ކޮލަމް 7

ރާއްޖެ ޓީވީ އާއި މިނިވަން ނޫސްވެރިކަމުގެ ވާހަކަ

އިސްމާއިލް ނަސީރު
15 އޯގަސްޓް 2012 11:32 34 ކޮމެންޓު
  • ރާއްޖެ ޓީވީގެ އިކުއިޕްމެންޓަށް ގެއްލުންދީފައި: ފުލުހުން އެއްބާރުލުން ނުދޭން ނިންމި ނިންމުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން. -- ހަވީރު ފައިލް ފޮޓޯ

މިއީ ވަރަށް ތަފާތު ބަހުސެކެވެ. މިއީ މި ދުވަސްކޮޅު އެންމެ ހިނގާ މައުލޫއު ވެސްމެ އެވެ. އަދި މިއީ، ދެ ފަރާތުން ވެސް ތަފާތު ބަހަނާތައް ދައްކާ މައްސަލައެކެވެ. އަދި އެ މައްސަލައެއްގައި ހިފައި، "މިނިވަން ނޫސްވެރިކަމަށް" ހުރަސްތައް ވެސް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. ރާއްޖެ ޓީވީގެ މައްސަލައަކީ މިހާރުގެ އެންމެ ހޫނު މައުލޫއެވެ.

ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ވެސް ވަރަށް ގަދަބަހުން ރާއްޖެ ޓީވީ އަށް "ރައީސް އޮފީސް ވެސް އެއްބާރުލުން ނުދޭނެ" ކަމަށް މި ހަފުތާގައި ވިދާޅުވި އެވެ. ހަމައެއާ އެކު، ފެނިގެން މިދާ އަނެއް މަންޒަރަކީ ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތަކުން ވެސް ރާއްޖެ ޓީވީ އެކަހެރިކޮށްލާ މަންޒަރެވެ.

އިދިކޮޅު ނޫސްވެރިންނަށް މި ސަރުކާރުން ދުއްތުރާތައް ކުރިމަތިކުރަމުންދާ އިރު، ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ވެސް ހަމަ އެ ދުއްތުރާތައް "އިދިކޮޅު" ނޫސްވެރިންނަށް ދިޔައީ މެދުނުކެނޑި ކުރިމަތިވަމުންނެވެ. އޭރު ނޫސްވެރިންނަށާއި މީޑިއާތަކަށް އެމްޑީޕީން ވަރަށް ފާޅުގައި އިންޒާރުތައް ދެމުން ގޮސް، ބައެއް ފަހަރު އޭރުގެ އިދިކޮޅު ކަމަށް ބުނާ މީޑިއާތަކަށް އެމްޑީޕީން ތަފާތު ޖެއްސުންތައްކޮށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައި އެބަހުއްޓެވެ. އެމްޑީޕީގެ ހަރަކާތްތައް އޮންނަ ދުވަސްތަކުގައި މީޑިއާ ގިނަ ފަހަރަށް އޮންނަނީ، އަތުވެދާނެ ހަމަލާއަކަށް ބިރުން ތުރުތުރު އަޅަ އެވެ. މި ސަރުކާރުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭއިރު، އަނެއްކޮޅުން އެމްޑީޕީގެ ބައްދަލުވުންތަކުން އެހެން މީޑިއާތައް ދުރުކުރުމުގެ ސިލްސިލާއެއް މިހާރު ވެސް ކުރިއަށް ދެ އެވެ.

ސިޔާސީ މީހުން ގަބޫލުކުރަންޖެހޭ އެއް ކަމެއް އެބައޮތެވެ. ރާއްޖޭގައި ރޮކެޓެއްހެން ނޫސްވެރިކަން މިދަނީ މައްޗަށް އަރަމުންނެވެ. ފުޅާވަމުންނެވެ. ނޫސްތައް އެބަ އިތުރުވެ އެވެ. ޓީވީ ސްޓޭޝަންތައް އެބަ ގިނަވެ އެވެ. ސީދާ ބައެއް ސިޔާސީ ލީޑަރުން އެ ބޭފުޅުންގެ ހަން ފަތުރަން ހަދާ ޓީވީ ޗެނަލްތައް ވެސް އަދި އުފަންވާނެ އެވެ. އެއީ ސިޔާސީ އެންމެން ވެސް، ސަރުކާރު ވެސް، އަދި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވެސް ގަބޫލުކުރަން ޖެހޭނެ ކަމެކެވެ. އެކި ޗެނަލްތަކުގައި، އެކި ނޫސްތަކުގައި އޮންނާނީ އެކި ޕޮލިސީ އެވެ. ބައެއް ޗެނަލްތަކުން ސަރުކާރާ ބެހޭ ހަމަ އެއްވެސް ވާހަކައެއް ނުގެނެސްދިނަސް އެކަން ހަޖަމްކޮށްލަންޖެހެ އެވެ. ގައުމުގައި ތަފާތު ފިކުރުގެ ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާ އިރު ތަފާތު ފިކުރުގެ މީޑިއާތައް ވެސް ހަރަކާތްތެރިވާނެ އެވެ. އެފަދަ މީޑިއާތައް ގިނަވުމަކީ ރައްޔިތުންނަށް ވެސް ލިބޭނެ ކުރިއެރުމެކެވެ.

ސަރުކާރުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭ މައިގަނޑު ސަބަބަކީ އެ މީހުން ބުނާ ގޮތުން އެ ޓީވީ ސްޓޭޝަނުން ދޮގު ހަބަރު ފަތުރާތީ އެވެ. ފުލުހުން އެއްބާރުލުން ނުދޭ ސަބަބަކީ ފުލުހުންނާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރާތީ އެވެ. ހަގީގަތުގައި، އެއްބަސްވިޔަސް ނުވިޔަސް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ރާއްޖެ ޓީވީ ވަރަށް ގިނަ ކަންތައްތަކުގައި ބޮއިކޮޓްކުރަނީ ސަރުކާރާ މުޅިން އިދިކޮޅު ޗެނަލަކަށްވާތީ އެވެ.

ރާއްޖެ ޓީވީ އަކީ ވެސް ޓީވީ ސްޓޭޝަނެއްކަން ސަރުކާރުން ގަބޫލުކުރަން އެބަޖެހެ އެވެ. އެއީ، ދައުލަތުގެ މުއައްސަސާއަކުން ލައިސަންސް ލިބިގެން ހިންގާ ޗެނަލެކެވެ. ޕާޓީ ސިސްޓަމެއްގައި ހުރިހާ ޗެނަލެއް، ހުރިހާ ނޫހެއް ހިނގާނީ ސަރުކާރު ރުހޭ ގޮތަކަށް ނޫނެވެ.

ރާއްޖެ ޓީވީ އަކީ ވެސް، ވިލާ ޓީވީ އާއި ދި ޓީވީ ފަދައިން އަމިއްލަ ޗެނަލެކެވެ. އެއީ ދައުލަތުގެ ޓީވީ ސްޓޭޝަނެއް ނޫނެވެ. އެހެން ކަމަށްވަންޏާ އެ ބައެއްގެ މަސްލަހަތު ހިމާޔަތްވާ ގޮތަކަށް އެތަނެއްގެ ކޮންޓެންޓް ހުރުމަކީ މައްސަލައެއް ނޫނެވެ. ދި ޓީވީ އާއި ވިލާ ޓީވީން ސަރުކާރާ އެއްކޮޅަށް ހަބަރުތައް ގެނެސްދޭ އިރު ރާއްޖެ ޓީވީން ސަރުކާރާ ދެކޮޅު ނުވަތަ އެމްޑީޕީއާ އެއްކޮޅަށް ހަބަރު ފެތުރުމަކީ މައްސަލައެއް ނޫނެވެ. އެކަން މައްސަލައަކަށް ހަދައިގެން ވެސް ނުވާނެ އެވެ. ސަރުކާރުގެ ބޮޑެތި ބޭފުޅުން، އެ ޓީވީގެ ކޮންޓެންޓާ ކުޅުއްވަން ފާޅުގައި ވާހަކަ ދެއްކެވުމަކީ ވެސް އަޅުގަނޑަށް ހިނި އަންނަ ކަމެކެވެ.

