުން ވިސްނާލުން ހުއްޓެވެ. އޭނާ ވަނީ މިނިވަން މުއައްސަސާއެއް އުފެއްދިޔަސް އަދި ފުރިހަމަ ނުވާ ކަމާއި އެ މުއައްސަސާތައް ރަނގަޅަށް ހިނގާނެ ގޮތަށް ވެސް ކަންކަން ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ބަލާއިރު މިހާރު އެ ކޮމިޝަން ވެސް ވެފައިވަނީ ސިޔާސީ އެކި ފަރާތްތަކުގެ އަމާޒުފަތްގަނޑަކަށެވެ. އެޓާނީ ޖެނެރަލާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިދިކޮޅު އެމްޑީޕީން ވެސް ހުއްޓުމެއް ނެތި ފާޑުކިއުންތައް ދަނީ އޮއްސަމުންނެވެ. ކޮމިޝަނަށް އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭ ނަމަ ސަރުކާރާއި ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ޝަކުވާތައް ހުންނާނެ އެވެ. އަނެއްކޮޅުން މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ގޮތްތަކެއް ވެސް ހަމަޖައްސައިދޭން ޖެހޭނެ އެވެ.
ބްރޯޑްކާސްޓީން ކޮމިޝަނަށް އެންމެ އަވަހަށް އަދި އެންމެ މުހިންމު އެއްޗަކަށް ބޭނުންވަނީ ރާއްޖޭގެ ޓީވީ އަދި ރޭޑިއޯތައް މޮނިޓަކުރާނެ ނިޒާމެކެވެ. އެފަދަ ނިޒާމެއް ގާއިމްކުރަން ބޭނުންވާ ފައިސާ ދޭކަށް ރައްޔިތުންގެ މަޖިލިހުން އެއްބަހެއް ނުވެ އެވެ. ކޮންމެވެސް އުޒުރެއް ދައްކާފައި އެކަން ވަނީ ހުއްޓުވާފަ އެވެ. މިހާރުގެ މާހައުލުގައި ޓީވީތަކާއި ރޭޑިއޯތަކުން ފޮނުވާ އެއްޗެހި ފަހަށް ރައްކާކުރެވޭނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ހަމަނުޖައްސާ، މީޑިއާ މޮނިޓަކޮށް، ފިޔަވަޅު އެޅޭނެ ގޮތްތައް އުނދަގޫވާނެ އެވެ. އެހެންކަމުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެ ވަސީލަތް ހޯދައިދޭން ޖެހެ އެވެ.
ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާ މެދު އަބަދުވެސް ޝަކުވާ އޮވެ އެވެ. ސިޔާސީ އެކި ފިކުރުގެ މީހުން ވާހަކަ ދައްކަނީ އެތަންތަން ސިޔާސީކޮށްފަ އެވެ. އަބަދުވެސް އެބަޔަކަށް ފައިދާ ނުވާ ގޮތަކަށް މައްސަލައެއް ބަލާ ނަމަ އޮންނަނީ ގޯސްވެފަ އެވެ. އެހެންކަމުން މިނިވަން މުއައްސަސާތައް ރަނގަޅަށް ހަރަކާތްތެރިވެވޭނެ މާހައުލެއް އަދި ނުއުފެދެ އެވެ. އެ މުއައްސަސާތަކުގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ. ބައެއް މެމްބަރުންގެ ޒާތީ މައްސަލަތަކާއި މެމްބަރުންގެ އާއިލާގެ ބައެއް މީހުންގެ އަމަލްތައް ހުންނަ ގޮތުން އުފެދޭ ސުވާލުތައް ގިނަ އެވެ.
ރަނގަޅު ކުރަން ޖެހޭ ކަންކަން ދައުލަތުގެ ބަޖެޓުން ފެށިގެން، ސިޔާސީ ޕާޓީތަކުގެ އަމަލްތަކާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ ވެސް ގުޅިފައިވެ އެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިނިވަން މުއައްސަސާތައް އޭގެ ރަނގަޅު ގޮތުގައި، މުސްތަގިއްލު ގޮތުގައި ހަރަކާތްތެރިވުމަށް މިހާރު ކުރިމަތިވެފައި ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަން އެބަ ޖެހެ އެވެ. އެހެން ނޫނީ މިނިވަން މުއައްސަސާތަކެއް ހަދައިގެން، ދައުލަތުން ބޮޑު ހޭދަތަކެއް ކުރުމުގެ ބޭނުމެއް ނެތެވެ. ތެދުވެރިކަމާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ ނުލައި ދައުލަތުގެ މި އިދާރާތަކެއް ނުހިންގޭނެ އެވެ. ހިންގޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
0 comment