އެޑިޓޯރިއަލް

މަޖިލީހުގެ ޖަލްސާތައް އަވަހަށް ފަށަން ޖެހޭ

އިސްމާއިލް ނަސީރު
21 އޯގަސްޓް 2012 14:32 2 ކޮމެންޓު

ހިޔާލު ތަފާތުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ޖަލްސާތައް ހުއްޓިފައި އޮތީ، ކަމާ ގުޅުންހުރި، މައިގަނޑު ބޮޑު މައްސަލައެއް ކުރިމަތިވެގެން ކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އަދި ކަމެއްގައި ހިޔާލު ތަފާތުވެގެން މަޖިލީހުގެ ޖަލްސާއެއް ހުއްޓާލި ނަމަވެސް، ހުރިހާ ޖަލްސާތަކެއް މެދުކެނޑިގެން ދިއުމަކީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ރަނގަޅަށް އަދި މި އުޅެނީ ފަށައިނުގެނެވިގެންނެވެ. ޖަލްސާއެއް ބޭއްވި ނަމަވެސް އޮއްޓަރު ހުރި ބޮޑު މަސައްކަތްތަކެއް އަދި ނިންމާލެވިފައެއް ނުވެ އެވެ. މަޖިލީހުގެ ޖަލްސާތަކުން ފެނިގެން ދިޔައީ ހަލަބޮލި ކަމާއި މައްސަލަތަކެވެ. އެ މައްސަލަތަކުގެ ތެރޭގައި ދެވަނަ ދިގު ޗުއްޓީއަކަށް އަންނަ މަހުގެ ތެރޭގައި މަޖިލިސް އަނެއްކާ ވެސް "ބަންދު" ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. ވަރަށް ގިނަ ގާނޫނުތަކެއް ހުރީ ގެންނަން ޖެހިފަ އެވެ. އޭގެ ތެރޭގައި މިހާރު މިހާރަށް ވެސް ވަރަށް މުހިންމު ގާނޫނުތަކެއް އެބަހުއްޓެވެ. މަޖިލީހުގެ ކޮމެޓީގައި ވެސް މަސައްކަތްތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް، އެއިން ހުރިހާ މަސައްކަތެއް ހުރީ އެއްފަރާތްކޮށްލެވިފަ އެވެ.

ކަމެއްގައި ހިޔާލުތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ އެކަން ބޮޑު ކަމަކަށް ހަދައިގެން ދައުލަތުގެ އެއް ބާރު ހުއްޓިފައި އޮތުމެވެ. ކުދިކުދި ކަންތައްތަކުގައި ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނަން ޖެހޭ ނަމަ އެއީ ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ މައްސަލައެކެވެ. މެމްބަރުންގެ ފަރާތުން އެފަދަ މައްސަލަތައް ކުރިމަތިވާ ނަމަ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ނަމަވެސް އެކަން ހަމައަކަށް އަޅުވަން ޖެހެ އެވެ. މަޖިލިސްގެ ޖަލްސާތައް ނުހުއްޓި ކުރިއަށް ދާނެ ގޮތަކަށް ގަވައިދު ބައްޓަން ކުރަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެމްބަރުން މިހާރަށް ވުރެ ބޮޑަށް ކަންކަން ސީރިއަސްކޮށް ނަގަން ޖެހިއްޖެ އެވެ. ރައްޔިތުންނާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން އަމަލުތައް ބަހައްޓަން ޖެހިއްޖެ އެވެ. ކޮންމެ ފަހަރަކު ކުދިކުދި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ބޮޑު ބާރެއްގެ ބާރު ކަނޑުވާލައިފައި ބޭއްވުމަކީ މަޖިލީހުގެ މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވިޔަސް ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. އެ ހައްގު އެކަކަށް ވެސް ލިބިގެން ނުވެ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait