ކޯސްޓް ގާޑުން މިފަހުން ވަނީ ޅ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް އުޅަނދުފަހަރު ޗެކްކޮށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ގޮތް ބަލައިފަ އެވެ. ހިތާމަކުރަން ޖެހޭ ކަމަކީ، އަދި ކަންބޮޑުވާން ޖެހޭ ސަބަބަކީ މިއިން ގިނަ އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން އެކަށީގެންވާ ވަސީލަތްތައް ނެތް ކަމެވެ. އޭގެ ތެރޭގައި ދަތުރުވެރިންނަށް ބޭނުންވާ ލައިފް ޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ފެން ޕަންޕް ފަދަ އެއްޗެހި ހިމެނެ އެވެ.
ރާއްޖޭގައި އަދިވެސް އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ ކަނޑުމަގުންނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރީ ބިނާވެފައި އޮތީ ކަނޑު ދަތުރުފަތުރުގެ މައްޗަށެވެ. އެހެންކަމުން ކަނޑު އުޅަނދުފަހަރުގައި އެކަށީގެންވާ މިންވަރަށް ސަލާމަތީ ފިޔަވަޅުތައް އެޅިފައި ނުވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ކަންބޮޑުވާން ޖެހޭ ކަމެއް ވެސް މެ އެވެ.
ކޯސްޓް ގާޑުން ދޭތެރެދޭތެރެއިން އުޅަނދުފަހަރު ޗެކްކުރަން ޖެހެނީ އެންމެންގެ ރައްކާތެރިކަމަށެވެ. ޚާއްސަކޮށް މޫސުމް ގޯސް ދުވަސްވަރެއްގައި އެކަމަށް ދޭން ޖެހޭ ސަމާލުކަން ބޮޑުވާން ޖެހެ އެވެ. އެހެންކަމުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ދަތުރުކުރާ އުޅަނދުފަހަރުގައި އެވަގުތަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ހަމަޖެހިފައި ހުރިތޯ ބެލުމަކީ ކޯސްޓް ގާޑު ވެސް ޒިންމާއެކެވެ. އެ ޒިންމާ އަދާކުރާ އިރު އަޅުގަނޑުމެންނަށް މިފެންނަނީ އޮޑިދޯނި އަދި ބޯޓުފަހަރުގައި އެ އެއްޗެހީގެ ވެރިންނާއި އެ އެއްޗެހި ދުއްވާ މީހުން، ގަވާއިދުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާ ތަނެވެ.
ހަމައެކަނި މޫސުމް ގޯސް ދުވަސްވަރު އެކަންޏެއް ނޫނެވެ. ކަނޑުދަތުރު ކުރާ ކޮންމެ ހާލަތެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ހުންނަން ޖެހޭނީ ފުރިހަމަވެފަ އެވެ. އަދި ކަނޑުމަތީގައި ކުއްލި ހާދިސާއެއް ހިނގާނީ ހަމައެކަނި މޫސުމް ގޯސްވެގެންނެއް ނޫނެވެ. ހުޅުލެއިން ދަތުރުކުރި ދޯންޏެއް، ބޯޓެއްގައި ޖެހި ބަންޑުން ޖަހާލީ މޫސުމް ރަނގަޅު ރެއެއްގަ އެވެ. ނަސީބަކުން އެއްވެސް މީހަކަށް މާ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވިޔަސް އޭގެ ޒާތުގައި އެއީ ބޮޑު ހާދިސާއެކެވެ. އެފަދަ ހާދިސާއެއް ހިނގާ އިރު ސަލާމަތީ ގޮތުން، ފަސޭހައިން އަތުޖެހޭނެ ގޮތަކަށް، ލައިފް ޖެކެޓާއި އެއްޗެހި ފޯރުކޮށްދެވެން ޖެހޭނެ އެވެ.
ކޯސްޓް ގާޑުން މިފަހުން ހިންގި އޮޕަރޭޝަންގައި ގިނަ އުޅަނދުފަހަރުގައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އެޅިފައި ނުވާކަން އެނގުމުން އެއިން އިންޒާރެއް ދެ އެވެ. ރާއްޖޭގައި ދުއްވާ ގިނަ އުޅަނދުފަހަރުގައި އެ ފިޔަވަޅުތައް އަޅާފައި ނުވުމަކީ އެކަށީގެންވާ ކަމެއް ކަމެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް އެކަން ތަންފީޒުކުރެވޭތޯ މަސައްކަތް ކުރަން ޖެހެ އެވެ. ދަތުރުވެރިންނާއި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓޭ ގޮތަށް ދަތުރުކުރާ މީހުންނާ މެދު، މީހުން އުފުލާ ކައްޕިންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހެ އެވެ. ރާއްޖޭގައި މި އޮތީ އެއްވެސް ކަމެއް ހަރުކަށި ފިޔަވަޅު ނާޅާ ނުކުރެވޭ ގޮތަށް ކަމަށް ވެދާނެ އެވެ. އެހެންކަމުން އެފަދަ ގޮތަކަށް ސަރުކާރުން އަމަލްކޮށްގެން ނަމަވެސް، ކަނޑު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުވެން ޖެހެ އެވެ.
2 comments