ސަރުކާރުން ބުނަނީ ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުނާޅާ ކަމަށެވެ. ކުރީގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާއި ސަޕޯޓަރުން ބުނަނީ ސަރުކާރުން ދޮގު ހަދަނީ ކަމަށެވެ. އޭރުގެ ސަރުކާރާއި މިހާރުގެ ސަރުކާރުން ވެސް ދައުވާކުރަނީ އިންޑިއާގެ އެންމެ ގާތް މީހުންނަކީ އެއީ ކަމަށް ބުނެ އެވެ.
އެކަމަކު ހަގީގަތް ވަރަށް ތަފާތެވެ. އިންޑިއާ އިން ތާއީދުކުރާނީ "އަހަރެމެން އެދޭ ގޮތަށޭ" ބުނެ ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނެތެވެ. ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ތަހުގީގުކުރަން ޖެހޭނެ ކަމަށް އެކި ފަރާތްތަކުން ބުނަމުން ދަނިކޮށް ސަރުކާރު ބަލައިގަތް އެންމެ ފުރަތަމަ ގައުމަކީ އިންޑިއާ އަށް ވުމުން ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ލިބެ އެވެ. އެކަމުން ލިބެނީ ކޮންމެ ބަޔަކު ވެރިކަން ކުރި ނަމަވެސް، ކޮންމެ ހާލެއްގައި ވެސް ދިވެހިންނާ ދުރަށް އިންޑިއާ ނުދާނެ ކަމުގެ މެސެޖެވެ. ސަބަބުތައް ބައިވަރެވެ.
އިންޑިއާ އަކީ ސަރަހައްދުގެ ބޮޑު ބާރު ކަމަށް ދައުވާކުރި ކަމުގައި ވިޔަސް ހަގީގަތުގައި އިންޑިއާގެ ނުފޫޒު އެ ގައުމުން ބޭނުންވާ ވަރަށް މި ސަރަހައްދަށް ފެތުރިފައެއް ނުވެ އެވެ. އިންޑިއާ ކަންބޮޑުވާ ސަބަބަކީ އެއީ އެވެ. ވާދަވެރި ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވަމުން އަންނައިރު އިންޑިއާ އޮތީ އެ ބާރުތަކުގެ މެދުގައި ބެދިފަ އެވެ. ޕާކިސްތާނާއި ސްރީ ލަންކާ އާއި މިއަންމާ އާއި ސީޝެލްސް ފަދަ ގައުމުތަކުގައި ޗައިނާގެ ބާރު ހުރިހާ ދާއިރާއެއްގައި ވެސް ގަދަ އެވެ.
އިންޑިއާ އާއި ޗައިނާ އިން އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދަމުން ދާއިރު ރާއްޖެ ދެ އަތަށް ކިރެނީ އެވެ. މިއީ އިންޑިއާ ބިރުގަންނަ ސަބަބެކެވެ. ކޮންމެ ދާއިރާއަކުން ބެލިކަމުގައި ވިޔަސް އިންޑިއާ އަށް އަދި ޗައިނާ އަށް ވެސް ރާއްޖޭގައި ފައި ހަރުކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަސްކަރީ ގޮތުންނާއި އެހެން ދާއިރާތަކުން ބެލިޔަސް މިކަން އޮތީ މިގޮތަށެވެ. އަނެއްކޮޅުން އިންޑިއާ އަށް ރާއްޖެ ގެއްލި، ޗައިނާގެ ބާރު މި ތަނުގައި ގަދަވެއްޖެ ނަމަ އިންޑިއާ އޮންނާނީ ޗައިނާގެ ބާރުތަކުގެ މެދުގައި ހަމަ ރަނގަޅަށް ވެސް ބެދިފަ އެވެ. މިއީ ސަރަހައްދުގެ ބޮޑު ބާރު ކަމަށް ދައުވާކުރާ އިންޑިއާ އަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވާނެ އެވެ.
ރާއްޖޭގައި އަވަސް އިންތިހާބެއް ނުބާއްވައިގެން ރާއްޖެ އަށް ދަތިކުރުމަށް އިންޑިއާ އިން ފިޔަވަޅެއް އަޅައިފި ނަމަ އިންޑިއާ އިން އަދާކުރަން ޖެހޭ އަގު ބޮޑުވެދާނެ ކަމަށް އެ ގައުމު ވިސްނާނެ އެވެ. ރާއްޖެއާ ދުރަށް އިންޑިއާ ޖެހިލާ ކޮންމެ ފިޔަވަޅަކާ އެކު ޗައިނާ ދެ ފިޔަވަޅު ކުރިއަށް އަޅާނެ ކަމާ މެދު ޝައްކެއް ނެތެވެ. އެއީ މިހާތަނަށް އެކަން ވަމުން އައި ގޮތެވެ. ރާއްޖޭގެ ވެރިކަމުގައި ވަކި ބަޔަކު ދަމަހައްޓަން މަސައްކަތްކުރުމަށް ވުރެ އިންޑިއާ އަށް މުހިންމުވާނީ ދެމެހެއްޓެނިވި ގޮތަކަށް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ފަދަ ސިޔާސަތެއް ކުރިއަށް ނެރުމެވެ. އެ ސިޔާސަތަކަށް ވާނީ ރާއްޖޭގައި ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވެރިކަން ކުރިޔަސް، ރާއްޖެއާ ގުޅުން ބޭއްވޭނެ ކޮންމެވެސް ހުއްޖަތެއް ދައްކައިގެން ގުޅުން ދެމެހެއްޓުމެވެ. ސަރަހައްދީ ބާރުގެ ތިލަފަތް އޮތް ގޮތުން އިންޑިއާ އަށް އެ ނޫން އެހެން ގޮތެއް ނެތެވެ. ފަހަރެއްގައި މައުމޫން މަސައްކަތްކުރެއްވީ އިންޑިއާ އާއި ޗައިނާގެ މެދުގައި ހަމަހަމަ ގުޅުމެއް ބާއްވަން ކަމަށް ވެދާނެ އެވެ. މަގްސަދަކީ އިންޑިއާ އާއި ޗައިނާގެ ވެސް ސަމާލުކަން އަބަދު ރާއްޖެ އަށް ބޭއްވުމެވެ. އެހީތެރިކަން ހޯދުމެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިންޑިއާއާ ބީރައްޓެރި ކަމެއް ގެންގުޅުއްވި ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، ނަޝީދު އެ ވިދާޅުވާ ދުވަސްވަރު ވެސް އިންޑިއާ އިން ރާއްޖެއާ ގުޅުން ކުޑަކޮށްފައެއް ނުވެ އެވެ. ވެވުނު ގޮތަކުން ދިޔައީ ގާތްވަމުންނެވެ. އެ ނޫން ގޮތެއް ނޯންނާނެތީ އެވެ.
ކުރުކޮށް ބުނާ ނަމަ އިންޑިއާ އަށް މުހިންމީ ވެރިކަމުގައި ތިބޭ ބައެއް ނޫނެވެ. އެ ބަޔަކާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތެއް ހޯދުމެވެ. ކޮންމެ ގޮތެއް ވަރިހަމަކޮށްލައިގެން ވެސް އިންޑިއާ ބޭނުންވާނީ މި ގައުމުން އެ މީހުން ބޭނުންވާ މަގްސަދު ހާސިލުވާނެ ގޮތެއް ހޯދާށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
6 comments