ބަށި ކުޅުމަކީ، ރާއްޖޭގެ ރަށް ރަށުގައި ވަރަށް ކުރީއްސުރެ އަންހެނުން ކުރަމުން އައި ކަމެކެވެ. އެ ކުޅިވަރަކީ، ފަސޭހައިން ކުޅެވޭ ގޮތަކަށް ތައްޔާރުކޮށްލެވޭ ކުޅިވަރެކެވެ. އެހެންކަމުން އަންހެނުން ފޫހިފިލުވުމަށް މި ކުޅިވަރު ޚާއްޞަވެފައި ވުމަކީ، އެކަށީގެންވާ ކަމެކެވެ.
"ދިވެހި އަންހެނުންގެ ސަގާފީ ކުޅިވަރުގެ ތެރެއިން ބަށި" މި ލިޔުއްވުމުގައި އަންނަބީލާ ޙަބީބާ ޙުސެން ޙަބީބު ބަޔާންކުރައްވާ ގޮތުން ބަށްޓަކީ ފަންވަތުން ހަތަރެސްކަނަށް ވިޔެފައި އޮންނަ އެއްޗެކެވެ. ގާތްގަނޑަކަށް ޓެނިސް ބޯޅައެއްގެ ބޮޑުމިނަށެވެ. އެ ބަރުކޮށްލަން އޭގެބަނޑަށް (އޭގެ ތެރެޔަށް) ގާ ކޮޅެއް ލާފައި އޮވެއެވެ.
އަޅުގަނޑަށް އެނގިފައިވާގޮތުގައި، ސ. އަތޮޅު ފިޔަވައި އެހެން ހުރިހަިއި ހިސާބެއްގައި ވެސް މިއަށް ކިޔަނީ، ބަށްޓެވެ. އެ މީހުން ކިޔައި އުޅޭކަމަށް ބަސްފޮތުގައި ބުނެފައިވަނީ "ސުވާ" މިހެންނެވެ. އަދި އަމުދުން ޏ. ގައި "ސުވާ" މިއީ މުޅިން އެހެން ގޮތަކަށް ކުޅޭ ކުޅިވަރެކެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ހިސާބުގައި ސުވާ ކިޔާ ކުޅިވަރަކީ ފިރިހެނުން ކުޅެ އުޅުނު ކުޅިވަރެކެވެ. ސުވާ އަކީ ފޮތިގަނޑެއްގެ މެދަށް ވެލިއަޅައިގެން އޭގާ ހިފަހައްޓަންވީ ތަންކޮޅަށް ކައިވަތެއް ހުންނަ ވަރުގެ ފަށެއް ލާފައި ހުންނަ ބާވަތަކު ބޯޅައެކެވެ. މި ބޯޅަ ހޮވާ މީހުންނާ ދިމާއަށް އެއްލަން ޖެހޭނީ، މަޑިއަށް ޖެހޭ ކަހަލަ ހަރަކާތަކާ އެކުގަ އެވެ.
ތަންކޮޅެއް ކުރީން، ރައީސް އޮފީހުގެ ކުދިންކޮޅެއް ރަސްމީ ބޯޅަދަނޑުގައި ވެސް މި ކުޅިވަރު ކުޅުނެވެ.
ބަށިކުޅުމަށް ރާއްޖޭގެ ބައެއް ހިސާބުގައި ކުރިން "އަތްމަތިބަރަކާތް" ކުޅެން ވެސް ކިޔައި އުޅުނެވެ. މި ކުޅިވަރުގައި ތިބެނީ، ކުޅޭ ބަޔަކާއި ހޮވާ ބައެކެވެ. މި ކުޅިވަރުގައި ކުޅޭ މީހުން ބައިވެރިކުރާކަށް ވަކި ޢަދަދެއް ނޯވެއެވެ. ކުޅޭ މީހާ ހޮވަންތިބޭ މީހުންނަށް ފުރަގަސްދީގެން ހުރެ، ބަށި މައްޗަށް އެއްލައިފައި އަތުން ޖަހައި އެކޮޅަށް ފޮނުވައިލަން ޖެހޭނީ، "ކަނޑުން" ހިނގާވަރަށެވެ. އެއީ ބިންމަތީގައި އަޅާފައި އޮންނަ ހުރަސް ރޮނގެކެވެ. ބައެއް ރަށްރަށުގައި މިއަށް، "އަނު" މިހެން ވެސް ކިޔައެވެ. ކަނޑޭ މި ކިޔަނީ ޖަހާ ފޯލި ކަމުދިޔުމުގެ މިންވަރު ބަލާން އަޅާފައި އޮންނަ ރޮނގަކަށެވެ (ބަސްފޮތް). ކޮންމެއަކަސް އެގޮތަށް ކަނޑު ހުރަސްކޮށް ފޯއްޔެއް ޖެހިއްޖެނަމަ، އެއީ ކަމުދާ ފޯއްޔެކެވެ. މި ގޮތަށް ބާރަ ފޯލި ޖަހާފައި ސައްޕު ޖެހުމަށްފަހު، އަތްމަތީ ތިންފޯލީގެ (މިހާރު ގޮތަށް ނަމަ ބަރަކާތް 3،2،1) އިން ފޯލި ފޮނުވައި ލެވިއްޖެނަމަ، ލަނޑެއް ދެވުނީ އެވެ. މިއިން ފޯއްޔެއްގައި ހޮވާ މީހެއްގެ އަތް ޖެހުނަސް އެއީ ލަނޑެކެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީ ކުރިން އެވަރުގެ ގަވާއިދެއް ހެދިގެން ވަކި ހަމައެއްގެ މަތީން ކުޅެއުޅުނު ކުޅިވަރެއް ނޫނެވެ. ކަންމިހެން އޮއްވާ، ބަށި ތަރައްގީކުރެއްވީ ދިވެހި އަންހެނުންގެ ތަރައްޤީގެ ބާނީ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައި ޙަބީބާ ޙުސެން ޙަބީބުގެ ލިޔުއްވުމުގައި ވެއެވެ. އެއީ، ތެދުފުޅެކެވެ. އެ އުފެދުނު ބަށްޓަށް ކިއަނީ "މަދުރަސާބަށި" މިހެންނެވެ. އެއީ، 3591 ވަނަ އަހަރުގެ ތެރޭގައެވެ. ކުރިން ފަނުން ވިޔެގެން ގެންގުޅުނު ބަށީގެ ބަދަލުގައި އެހިސާބުން ތައާރަފްކުރެވުނީ ޓެނިސް ބޯޅައެކެވެ. ކުޅޭ އެއްޗަކަށްވީ ޓެނިސް ފިލާގަނޑެވެ. ކަނޑުގެ ބަދަލުގައި ދަމާފައިވަނީ، ދާގަނޑެކެވެ. އަދި ކުޅޭ ޓީމަކާއި ހޮވާޓީމެއް އުފެދި ބައިބަޔަށް، މީހުން ލައްވާނެ އަދަދު ވެސް ކަނޑައެޅިއްޖެ އެވެ.
