ސަމާސާ އަދަބު

ސަމާސާ އަދަބު! ނުކެވޭ ގޮތަށް ރޯސްވި ކުކުޅު

އަބްދުﷲ ސޯދިގު
30 ޑިސެމްބަރ 2012 09:25 2 ކޮމެންޓު

ތަންކޮޅެއް ކުރިން ރަބީޢުލްއައްވަލް މަހަށް ކިޔަނީ "ބާރަމަހެވެ." އެއީ، އެ މަހުގައި އަންނަ ޚާއްޞަ ދުވަހަކަށްޓަކަ އެވެ. އެއީ، އެމަހުގެ ބާރަ ވަނަ ދުވަހެވެ. އަޅުގަނޑުމެން މުސްލިމުން ކީރިތި ރަސޫލާ (ސ.އ.ވ) ގެ އީދު މީލާދު ކަމަށް ބަލާ ދުވަހެވެ. އެދުވަހު ކާތަކެތި ތިޔާގި ވާވަރުން އެދުވަހަށް ކިޔާ އަނެއް ނަމަކީ "ތުން ބުރި ކާޅަށް ވެސް ކާން ލިބޭ ދުވަހެވެ". މާނައަކީ، އެއީ އެންމެ ދެރަ ނިކަމެތި މީހާޔަށް ވެސް ކާން ލިބޭނެ ދުވަހެވެ.

މިހައި ހިސާބުން ތުން ބުރި ކާޅުގެ ވާހަކަ ވެސް ދައްކާލަން އެބަ ޖެހެ އެވެ. ތުން ބުރި ކާޅަކީ، ކާޅުގެ އުނދަގޫ ބޮޑުވެގެން މީހުން ކާޅެއް ހިފާފައި އެސޮރުގެ ތުނބުގެ ކުރީކޮޅުން ބައެއް ބުރިކޮށްލާފައި ދޫކޮށްލާ ކާޅަށް ކިޔާ ނަމެކެވެ. މިފަދަ ކާޅަށް އެއްޗެއް ކާން ކިހައި އުނދަގޫވާނެތޯ އެވެ! އެކަމަކު ބާރަދުވަހު އެސޮރުމެންނަށް ވެސް ކާއެއްޗެހި ލިބޭނެޔޯލަ އެވެ. ކުރިން ވެސް ބުނިހެން އެއީ، އެންމެ ދެރަ ނިކަމެތި މީހާޔަށް ވެސް ކާން ލިބޭ ދުވަހެވެ.

މި ދުވަހާ ގުޅިގެން ބައެއް ރަށްރަށުގައި ބޮޑު މާލޫދަށް ކައްކައި ހަދަ އެވެ. އެކަމަށް ވަރަށް ބޮޑަށް ޚަރަދުކޮށްގެން އެކި ގޭގެއިން ބޮޑެތި ކޭން ނެރޭނެ އެވެ. މޮޅު ކޭމުގައި ކުކުޅު ހުންނާނެ އެވެ. މިގޮތަށް އަޅުގަނޑު ކުރީ ވާހަކައިގައި އިޝާރާތްކުރި ނައިބޭ ކުރި ކަމަކާ ގުޅޭ ގޮތުން އަޅުގަނޑުގެ އެކުވެރި އާދަން ނަސީރު ލިޔުއްވާފައި އޮތް ވާހަކައެއް ފެނުނީމާ މިބަޔަށް އިތުރުކޮށްލަން ގަސްތުކުރީ އެވެ. ވާހަކަޔަށް ވަރަށް ބޮޑެތި ބަދަލުތައް ގެނައުމާ އެކުގަ އެވެ.

ކޮންމެއަކަސް މުޅި ރަށުގެ ރައްޔިތުން ބާރަ މާލޫދަށް ތައްޔާރުވަމުން ދިޔައިރު އޭނާގެ ކޭމަށް ރަނގަޅު ކުކުޅެއް ލިބޭތޯ މާލޭ މާރުކޭޓަށް އޭނާ އައިސް ވަރަށް މަސް ފަލަ ހާލެއް ގެންފި އެވެ. ދެރަކަމަކީ، އެދުވަސްވަރު ދަތުރުކުރާ އުޅަނދުތައް އިންޖީނުލީ ތަކެއްޗަށް ނުވާކަމެވެ. އެހެންކަމުން އޭނާ އަށް ޖެހުނީ، އެ ހާ، ކުކުޅު މުޅިޔަކަށް ލާފައި ދަތުރުކުރާ އުޅަނދުގައި ބޭރަށްވާ ގޮތަށް އެލުވާލާފައި ބަހައްޓާށެވެ. ނަސީބު ދެރަކަމުން ދުވަސްވަރަކީ، ވައި ދަތި ދުވަސްވަރެކެވެ. މާނައަކީ، ވައި ޖެހެނީ ގާތްގަނޑަށް ދާންވީ ދިމާއިންނެވެ. އެހެންކަމުން އެ ދަތުރު ވީ އަނބުރާ ހޭރިޔާ ކުރާ ދަތުރަކަށެވެ. ރަށަށް ފޯރިކަމަށް ވަނީ 11 ވަނަ ދުވަހަށެވެ. އެއީ ރަށުގެ އެންމެން ހޭބޯނާރާ މާލޫދަށް ކެއްކުމައިގެން އުޅޭ ދުވަހެވެ.

