ފަނޑިޔާރުންގެ ޝަރުތު ހަމަވާ ކަމަކަށް ނުވެ އެވެ. ކޯޓްތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވެސް ބުނެ އެވެ. ހުކުމް ކުރަނީ ވަކި ބަޔަކު ބުނާ ގޮތަށް ކަމަށް ވެސް ފާޅުގައި ގޮވަ އެވެ. ސިފައިންނާއި ފުލުހުން ވަރުގެ ނުބައި ބަޔަކު އުޅޭ ކަމަކަށް ނުވެ އެވެ. ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ބާރެއް އޮތް ކަމަކަށް ވެސް ނުދެކެ އެވެ.
މި ލިޔުން މިހާ ހިސާބަށް ކިޔާފައި ވެސް މިއީ ސަރުކާރުގެ ދިފާއުގައި ދައްކާ ވާހަކަތަކެއް ކަމަށް ނިންމާނެ މީހުން ތިބޭނެ އެވެ. އޭގެ ގިނަ މީހުން ފެތޭނީ އަޅުގަނޑު މި ފާހަގަކުރަން އުޅޭ، ތިމާގެ މަސްލަހަތާ ޖެހުމުން، "ކީހާ ޅެން ފަރިއްސަށްވާ" މީހުންގެ ބަޔަށް ކަމަށް ވެދާނެ އެވެ. ގައުމުގެ ހުރިހާ ކަމެއް ހަލާކުވެގެން މި ދަނީ އިއްޔެ ދެއްކި ވާހަކަ މިއަދު ހަނދާން ނުހުންނަ މީހުން ގިނަވުމުންނެވެ. އިންސާފަކީ ތިމާ އަށް ކާމިޔާބުވުން ކަމަށް ދެކޭ މީހުން މާ ގިނަވެގެންނެވެ.
އިތުރަށް ކުރިއަށް ދާނީ ވެރިކަމާ ބެހޭ ގޮތުން އަޅުގަނޑު ވެސް ދެކޭ ގޮތް ބުނެލާފަ އެވެ. އަޅުގަނޑަކީ ވަކި މީހަކު ވެރިކަމުގައި ބަހައްޓަން އެއްވެސް އިރަކު ތާއީދުކުރި މީހެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރި ކަމުގައި ވިޔަސް ރައްޔިތުންނަށް އިހްލާސްތެރިވެއްޖެ ނަމަ ރައްޔިތުން ތިބޭނީ އުފަލުން ކަމަށް އަބަދުވެސް ގަބޫލުކުރަމެވެ. އެއީ ޑިމޮކްރަސީއެއް ނުވަތަ ރަސްކަމެއް އޮންނަ ގައުމެއްގައި ވިޔަސް ކާމިޔާބީގެ އަސްލަކީ އަމިއްލަ އެދުން އެއްފަރާތްކޮށް އިހްލާސްތެރި ވުމެވެ. ވެރިކަމަކީ ވަކި މީހަކަށް ހާއްސަ ކަމެއް ނޫނެވެ.
ދެން އަސްލު މައުލޫއަށް ދަމާ ހިނގާށެވެ. ތިމާ ނުވަތަ ތިމާ ތާއީދުކުރާ ބަޔަކާ ދެކޮޅަށް ކޯޓަކުން މައްސަލައެއް ނިމުނު ކޮންމެ ފަހަރަކު ކޯޓްތަކާ ދެކޮޅަށް ވާހަކަ ދައްކާފައި ތިމާގެ އަމިއްލަ ހައްގު ހޯދަން ކޯޓަށް ގޮސް ކާމިޔާބު ލިބުމުން ކޯޓް ރަނގަޅުވާ ނަމަ އިންސާފޭ ކިޔައިގެން ދައްކާނެ އިތުރު ވާހަކައެއް އޮންނާނެހެން ހިއެއް ނުވެ އެވެ. ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ބުނާ މުއައްސަސާއެއް މެދުވެރިކޮށް ތިމާގެ ހައްގު ހޯދަން މަސައްކަތްކުރާ ހިސާބުން ވެސް ސުވާލު އުފެދެ އެވެ.
