ވައްކަމާއި ފޭރުމަކީ އަބަދު އެއްގޮތަކަށް ކުރާނެ، އަދި ކުރަމުން ދާނެ ކަމެއް ނޫން ކަމަށް ފުލުހުން ވެސް އެތައް ފަހަރަކު ވަނީ ބުނެފަ އެވެ. ވައްކަމާއި ފޭރުން އާންމުވަމުންދާއިރު މީހުންނަށް އޮޅުވާލުމަށްޓަކައި ތަފާތު ގޮތްގޮތަށް އެކަން ކުރަމުން ދެ އެވެ. ވަގުން ސްމާޓްވަމުން ދެ އެވެ. އެކަން އެންމެންނަށް ވެސް އެނގި ތިބެން ޖެހެ އެވެ. ވައްކަމެއްކަން ނުވަތަ ފޭރުމެއްކަން ވެސް ނޭނގޭހާ މޮޅަށް މިހާރު އެކަން ކުރަމުން ދެ އެވެ. އޭގެ ތެރެއިން އަހަރެން މި ކިޔައިދެނީ ދާދި ފަހުން އަންހެން ކުއްޖަކަށް ދިމާވި ކަމަކާއި، އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށް ދިމާވި ކަމަކާއި އިހަކަށް ރޭ ބިދޭސީއަކަށް މަގުމަތިން ދިމާވި ކަމެކެވެ. މި ތިން ކޭހަކީ ވެސް ދާދި އެއްވައްތަރުގެ ތިން ފޭރުމެވެ. މިއީ، މާލޭގައި މިހާރަކަށް އައިސް ކުރަމުންދާ އާންމު ކަމެކެވެ.
ތިޔަ ބޭފުޅުންނަށް މިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ، އެއްގޮތަކަށް ވެސް ފައިސާ ދޭން ނުހަދާށެވެ! އަވަހަށް ފުލުހުންނަށް ގުޅާށެވެ. ނުވަތަ އެހެން މީހެއްގެ އެހީ އަވަހަށް ހޯދާށެވެ!
-- އެންމެ ފުރަތަމަ އަންހެން ކުއްޖާ އަށް ދިމާވި ހާދިސާއިން ފަށާނަމެވެ.
މިދިޔަ މަހުގެ ކުރީކޮޅު އަހަރެންގެ ރަހުމަތްތެރި އަންހެންކުއްޖަކު މަޖީދީމަގުގައި ހުންނަ ބީއެމްއެލްގެ ބްރާންޗަށް ދިޔަ އެވެ. ލަގްޒަރީ ޝޮޕިން ސެންޓަރު ކުރިމަތީގައި ސައިކަލް ބަހައްޓަން ވެގެން މަޑުކޮށްލިތަނާ ޕޭވްމަންޓުގެ އަރިމަތިން ކަހަލަ ގޮތަކަށް ހިނގާފައި ދިޔަ ޒުވާން ފިރިހެނަކު ސައިކަލާ ދިމާއަށް އަތްހޫރާލައިފި އެވެ. އެއާ އެކު، ސައިކަލްގެ މުއްގަނޑުގައި އޭނާގެ އިނގިއްޔެއް ޖެހިއްޖެ އެވެ. ހަމަ ޖެހުމާ އެކު އަތްދިއްޔޯއޭ ކިޔާފައި "ތަދުވި" އިނގިލީގައި އަނެއް އަތުން ފިއްތާލައިފި އެވެ. އަދި އޭނާ އަންހެން ކުއްޖާއާ ދިމާއަށް އެނބުރި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަން ފަށައިފި އެވެ. ތި ފަޅާލީ އަހަރެންގެ އިނގިއްޔޭ، އަހަރެން މިދަނީ ޕޭވްމަންޓް މަތިން ނޫންހޭ، ތިހާ ބާރަށް ދުއްވާކަށް ނުވާނެ ނޫންހޭ، ތި -- މޫނުމަތީގައި ލަޑަންވީހޭ ކިޔައި ހަޑިއެއްޗެހި ވެސް ކިޔަން ފަށައިފި އެވެ.