ޙަބީބާގެ ލިޔުއްވުމުގައި ކޯޓުގެ ދިގުމިނާއި ފުޅާމިނާއި ކޯޓު ބަހައިލެވިފައިވާ ހަތަރު ބައި ނުވަތަ ހަތަރުގޮޅި ވެސް ބަޔާންކުރެވިފައި ވެއެވެ. އެ ގޮޅިތަކުގެ ތެރެއިން ކުޅޭ ގޮޅި އާއި ދާގަނޑާއި ދެމެދުގެ ދުރުމިނަކީ ފަނަރަފޫޓު ކަމަށް ބަޔާންކުރައްވާފައި ވެއެވެ.
މިހެންގޮސް ބަށްޓާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދުތައް ހަމަ ނުހަނު ރަނގަޅެވެ. ރީއްޗެވެ.
މިއަދު، ބަށި ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. މިއަދު ވަނީ، ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ނަމުގައި ޖަމްއިއްޔާއެއް ވެސް ހޯމް މިނިސްޓްރީގައި ރަޖިސްޓަރީކުރެވިފަ އެވެ. އޯގަސްޓް ،13 2012 ގައި އެތާނގެ ފަރާތުން ނެރުއްވާފައި އޮތް ނޫސްބަޔާނެއްގައި ވާގޮތުން މި ޖަމްއިއްޔާވަނީ މިހާރު ސާކްގެ ކުޅިވަރު ޖަމްއިއްޔާގެ މެންބަރަކަށް ވެސް ވެފަ އެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ، މި ކުޅިވަރުވަރު މިހައި މަޝްހޫރުވެ، ބޭރަށް ތައާރަފް ވަމުންދާ އިރު، އަދި ކުޑަކުޑަ އެހެންނަމަވެސް އެދެވޭ އިސްލާހެއް ހަމަ ނުގެންނަވާނަން ްތޯއެވެ؟ މިއެވެ. މިހާރު މި އޮންނަ ގޮތުން ސައިނެތް ފޯލި ނުވަތަ ސައިނެތް ފޯއްޔަކީ،
1- ކޯޓުން ބޭރަށްދާ ފޯލި
2- ދާގަނޑުގައި ޖެހިފައި ކަނޑުން ހިނގާ ފޯލި
3- ބޯޅައިގައި ޖަހާވަގުތު ކުޅޭ ގޮޅީގެ ރޮނގުގައި ނުވަތަ ރޮނގުން ބޭރުގައި ފައިތިލަ ބަހައްޓައިގެން ޖަހާ ފޯލި
4- ބޯޅަ އެއްލާފައި ނުޖަހައި ދޫކޮށްލާ ފޯލި.
މި ނަންބަރުތަކުގެ ތެރެޔަށް ބިންބުޅަލަށް ޖަހާފޯލި (ބަސްފޮތް) އިތުރުކޮށްލަންވީ އެވެ. ބިންބުޅަލަށޭ މިދަންނަވަނީ، ބަށިކުޅޭއިރު ކޮނޑުމަތިން ނެއްޓުނީއްސުރެ ތިރިއަށްދާހެން ޖަހާ ފޯއްޔަށެވެ.
މި ފޯލި ސައިނެއް ފޯއްޔަކަށް ހަދަން މިޖެހޭ ގޮތަކީ، ބަށިކުޅުމުގައި ކުރީއްސުރެ ވެސް އެ ފޯއްޔަށް ސައި ނޯންނާތީ އެވެ. ދެވަނައަށް އަންހެނުން އެ ފޯލި ހިފަން ދާގަނޑު ބުޑުގައި އުޑަފައިން އިށީނދެ ތިބެން ޖެހޭތީ އެވެ. އެ ގޮތަށް އަންހެނުން ތިބުން ރީތި ނޫނީތީ އެވެ. ހަމަގައިމު ވެސް މުޙައްމަދު އަމީން ދައުރުގައި ބށިކުޅެ އުޅުނުއިރު އަންހެންވެރިން އެގޮތަށް އުޑަފައިން އިށީނދެގެންނެއް ނުތިބެއެވެ.
މި ކުޑަކުޑަ ބަދަލު ގެނެވިއްޖެނަމަ ކިތައްމެތަނެއް މި ކުޅިވަރު ބަލާލަން ރީތިވާނެ އެވެ.
0 comment