ކޯޓްތަކަކީ ނެތް ތަންތަން ކަމަށް ބުނެ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ އެތައް ބައެއްގެ އަމިއްލަ ވިޔަފާރިތަކާއި އެހެން ބައެއް މައްސަލަތައް ކޯޓްތަކަށް ހުށަހަޅައިގެން ކުރިއަށް އެބަ ގެންދެ އެވެ. އެގޮތަށް ވާހަކަ ދައްކާ ކިތަންމެ ބަޔަކު ކޯޓްތަކުން ދަނީ ކާމިޔާބު ވެސް ހޯދަމުންނެވެ. އެކަމަކު އެ މީހުންނާ ދެކޮޅަށް ސިޔާސީ ކަމެއްގައި ކޯޓުން ގޮތެއް ނިމިއްޖެ ނަމަ އެ ހިސާބުން ކޯޓް ގޯސްވަނީ އެވެ. މިއީ އަރަތެއް ކަހަލަ ކަމެކެވެ.
މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަން އުޅޭ ނަމަ އެ ހިސާބުން އެ މުއައްސަސާ އަކީ ވެސް އޮތް ތަނެއް ކަމަށް ގަބޫލުނުކުރާ މީހުން އެބަ އުޅެ އެވެ. ގާނޫނީ ސަރުކާރެއް ނެތް ކަމަށާއި އެހެންވެ އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ބާރެއް ނޯންނާނެ ކަމަށް ބުނެ ސިފައިންނާއި ފުލުހުންނަށް އެއްބާރުލުން ނުދިނުމަށް ފަހު އެ މީހުންގެ ހިމާޔަތް ނުލިބިގެން ވާހަކަ ދައްކާ ނަމަ އަނެއްކާވެސް އަނެއް ސުވާލެވެ. ޣައިރު ގާނޫނީ ސަރުކާރަކުން އިނާޔަތްތައް ހޯދާ ނަމަ އެއީ އަދި ވަކިން ބޮޑު ސުވާލެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އަކީ ވަކި ބަޔަކު ރުއްސަން މަސައްކަތްކުރައްވޭ ބޭފުޅެއް ކަމަށް ބުނެ ވާހަކަ ދައްކާ ބައެއް މީހުންނަކީ ޕްރޮސިއުޓާ ޖެނެރަލް ދައުވާ ނުކުރައްވާ ދޫކޮށްލެވުމުން ސަލާމަތްވެފައިވާ މީހުން ކަމެއް މިހާރު ހަނދާނަކު ވެސް ނެތެވެ. ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރާ ދެކޮޅު މީހުންގެ ތެރޭގައި ވެސް މީގެ ބަޔަކު އެބަ އުޅެ އެވެ. އެކަމަކު މިހާރު އެއިން އެއްވެސް ބަޔަކަށް ޕްރޮސިކިއުޓާ ޖެނެރަލް އިންސާފުވެރި ކަމަކަށް ނުވެ އެވެ.
މި ދިމާވަނީ ހަމަ އެންމެ "މައްސަލައެއް" ކަމަށް ބުނެވިދާނެ އެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ކޮންމެ މުއައްސަސާއަކުން ވެސް ތިމާއާ އެއްކޮޅަށް ހުރިހާ ކަމެއް ނިންމާށެވެ. ދެކޮޅަށް ކަމެއް ނިންމާ ހިސާބުން ގޯސްވަނީ އެވެ. ސިޔާސީ ގޮތުން ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ހުރިހާ ކަމެއް ތިމާމެންގެ ކޮންޓްރޯލްގެ ދަށުގައި ބާއްވާށެވެ. ކޮންޓްރޯލް ގެއްލޭ ހިސާބުން އެއީ ސިޔާސީ ވާދަވެރިންގެ ބާރު އޮންނަ ތަނެއް ކަމަށް ނިންމަނީ އެވެ.
މިހާރު މި އޮތީ ސިޔާސީ ގޮތުން ފައިދާ ނަގަން ބޭނުންވުމުން ކޮންމެ ވާހަކައެއް ވެސް ދައްކާ ހިސާބުގަ އެވެ. އެންމެ ބޮޑު އަޖައިބަކީ ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އެ ވާހަކައެއް ގަބޫލުކުރާ މީހުން ވެސް އުޅޭތީ އެވެ. ހަގީގަތް ހާމަޔަށް ފެންނަން އޮތް ނަމަވެސް އޭގެ އަނެއްކޮޅަށް ވާހަކަ ދެއްކުމުން ސިޔާސީ ސަޕޯޓަރުން ތިބޭނީ އަތްޖަހާށެވެ.
ގައުމީ އިއްތިހާދުގެ ޖަލްސާ
1 comment