ރާއްޖެ ޓީވީ އަށް ފިޔަވަޅު އަޅަން ނިންމި މައިގަނޑު ނިންމުންތައް ވަރަށް ސާފެވެ. ރާއްޖެ ޓީވީން "ދޮގު ހަބަރު ފަތުރަނީ" އެވެ. އެއީ ވެސް ހަމަ ތެދެކެވެ. ރާއްޖެ ޓީވީން ކަނޑައެޅިގެން އެނގި ތިބެ ދޮގު ހަބަރު ފަތުރަ އެވެ. އެކަން ސާބިތުވެފައި ވެސް އެބަހުއްޓެވެ. އެއީ އެ ސްޓޭޝަނުން ހައްލުކުރަންޖެހޭ މައްސަލައެކެވެ. އެކަމަކު ހުރިހާ ޗެނަލަކުން ވެސް ދޮގު ހަބަރު ފަތުރަ އެވެ. ދޮގު ހަބަރު ފަތުރާފައި ވެސް އެބަހުއްޓެވެ. ނޫސްވެރިކަމުގައި އަހަރެމެން މި ހޭދަކުރި މުއްދަތުގެ ތެރޭގައި އެކަން ތަޖުރިބާ ވެސް ކުރެވިފައި އެބަހުއްޓެވެ. ތޯތޯ ވާހަކަ ވެސް ދައްކާފައި އެބަހުއްޓެވެ. ނުސީދާކޮށް އެކި ޗެނަލްތަކުން ގާނޫނާ ހިލާފު މުޒާހަރާތައް ބާއްވަން ވެސް ގޮވާލާފައި އެބަހުއްޓެވެ. ފުލުހުންނަށް އަނިޔާކުރަން ގޮވާލައިފައި ވެސް އެބަހުއްޓެވެ. ނަމަވެސް އޭގެ މާނައަކީ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅެން ހުއްޓާ އެތަނެއް ހަމަބިމަށް ތިރިކޮށްލުމެއް ނޫނެވެ. ރާއްޖެ ޓީވީން ދޮގު ހަބަރު ފަތުރާ ނަމަ، އެ މައްސަލައެއް ބަލަން، ކަމާ ބެހޭ އިދާރާތައް އެބަހުއްޓެވެ. ފުލުހުންނަށް އަނިޔާކުރަން ގަސްތުގައި ރާއްޖެ ޓީވީން ގޮވާލައިފައިވާ ކަމަށް ބުނާ ނަމަ އެ މައްސަލަ ބަލަންވީ އެވެ. އަދި ރާއްޖެ ޓީވީގެ ލައިސަންސް ހިފަހައްޓަންޖެހޭ ހާލަތަކަށް ހިނގައްޖެ ނަމަ އެކަން ވެސް ކޮށް، އެ ޓީވީ ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަކީ ވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް، އަޅުގަނޑު ތަކުރާރުކޮށް ވެސް ދަންނަވާނީ ރާއްޖެ ޓީވީއާ ގުޅުން ކަނޑާލުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއީ ފުލުހުންނަށް ވެސް، ރައީސް އޮފީހަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މުޒާހަރާތަކުގައި ރާއްޖޭގެ ހުރިހާ ނޫސްވެރިން ފުލުހުންގެ ހިމާޔަތުގައި ތިބޭއިރު ވަކި ފިކުރަކަށް ތަބާވާތީއޭ ކިޔާފައި ނުވަތަ ތިމާމެންނާ ދިމާއަށް އެއްޗެހި ކިޔާ ބަޔަކަށްވާތީއޭ ކިޔާފައި އެ ބަޔަކު މުޒާހަރާކުރާ މީހުންގެ ތެރޭގައި ބޭތިއްބުމަކީ އިންސާފެއް ނޫނެވެ. ރާއްޖެ ޓީވީން ކުށެއްކުރި ނަމަ އެކަމާ ބެހޭ ގާނޫނުތަކުގެ ތެރެއިން ގޮސް މައްސަލަ ހައްލުކުރެވިދާނެ އެވެ. ރާއްޖެ ޓީވީގައި އެމްޑީޕީގެ އެކްޓިވިސްޓުން ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ނަމަ އެ މައްސަލަ ވެސް ބަލަންވީ އެވެ. އެއީ، ރުޅި އަރައިގަނެގެން ގުޅުން ކަނޑާލަންޖެހޭ ވަރުގެ ސަބަބެއް ނޫނެވެ.

ރާއްޖެ ޓީވީ އަށް ހިމާޔަތް ދޭންޖެހޭނެ އެވެ. ހިމާޔަތް ނުދިނުމަށް ނިންމުމަކީ ބޯދާ ވިސްނުމެކެވެ. އެއީ އަޅުގަނޑަށް ވިސްނޭ ގޮތުގައި ތާކުންތާކު ޖެހޭ ނިންމުމެއް ވެސް ނޫނެވެ. އަދި ހަމައެއާ އެކު، އެއީ ނޫސްވެރިކަމުގެ ގާނޫނުތަކާ ވެސް ސީދާ ހިލާފު އަމަލެކެވެ. ސަރުކާރާ ނުވަތަ ވަކި ސިޔާސީ ޕާޓީއަކާ ދެކޮޅު ޗެނަލެއް މާދަމާ އަނެއްކާ ވެސް އުފަންވެދާނެ ކަމަށް އެ ބޭފުޅުން ވިސްނަވަން އެބަޖެހެ އެވެ. އެ ހާލަތްތަކުގައި ފަހަރަކު ޓީވީއަކާ، ފަހަރަކު ނޫހަކާ ގުޅުން ކަނޑާލުމަކީ މިކަމުގެ ހައްލުތޯ އެވެ؟

34 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait