ބަރަކާތްތެރި ރަމަޟާން މަހުގެ ރަހުމަތުގެ 10 ދުވަހާއި ފާފަ ފުއްސެވުމުގެ 10 ދުވަހަށް ފަހު މިހާރު ފެށިފައި މި ވަނީ ނަރަކަ އިން މިންޖުކުރެއްވުމުގެ 10 ދުވަހެވެ. މި މާތް މައްސަރުގެ އެންމެ މުހިންމު ދުވަސްތަކާ ކުރިމަތިލާފައި ވާއިރު އަޅުކަން ކުރުމަށް ދޭންޖެހޭ ސަމާލުކަން އެތައް ގުނައެއް އިތުރުކުރަން ޖެހެ އެވެ. ކުޅިވަރާއި މަޖަލުގައި ވަގުތު ނަގާލައިގެން ނުވާނެ އެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި އަންނަ، އަހަރުގެ ހެޔޮކަން އެންމެ ބޮޑު ރޭ ކަމަށްވާ ލައިލަތުލް ޤަދްރި ވިލޭރޭގެ ނަސީބު ލިބިގަތުމަށް ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަން ޖެހެ އެވެ. އެރޭ ކުރާ އަޅުކަން 1000 މަސް ދުވަހުގެ އަޅުކަމާ އެއްވަރެވެ. ﷲގެ އަމުރުފުޅާ އެކު ޖިބްރީލްގެފާނާއި މަލާއިކަތުން ބިމަށް ފައިބާ ވަޑައިގަންނަވާ އެ ރޭ، މީހަކު ހެޔޮ ގޮތުގައި ކުރާ ދުއާ އިޖާބަކުރައްވަ އެވެ. އެ ރެއަކީ ރަހުމަތާއި ބަރަކާތުން ފުރިގެންވާ މާތް ރެއެކެވެ. އެ ރޭގެ ނަސީބު ލިބިއްޖެ މީހަކީ ބާއްޖަވެރިއެކެވެ.
މި ބަރަކާތްތެރި މަހުގެ މިހާ ހިސާބަށް ދިޔައިރު އެއް ބަޔަކު ދުވަސްތައް ހޭދަކޮށްފައި ވާނީ ހެޔޮ ގޮތުގަ އެވެ. އެކަމަކު ރަނުގެ މި ފުރުސަތަށް ފުރަގަސް ދިނުމަށް ފަހު ދުނިޔަވީ އުފަލާއި މަޖަލުގެ ތެރޭގައި ދުވަސްތައް ހޭދަކުރާނެ މީހުން ވެސް މަދެއް ނުވާނެ އެވެ. އެފަދަ މީހުން ހެޔޮމަގަށް އެނބުރި ދިއުމަށް ވަގުތު އެބައޮތެވެ.
ރަމަޟާން މަހުގެ ރޯދަ އަށް ފަހު ފިތުރު ޒަކާތް ދިނުމަށް ވެސް އަވަސްވެގަންނަން ޖެހެ އެވެ. ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ނެރެ، އެކަމުގެ ދަރުމަ ލިބިގަންނަން ޖެހެ އެވެ. މިއީ ރޯދައިގެ ދަރުމަ އާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށްޓަކައި އަދާކުރަންޖެހޭ ފަރުޟެކެވެ. ތިމާގެ މުދަލުގައިވާ އަނެކާގެ ހައްގުތައް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކުރުމުގެ އަޅުކަމެކެވެ. ޒަކާތް ދެއްކުމަށް ފަސޭހަ އެތައް ގޮތެއް މިހާރު ހަމަޖެހިފައި ވާއިރު މިކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.
ރަމަޟާން މަހާ ބައްދަލުވެ އެކަމަކު އެ މަހުގެ ދަރުމައިން މަހުރޫމްވެއްޖެ މީހަކީ ބަދުނަސީބުވެރިއެކެވެ. އެފަދަ މީހަކަށް ނުވެ މާތްﷲގެ ރުއްސެވުމާއި ދަރުމަ ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތް މި ފަހު ދިހައިގެ ތެރޭގައި އިތުރުކުރަން ޖެހޭނެ އެވެ. އަދި މި ރަމަޟާން މަހު ތިމާގެ އުޅުމަށް ގެނައި ހެޔޮ ބަދަލުތައް ކުރިއަށް އޮތް ތަނުގައި ދަމަހައްޓަން ވަކިން ބޮޑަށް މަސައްކަތްކުރަން ޖެހޭނެ އެވެ. އަޅުކަމަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ.
0 comment