އަންހެން ކުއްޖާގެ ސައިކަލުން އޭނާގެ އިނގިލީގައި ޖެހުނުކަން އަންހެން ކުއްޖާ ވެސް ގަބޫލުކުރެ އެވެ. އޭނާގެ އިނގިލި ބަލާލިއިރު ނިޔަފަތިގަނޑުގައި "ތަދުވި ކަމުގެ" ފާޑެއްގެ ނިޝާނެއް ފެންނަން ހުއްޓެވެ. ޖެހުނީ ކިހާ ބާރަކަށް ކަމެއް އެ ވަގުތު އަންހެންކުއްޖާ އަށް ވަޒަނެއް ނުކުރެވުނެވެ. އަނެއްކޮޅުން، ބޭންކުން ނަގާފައިވާ ނަންބަރު ޖެހޭތީ އޭނާ ހުރީ އަވަސްވެ ގަނެފަ އެވެ. އޭރު އޭނާ އިނގިލީގައި ރިހޭތީ އަނގައިން ފާޑުފާޑުގެ އަޑު ލައްވަމުން ދިޔަ އެވެ.
ވަރަށް ބޮޑަށް ސޮރީއޭ އަންހެން ކުއްޖާ ބުނެފި އެވެ. އެކަމަކު އޭނާ އެއަކަށް ޖަވާބެއް ނުދެ އެވެ. އިރުއިރުކޮޅާ ބުނަނީ "މޫނުމަތީގައި ލަޑައިފައި ބިންމައްޗަށް ގަޅާލަންވީހޭ" އެވެ.
އަންހެން ކުއްޖާ އަނެއްކާ ވެސް ސޮރީއޭ ބުނެފި އެވެ. އަދި، "ތީގައި ދެން އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއްހޭ" އަހައިފި އެވެ. ސައިކަލްގައި ހޮސްޕިޓަލަށް ވެސް ގެންގޮސްދީފާނަމޭ ބުނެފި އެވެ. އޭނާ ބުނީ، އޭނާ ދަނީ ދައްތައެއްގެ ދަރިއަކު ބަލައި ގުރުއާން ކުލާހަށް ކަމަށާއި އެ ވަގުތު ނުދެވޭނެ ކަމަށެވެ.
"ހޮސްޕިޓަލަށް ދިޔަސް، ކަލޭ އަތުން ދާނެ 200ރ. އަހަރެން އަމިއްލަ އަށް ގޮސް ހޮސްޕިޓަލަށް ދައްކައިފާނަން. އަސްލު ކަލޭ ތިހާ ރީތިކޮށް ވާހަކަ ދެއްކީމަ މި ދޫކޮށްލަނީ ވެސް،" އޭނާ ބުންޏެވެ.
ހޮސްޕިޓަލަށް ހިލޭ ދެއްކޭނެ ނޫންހޭ ބުނުމުން، އޭނާގެ އަތުގައި އައިޑީ ކާޑު ނެތް ކަމަށް ބުންޏެވެ.
ބޭންކަށް ވަދެ ފައިސާ ނަގަންދެން އޭނާ ހުރީ އަންހެން ކުއްޖާގެ ކައިރީގައި ބޮޑީގާޑެއްހެންނެވެ. އެއްކޮޅުން އަންހެން ކުއްޖާ ހުރީ އަމިއްލަ ނަފުސަށް އަމިއްލަ އަށް ކުށްވެރިވެގެންނެވެ. މީހެއްގެ ގައިގައި ސައިކަލުން ޖައްސައި އިނގިއްޔަކަށް ލޭއަރުވާލައިފައި ކަމަށް އޭނާގެ ހިތަށް އަރަމުން ދިޔަ އެވެ. އެހެންވެ 200ރ. އަކީ މާ ބޮޑު އެއްޗެއް ވެސް ނޫނޭ، އަދި "މީނަގެ ކިބައިން ސަލާމަތް ވެވޭނީ ވެސް އެ ފައިސާ ދީގެންނޭ" ހިތައި އެ ފައިސާ ދީފި އެވެ. އެއާ އެކު ވަރަށް ބާރުބަރަށް ހިނގައިފައި އޭނާ ހިނގައްޖެ އެވެ.
ފަހުން ވިސްނާލިއިރު އެއީ މަގުމަތިން އެގޮތަށް ފައިސާ ހޯދަން އުޅޭ މީހެއްކަން އަންހެން ކުއްޖާ އަށް ކަށަވަރުވި އެވެ. ހަމަ ނޭވާއެއް ލައިފައި ވިސްނާލުމުން، އޭނާގެ އަތުގައި ސައިކަލުން ޖެއްސީ ނޫން ކަމާއި އަންހެން ކުއްޖާ ސައިކަލް މަޑުކޮށްލި ވަގުތު އޭނާ އަމިއްލަ އަށް އަތް ހޫރާލައި ސައިކަލުގައި އަތުން ޖެހީ ކަމަށް ހިތް ބުނެ އެވެ. -- އެ ވާހަކަ ނިމުނީ އެވެ. (މި މައްސަލަ ފުލުހުން ތަހުގީގުކުރަން ބޭނުން ނަމަ އަންހެން ކުއްޖާ ބުނަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު (ހެނދުނު 11- 12 އާ ދޭތެރޭގައި) ބޭންކުގެ ސީސީޓީވީ ފުޓޭޖް ބެލުމުން އޭނާ ބެންކު ތެރޭގައި ހުރި މަންޒަރު ފެންނާނެ ކަމަށެވެ.)
*******
މީގެ ދުވަސްކޮޅެއް ކުރިން ޗާނދަނީ މަގުން ސީގަލް ފިހާރަ ކައިރިން ލައިފައި އަހަރެންގެ ރަހުމަތްތެރިއަކު ޕޭވްމަންޓް މަތިން ހިނގާފައި ދަނިކޮށް މީހަކު ގޮސް ވަރަށް ބާރަށް ޖެހިގަތެވެ. ފަސް ވަރަކަށް މިނެޓް ފަހުން، ރަހުމަތްތެރިޔާ އެވިންސް ފިހާރަ ހުރި ހިސާބަށް އެރި ތަނުން ކުރިމައްޗަށް މީހަކު އަރައި ހުއްޓި "ކަލޭ ތީ ހާދަ ހަޔާތްކުޑަ މީހެކޭ" ބުނެ ރަހުމަތްތެރިޔާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުވައިފި އެވެ.
އޭނާ ބުނާ ގޮތުން ސީގަލް ކައިރިން ރަހުމަތްތެރިޔާގެ ގައިގައި ޖެހިފައި އޭނާގެ ކާރުގެ ތަޅުދަނޑި ބިންމައްޗަށް ވެއްޓި ފުނޑުފުނޑު ވެއްޖެ އެވެ. އަދި އެއީ ސިންގަޕޫރުން ނޫނީ ނުހެދޭނެ އެއްޗެއް ކަމަށާއި ތަޅުދަނޑި ހަލާކުވުމުން އޭނާގެ ބޮސް އޭނާ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުންޏެވެ. އަދި އެވަރުވީއިރު ވެސް ރަހުމަތްތެރިޔާ އެކަމާ އަޅާނުލައި ދިޔައީތީ އޭނާ ޒުވާބުކުރަން ފެށި އެވެ.
މީހަކު ގޮސް ޖެހިގަތްކަން ރަހުމަތްތެރިޔާ އަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް އެވަރުގެ ކަމެއް ހިނގި ކަމެއް ރަހުމަތްތެރިޔާ އަށް ނޭނގޭ ވާހަކަ ބުނެފި އެވެ. ރަހުމަތްތެރިޔާ ބުނާ ގޮތުން އެއީ ވަރަށް ސްމާޓްކޮށް ގަމީސް ވެސް ދަށަށް ޖަހާލައިގެން ހުރި ޒުވާނެކެވެ. ބަލާބެލުމަށް ފޭރޭ މީހެއްގެ އެއްވެސް ސިފައެއް އޭނާގެ ނެތެވެ.
އެ ތަޅުދަނޑި އަކީ ރިމޯޓް ތަޅުދަނޑިއެއް ކަމާއި މާލެއިން ވެސް އޭތި ނުހެދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ރޭ އޭނާ ދިޔައީ ބޮސް ބުނެގެން ތަނަކަށް ބަލާ ދާން ކަމަށާއި ތަޅުދަނޑި ނެތިއްޔާ ކާރު ވެސް ނުހުޅުވޭނެ ކަމަށް ބުނެފި އެވެ.