އޮޑި ފަޅަށް ވަނުމާ އެކު އޭނާ އަވަސް އަވަހަށް އެއްކަލަ މަސްފަލަ ހާލުގެ ހާލަކީ، ކޮބައިތޯ ބަލައިލި އެވެ. ކަމަކު ދާކަށް ނެތެވެ. ރާޅާ ތަޅައިތަޅައި އެސޮރުގެ ވަރެއް ނެތެވެ. ހާ އިނީ ވަރަށް ލޮޑުވެފަ އެވެ. އެހެންކަމުން އެ ހާ ހިފައިގެން އަވަހަށް ފައިބަންވެގެން އޭނާ މޫދަށް ފުންމާލި އެވެ. އެއްގަމަށް އެރުނުއިރު އެ ހާ އިނީ، ތުރުތުރު އަޅައަޅަ އެވެ. ގެއަށް ވަދެފައި އަންހެނުންނަށް ގޮވައިލި އެވެ. ފުޅާ އެވެ! މި ސޮރުގެ ބޮލަށް އަޅާލަން އަވަހަށް ސާފުތެޔޮ ފޮދެއް ގެނެސްބަލާށެވެ. އޭރު ކޮންމެ ކަމެއް ވިޔަސް ބަނދެލާނީ، ސާފުތެޔޮ ފޮތިގަނޑެކެވެ. ފަޔަށް ތަދެއް ވިޔަސް އޭގެ ފޮތިކޮޅެއް އޮޅާލާފައި ބަހައްޓަ އެވެ. އޭނާގެ އަންހެނުން ސާފުތެޔޮ ގެނައުމުން ހާލުގެ ބޮލަށް އޮއްސާލަން އުޅެވުނު ގޮތަކުން މުޅި އެ ހާލުގެ ގަޔަށް ސާފުތެޔޮ ފުޅި ބަންޑުންވެއްޖެ އެވެ. މިހާރު އެ ސޮރުގެ ހާލު މާ ބޮޑުހެން ހީވެ އެވެ. އަންހެނުން ބުންޏެވެ. ތިޔަ ކުރި ކަމެއް ބަލާބަލާށެވެ. ދެން މުޅި ހާލުގައި ދޭނީ ސާފުތެޔޮ ރަހަ އެވެ.

މިހިސާބުން އޭނާ ހިތަށްއެރި އެވެ. އަވަހަށް މި ހާ ގެންގޮސް އުނދުނު ފުއްޑުނުގައި ބަހައްޓާލަން ވީ އެވެ. ހޫނުވެލީމާ ރަނގަޅު ވެދާނެ އެވެ. މިހެން ހީކޮށް އެއްކަލަ ހާ ގެންގޮސް އުނދުނު ފުއްޑުނުގައި ބަހައްޓާލުމާ އެކު އެސޮރަށް ކުޑަކޮށް ހޫނުވެލިކަމެއް ނޭނގެ އެވެ. އެ ދިމާއިން ބޭރަށް ނުކުތް ހުޅުގަނޑެއް އެ ހާލުގެ ގައިގައި ހިފައިގަތްގަތީނުން އެ ސޮރުގެ ދުވަސް ދުއްވާލައިފި އެވެ. ހާ ތެޅިގެންފައި އައިސް ޖެހުނީ ނައިބޭގެ ފައި ކައިރިޔަށެވެ. އެޔެކޭ އަލިފާން ބޯޅައެކޭ ތަފާތެއް ނެތެވެ. އޭނައަށް އަސްތާއޭ ބުނެ ހަޅޭއްލަވައި ގަނެވިއްޖެ އެވެ. ބަލަހައްޓައިގެން ހުއްޓާ އޭނާގެ އެ އޮތް މަސް ފަލަ ހާ ރޯސްވެ ނިމިއްޖެ އެވެ. އެކަމަކު އެއްވެސް ބަޔަކަށް ނުކެވޭ ގޮތަށެވެ.

ދެން އޭނާއަށް މިކުރެވުނު މޮޔަ ކަމާ މެދު، އަންހެނުން އެއްޗިހި ގޮވައިގެންފި އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait