މީސް މީހުންގެ އަބުރަކީ ހާދަ ހުރުމަތްތެރިކަން ބޮޑު އެއްޗެކެވެ. މިކަން އަޅުގަނޑުމެންގެ ކާބަފައިން ވަނީ ދައްކައިފަ އެވެ. މިހާރު ކޯޓޭ ކިޔާ ތާކަށް އޭރު ކިޔައި އުޅެނީ ނައިބުގެ ނުވަތަ ފަނޑިޔާރުގެ އެވެ.
އަޅުގަނޑު އެހެން ކޮލަމެއްގައި ވެސް މިކަމާ މެދު ވާނީ ބަޔާނެއް ލިޔެފަ އެވެ. އެދުވަސްވަރު ދިވެހިންގެ އާދަޔަކީ "ގާތުން ބޮލިކޮށްޓޭއެއް ދީގެން ވެސް" މާނައަކީ ، އެހައި ބޮޑު ޚަރަދެއް ކޮށްގެން ވެސް ފަނޑިޔާރުގޭ ހަތަރު ފާރުން އެތެރެއަށް ނުވެއްދޭތޯ ބެލުމެވެ.
ރޯދަމަހާ ދިމާކޮށް "ދިވެހީންގެ ވާހަކަ" މިފޮތުން ކުޑަކުޑަ ވާހަކައެއް ދަންނަވައިލާނަމެވެ. ހިސާބަކަށް މިލިޔުން ސާފުކޮށްދިނުމާ އެކުގަ އެވެ. މިފޮތަކީ، ދިވެހިބަހުގެ ލާމަސީލު މުޞައްނިފް ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީނުގެ ދުވަސްވަރު އެމަނިކުފާނަށް އިވިވަޑައިގެންފައި ހުރި، ނުވަތަ ޚުދު އެމަނިކުފާނު ދެކެވަޑައިގެންފައި ހުރި ހާދިސާތަކުގެ މައްޗައް ބިނާކުރައްވައި ލިޔުއްވާފައިވާ ވާހަކަތަކެކެވެ.
ވާހަކައިގެ ސުރުޚީއަކަށް މިވަނީ "އަބުރުވެރިޔަކުގެ އިއްޒަތް ނަގާލައިފައި ފަނޑިޔާރުގެއަށް ދިއުން، ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެން މާ ދެރަޔޭ" މިހެންނެވެ.
ދުނބުރިފަތް ވެލާނާ ތަކުރުފާނަކީ، އައްސުލްތާން މުޙައްމަދު މުއީނުއްދީނުލް އައްވަލު މިރަދުންގެ ރަސްކަމުގެ ޒަމާނުގައި އުޅުއްވި ބޮޑު މުސްކުޅި ބެއިކަލެކެވެ (މިއީ، އިހުގައި ވަޒީރުކަމަށް ކޮލިލައްވާފައިވާ ބޮޑުބޭކަލުންނެވެ.)
މިތަކުރުފާނުން އުމުރުން ދުވަސްވެ، މުސްކުޅި ވެސް ވުމަށް ފަހު، ދެ ފައިގެ ކަށިމަތީގައި ވައްތަރެއްގެ ރޯޔެއް ހެދިފައިވެ އެވެ. (އެއީ ރޯ ފާރުގަނޑެކެވެ.) މިތަން ހުންނަނީ ފަސޭހަނުވެ އެވެ. މިހެންވެ ފައިގެ ކަށިމަތީގައި ހުންނަނީ، ދުނބުރިފަތުގައި ތެޔޮލައިގެން ބަނދެފަ އެވެ. މިތަކުރުފާނަށް ދުނބުރިފަތް ވެލާނާ ތަކުރުފާނޭ ކިއުނީ މިހެންވެގެން ކަމަށް ވެއެވެ.
މިތަކުރުފާނުން، އެއް ދުވަހަކު ހަކުރާގަނޑުވަރު ދޮރާށީގައި ހުންނަވަނިކޮށް، ( ދޮރޯށި ތެރޭގައި މަގުމަތި ބައްލަވަން ހުންނަވަނިކޮށް)، އެމަގުން މީހަކު އަންނާތީ ދެކިލެއްވި އެވެ. އެއީ މާލޭގެ އާދައިގެ ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ އެތަކުރުފާނަށް ފަންސާސް ކޮއްޓޭ ބޮއްޔަށް ދަރައިފަ އެވެ.
މީނާ މިހެން ދަމުން ވެލާނާ ތަކުރުފާނު މިތާނގައި ހުންނެވިޔަތީވެ ދޮރޯށިދޮށަށް މަޑުޖައްސައިލީމާ އެތަކުރުފާނު ބުނުއްވައިފިޔޭ.
"ތަކުރާޔޭ! އަދިވެސް އެއްކަލަ ފަންސާސް ކޮއްޓޭ ބޮލި...."
މިހިސާބަށް ބުނުއްވާއިރަށް އެކަލޭގެ ބުނެފިޔޭ. ތަކުރުފާނުއޭ! ތިޔަކަމާ ފަނޑިޔާރުގޭ... މިހެން ބުނުމުން،
އެތަކުރުފާނު "އާނ! އާނ! ކަނޑާލައިފީމޭ، ކަނޑާލައިފީމޭ! ކަލޭގެ ތިޔަ ދާތާކަށް އަވަހަށް ގޮސްބަލާށޭ!" ބުނުއްވި އެވެ. ދެން އެކަލޭގެ ހިނގައްޖެ އެވެ.
މިކަލޭގެ ދިއުމުން، އެވަގުތު އެތާ ހުރި މީހަކު ނަންގެންފިޔޭ، އެއޮތް ހުރިހާ އެއްޗެހި ހަމަ ތިޔަކަނޑުއްވާ ލެއްވީތޯޔޭ!
ތަކުރުފާނު، "އާނއެކޭ، އެހެންނާފަހެ، މަށަށް ވެސް މިހެދުނީ ގޯހެކޭ. ތިމާއަށް ވުރެ ދަށު ދަރަޖައިގެ މީހަކު، ރުޅިއަންނާނެ ކަހަލަ ވާހަކަޔެއް މަގުމަތިން ލައިގަނެގެން އެމީހާޔާ ދިމާއަށް ބުނުމަކީ، އެބުނާ މީހާގެ އަބުރަށް އެމީހާ ރައްކާތެރިނުވާ ކަމުގެ ދަލީލެކޭ. ދެން އެހެން ނޫނަސް އަބުރުވެރިޔަކުގެ އިއްޒަތް ނަގާލާފައި ފަނޑިޔާރުގެއަށް ދިއުން ފަންސާސް ްކޮއްޓޭ ބޮލި ގެއްލުމަށް ވުރެން މާ ދެރަޔޭ. މިހެންވީއިރު، ދެންވީ ކަނޑާލަންނޫންހޭ؟"
0 comment