ރަހުމަތްތެރިޔާ އެދުނީ ސީގަލް ކުރިމައްޗަށް ގޮސް ތަޅުދަނޑި ހޯދާށެވެ. އަދި ބޮސް އަށް ގުޅައި އެއީ އޭނާގެ ސަބަބުން ވީ ކަމެއް ނޫން ކަމަށް ބުނާށެވެ. އެކަމަކު ފޭރެން ހިތުލައިގެން ހުރި މީހާ ވާހަކަ ބަދަލުކޮށްލި އެވެ. "އަހަރެން ވެސް މިއައީ އެތަން ބަލައިފައޭ"، "ނުފެނުނޭ" ބުނެފި އެވެ.
"ދެން އޮތް ގޮތަކީ އާރުކޭއެލް އިން ވަގުތީ ތަޅުދަނޑިއެއް ހެދުން. އޭރުން ވެސް ކިރިޔާ ކާރު ހުޅުވާލެވޭ ކަހަލަ އެއްޗެއް ހަދާލެވިދާނެ. އެކަމަކު އެކަމަށް ވެސް މަދުވެގެން 500ރ. ވަރު ނަގާނެ،" އޭނާ ބުނެފި އެވެ.
ރަހުމަތްތެރިޔާ ވޮލެޓް ނަގާފައި ދައްކާލި އެވެ. އެއްވެސް ފައިސާއެއް ނެތެވެ. އޭނާ އަށް ވޮލެޓްގައި ހުރި ކޭޝް ކާޑުތައް ފެނިގެން އޭޓީއެމް އަށް ފައިސާ ނަގަން ދާން އެދެފި އެވެ. އެކަމަކު އެކައުންޓްގައި ފައިސާ ނުހުންނާނެ ކަމަށާއި "މިތަނަށް ފައިސާ ގެންނަންހޭ" ރަހުމަތްތެރިޔާ ބުނެފި އެވެ.
"އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު އުޅޭނެ މިތާ ވަރަށް ކައިރީގައި. އޭނާ އަށް ގުޅީމަ ތި ފައިސާ ލިބިދާނެ،" ރަހުމަތްތެރިޔާ ބުންޏެވެ. އެއާ އެކު، އެއީ ކާކުތޯ އޭނާ އަހައިފި އެވެ. ރަހުމަތްތެރިޔާ "އެއީ ސިފައިންގެ މީހެކޭ" ބުނެފި އެވެ.
އެތަނަށް 500ރ. ގެންނަން އޭނާ އެއްބަސްވެއްޖެ އެވެ. ރަހުމަތްތެރިޔާ، ސިފައިންގެ މީހާ އަށް ގުޅުމާ އެކު ކުރިމަތީގައި ހުރި ފިހާރައަކަށް އޭނާ ވަދެއްޖެ އެވެ. އަދި ދެ މިނެޓެއްހާއިރު ފަހުން ނުކުމެ، "ކަލޭ ނަންބަރު ދޭށޭ، ބޮސް އެބަ ގުޅައޭ، ދެން މަޑުކުރެވޭކަށް ނެތޭ" ބުނެފައި ހިނގައްޖެ އެވެ.
އޭނާ އަކީ ވެސް އެގޮތަށް މަގުމަތީގައި، މީހުންގެ ގައިގައި ޖެހިގެންފައި ސްޓޯރީއެއް ހަދާލައިގެން ފޭރޭ މީހެކެވެ. އޭނާ ދިޔައީ އެތަނަށް ސިފައިންގެ މީހަކު އަތުވެއްޖިއްޔާ ބަސްޓް ވެދާނެތީ އެވެ.
******
އިހަކަށް ރޭ މަޖީދީ މަގުގައި ވެސް ހަމަ މިކަހަލަ ކަމެއް ހިނގައިފި އެވެ.
ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ ގައިގައި ޒުވާނަކު ޖެހިގެންފައި އޭނާ ވެއްޓި އޭނާގެ ފައި ޒަހަމްވެއްޖެ ކަމަށް ބުނެ ބިދޭސީމީހާގެ އަތުން ބައިވަރު ފައިސާ އަތުލަން ވަނީ މަސައްކަތް ކޮށްފަ އެވެ. ވަރަށް ކާރޫބާރޫ ބޮޑު ވަގުތަކަށް ވާތީ، އެ މަންޒަރު ވަނީ ވަރަށް ގިނަ ބަޔަކަށް ފެނިފަ އެވެ.
ބައިސްކަލްގައި ޒުވާނާ ޖެހުމާ އެކު ހޫރެމުން ހޫރެމުން ކަހަލަ ގޮތަކަށް އޭނާ ވެއްޓިފައި ތެދުވި އިރު "ހިނގައި ވެސް ނުގަނެވެ" އެވެ. ބިދޭސީ މީހާ ވަގުތުން ބައިސްކަލްގައި ހުއްޓުނެވެ. އޭނާ ތެދުވެ ބިދޭސީމީހާ އަށް ފައި ދައްކާފައި ކަލެއާ ހެދި މަގޭ ފައި މިއޮތީ ހިނގައިނުގަނެވޭ ވަރުވެފައޭ ބުނި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. އަދި ހޮސްޕިޓަލަށް ގޮސް ފަރުވާކުރަން އޭނާ ފައިސާ ދޭން އެދުނެވެ. ބިދޭސީ މީހާ ބިރުން އޭނަގެ އަތުގައި އެ ވަގުތު ހުރިއްޔާ ހުރި ފައިސާއެއް ދިނެވެ. ގާތްގަނޑަކަށް ހާހެއްހާ ރުފިޔާ ދިން ކަމަށްވެ އެވެ. އެތަން އެ ވަގުތު ފުލުހަކަށް ފެނިގެން "އޭތް، ތި ދެނީ ކޮން ފައިސާއެއްހޭ" ކިޔާފައި ސީނަށް ހިނގައްޖެ އެވެ.
ފުލުސް މީހާ ގަބޫލުކުރާ ގޮތުގައި އެއީ ދެވިގެން ވާނެ ފައިސާއެއް ނޫނެވެ. އެހެންވެ ވާހަކަތައް ދިގުވެ، ޒުވާބު ގިނަވެ، މީހުން އެއްވާން ފެށުމާ އެކު "މިކަމަކަށް ދެން ހައްލެއް ނެތެއް ނޫންހޭ" ކިޔައިފައި އެ ޒުވާނާ ފައިސާތައް އަނބުރާ ދީފައި އެތަނުން ހިނގައްޖެ އެވެ.
މިއީ ވެސް މަގުމަތީގައި ފޭރުމުގެ އާ ސިލްސިލާއެއްގެ ފެށުމެކެވެ. މީހުންގެ ގައިގައި ޖެހިގެންފައި ފަސް ރުފިޔާ އަށް ދޭ އާދައިގެ ބޭސް ފުޅި އެއްޗެހި ބިން މައްޗަށް ވައްޓާލައި ތަޅާލައިގެން، އެއީ ވަރަށް އަގުބޮޑު ބޭހެކޭ ބުނެ އެ ބޭސް ގަންނަން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މީހުން ވެސް މާލެ ތެރޭގައި މިހާރު އުޅެމުން ދެ އެވެ.
އަހަރެމެން އަބަދުވެސް ތިބެން ޖެހޭނީ ތައާރަފުވާ އާ ކަންތައްތަކަށް ބަލަބަލަ އެވެ. މިހާރު މި ފެށިގެން އުޅޭ ސިލްސިލާ އަކީ، ކުށްކުރީ ތިމާމީހާ ކަމަށް ހީކުރުވައިގެން ފައިސާ ފޭރުމުގެ ސިލްސިލާއެކެވެ. ތިޔަ ހުރިހާ ބޭފުޅުން ވެސް ރައްކާތެރިވެ ތިިއްބަވާށެވެ. މިއީ ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ޓަކައި ދަންނަވާލާ ވާހަކައެކެވެ. ހާއްސަކޮށް މަގުމަތީގައި އެކަނި ހިނގައި، އެކަނި ދުއްވާފައި ދާ މީހުންނާއި އަންހެން ކުދިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.

15 comments