ސަމާސާ އަދަބު

ފަހުމީގެ ހަނދާން ގަދަކަން

އަބްދުﷲ ސޯދިގު
12 އޯގަސްޓް 2012 11:04

މި ފަހަރު މި ލިޔެލަނީ، އަޅުގަނޑުގެ ލޮބުވެތި ދަރިވަރު ޢަބްދުﷲ ނަޢީމް އިބްރާހީމްގެ ވާހަކައެކެވެ. މިއީ، މި ބާވަތުގެ ލިޔުންތައް ލިޔުއްވުމަށް ވަރަށް ކުޅަދާނަ ލިޔުއްވުންތެރިއެކެވެ.

ފަހުމީ އަކީ ހަނދާން ނެތުމުގެ ބަލި ވަރަަށް ބޮޑު މީހެކެވެ. ބައެއް ދުވަސް ދުވަހު ގެއިން ނުކުމެގެން ވަކި ހިސާބަކަށް ގޮސްފައި ދާން ބޭނުންވާ ތަން ހަނދާން ނެތިގެން އެނބުރި ގެއަށް އެބަ އާދެ އެވެ. ލޮލުގައި އަޅާ އައިނު ހަނދާންނެތިގެން އޮފީހުގައި ބާއްވާފައި ގެއަށް އެބަ އާދެ އެވެ. އެކަމަކު އައިނު ނާޅާ ޖެހިގެން ހުންނަ މީހާ ނުފެންނަ ވަރަށް އެ ފަކީރުގެ ލޯ އަނދިރި އެވެ.

ހަނދާން ނެތުމުގެ ސަބަބުން ގޭގައި އަންހެނުންނާ ޒުވާބުކުރަންޖެހޭ ދުވަސް ވެސް އާދެ އެވެ. ފިހާރައަކަށް ވަދެ، އެއްޗެއް ގަންނާން ފައިސާ ދީފައި، އެ އެއްޗެއް ނުލައި ގެ އަށް އަންނަ ދުވަސް ވެސް މަދެއް ނޫނެވެ.

ފަހުމީ އެންމެ ޢާއްމުކޮށް ހަނދާން ނައްތާލާ ނުވަތަ އޭނާ އަށް ބޭއްވުނު ތަނެއް ނޭނގިގެން ގެއްލޭ އެއްޗެހީގެ ތެރޭގައި ކުޑަ ހިމެނެ އެވެ. ވާރޭ ވެހޭ ދުވަސް ދުވަހު ހިފައިގެން ދާ ކުޑަ ކޮންމެވެސް ތަނެއްގައި ބާއްވާފައި ގެއަށް އާދެވެނީ އެވެ. އެންމެ ބޮޑަށް ޙައިރާންވާ ކަމަކީ ބައެއް ދުވަސް ދުވަހު ވާރޭގައި ތެމިގެން ގެއަށް އަންނަ ކަމެވެ. ތެމިގެން އަންނަ އިރު ވެސް ކުޑައިގެ މަތީން ހަނދާނެއް ނުހުރެ އެވެ.

ހަނދާން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން ގޭތެރޭގައި މައްސަލަ ޖެހޭތީ ފަހުމީ ހުންނަނީ ވަރަށް ކަންބޮޑުވެފަ އެވެ. ކަންތައްތައް ހަނދާން ނައްތާނުލައި ވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރެ އެވެ. ބައެއް ކަންތައްތައް ނޯޓުކޮށްގެން ގެންގުޅެ އެވެ. އެކަމަކު އެހެން ހެދީމާ ނޯޓު ބަލާން ހަނދާން ނެތެނީ އެވެ. ބައެއް ފަހަރަށް ހަނދާން ނެތުމުގެ ސަބަބުން ފަސޭހަ ވެސް ވެފައި ހުރެ އެވެ. ބައެއް ކަހަލަ މައްސަލަތައް ހަނދާންނެތުނީމާ ސިކުނޑި އަށް ލުއިކަމެއް ލިބެ އެވެ. އެހެން ނަމަވެސް ހަނދާންނެތުމުގެ ސަބަބުން ލިބޭ ގެއްލުމާ އަޅައި ބަލާއިރު ސިކުނޑި އަށް ލިބޭ ލުއިކަމުގެ ފައިދާއެއް ނުފެނެ އެވެ. ފެނާއި، ފޯނާއި، ކަރަންޓަށް ދައްކަންޖެހޭ ފައިސާ ހަނދާން ނެތިގެން ނުދެއްކުމުގެ ސަބަބުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ކަރަންޓު ކަނޑައިލުމުގެ ސަބަބުން ބައެއް ރޭރޭ ކަނު އަނދިރީގައި ނިދާންޖެހެ އެވެ. ފައިސާ ނުދައްކައިގެން ފެން ކަނޑައިލުމުގެ ސަބަބުން ލޮނުން ފެންވަރައިގެން ތިބޭން ޖެހެ އެވެ.

އެއް ރެއަކު ފަހުމީ ގެއަށް އައިއިރު ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ. އަތުގައި ކުޑައެއް އޮތެވެ. އެ ރެއަކީ އުޑުމަތި ބަނަ ރެއެކެވެ. އެ ރޭ ފަހުމީ އުފާވީ ކުޑައިގެ މަތީން ހަނދާން ނުނެތުނީމަ އެވެ. ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ޙަފްލާގައި ބައިވެރިވާން އިސްލާމީ މަރުކަޒަށް ގޮސްފައި އެނބުރި ގެއަށް އައީ ކުޑަ ހިފައިގެންނެވެ. ފަހުމީ އަށް ފެނުނު ގޮތުގައި އެއީ އޭނާގެ ހަނދާން ނެތުމުގެ ބަލި ރަނގަޅުވަމުންދާ ކަމުގެ ނިޝާނެކެވެ.

ގެއަށް ވަދެފައި ގޮވައިލިއެވެ. "ޝަރީފާ، ނިކަން ބަލާ ބަލަ، މިއަދު އަހަރެން ހަނދާނެއް ނުނެތޭ، މިއައީ ކުޑަ ވެސް ހިފައިގެން."

ޝަރީފާ ފަހުމީއާ ދިމާ އަށް ބަލައިލާފައި އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ވަންނާން ހިނގައިގެންފި އެވެ.

ފަހުމީ އަހައިލި އެވެ. "ބަލަ އެއްވެސް އެއްޗެކޭ ނުބުނީ ކީއްވެގެން؟ އަހަރެން ހަނދާން ނެތިގެން ކުޑަ ބާއްވާފައި އަންނަ ދުވަސް ދުވަހު ވަރަށް ވަރު އަރުވައިލާނެ. މިރޭ ކުޑަ ހިފައިގެން އައީމާ ހަމަ އެއްވެސް އެއްޗެކޭ ނުބުނި."

ޝަރީފާ ކުޑަކޮށް ރުޅި އައިސްފައި ބުނެލި އެވެ. "ޙައިރާނެއް ނުވާނެތަ؟ މިއަދު ފަހުމީ ބޭރަށް ދިޔައީ ކުޑައެއް ހިފައިގެންނެއް ނޫނޭ. ތިޔަ އައީ ކޮންމެވެސް އެހެން މީހެއްގެ ކުޑައެއް ހިފައިގެން."

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި