ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވުމާ އެކު އެ މީހަކު ކުށްވެރިއެއްގެ ގޮތުގައި ވަރަށް ފަސޭހައިން މިހާރު ބަލައިގަނެވެ އެވެ. ޝަރީއަތުން ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކު ކުށްވެރިއަކަށް ނުވާނެކަން ގަބޫލުކުރަނީ ތިމާ ނުވަތަ ތިމާއާ ގުޅުން އޮންނަ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ހާލަތު އައުމުން އެކަންޏެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟
ސިޔާސީ ގޮތުން ހައްދުން ނެއްޓިފައިވާ މި މުޖުތަމައުގައި މީހުންގެ ވިސްނުން އެގޮތަށް ބަދަލުވެގެން ދިއުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށް ގަބޫލުކުރަމެވެ. އެއް ބަޔަކު އަނެއް ބަޔަކާ މެދު ކުރާ ތުހުމަތުތައް މީޑިއާ އިން އާންމުކުރަމުން ދަނީ ހިފެހެއްޓުމެއް ނެތި އެވެ. ސިޔާސީ ރާގެއްގައި މީހަކު ބުނާ ކޮންމެ ވާހަކައެއް ހަބަރަކަށް ހަދައިގެން ގެނެސް ދެނީ މިނިވަން ނޫސްވެރިކަމުގެ ނަމުގަ އެވެ. ބުނި އެއްޗެއް ބުނި ގޮތަކަށް ރިޕޯޓްކުރެވޭނެ ކަމަށް ބުނެ އެ ވާހަކަތައް އާންމުކުރަމުން ދިއުމުގެ ނަތީޖާ އަކީ ސިޔާސީ މީހުންގެ ޒުވާބު މައިދާނަކަށް މީޑިއާ ބަދަލުވުމެވެ.
ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވެސް ކަން ހިނގަނީ ހަމަ މިހެންނެވެ. މީހެއްގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފި ނަމަ އެ މީހަކު ކުށްވެރިއެއް ކަމަށް ލޭބަލްވެ ނިމެނީ މީޑިއާގެ ޒިންމާދާރުކަން ވެސް ކުޑަވުމުންނެވެ. ބައެއް ހާލަތްތަކުގައި ކުށް ސާބިތު ނުވެ ސަލާމަތް ވުމުން ކޯޓްތަކަށް ފާޑު ކިޔުން ވެސް އަމާޒުވުމުގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ އެ މައްސަލަތައް މީޑިއާގައި ރިޕޯޓްކުރާ ގޮތެވެ. މަސްތުވާތަކެތީ ބޮޑުން ކަމަށް ބުނެ ހައްޔަރުކުރި ބަޔަކު ކޯޓުން ސަލާމަތްވެގެން ދިޔަ ހާދިސާ އަކީ ރަނގަޅު މިސާލެކެވެ. އެ މައްސަލަތަކާ ބެހޭ ގޮތުން މީޑިއާގައި ކިތަންމެ ފުޅާކޮށް ވާހަކަ ދައްކާފައި ވިޔަސް އެ ދައުވާތައް ސާބިތުކުރުމަށް ހުށަހަޅަން ޖެހޭ ކިތަންމެ ހެއްކެއް ޝަރީއަތަށް ހުށައެއް ނާޅަ އެވެ.
މީހަކާ މެދު ކުރެވޭ ތުހުމަތަކާ އެކު މީޑިއާ އިން އެކަމެއްގެ މައުލޫމާތު އެކި ފަރާތްތަކުން ހޯދައިގެން ގެނެސްދިން ނަމަވެސް އެއީ ޝަރީއަތު ބަލަން ޖެހޭ ކަމެއް ނޫނެވެ. ޝަރީއަތުން ބަލަން ޖެހޭނީ ހުށަހަޅާ ކަންކަމަށެވެ. ޝަރީއަތުގެ ބޭރަކަށް ނޫނެވެ.
ކޯޓްގައި ހިނގާ މައްސަލަތަކާ ބެހޭ ގޮތުން ނުރަނގަޅު ގޮތްގޮތަށް މީޑިއާގައި ވާހަކަ ދައްކާ މައްސަލާގައި އިންޑިއާ އިން މިސާލު ނެގިދާނެ އެވެ. އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ މި މައްސަލަ ކޮންސްޓްޓިއުޝަނަލް ބެންޗަށް ހުށަހަޅައިފަ އެވެ. ސަރުކާރުން ބުނަމުން ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮންނަނީ ރައްޔިތުންގެ ފައިދާއަށްޓަކައި ކަމަށާއި މީޑިއާގެ ފައިދާއަށް ނޫން ކަމަށެވެ. ސަރުކާރުގެ މި ހުށަހެޅުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެ ކޯޓުން ވަނީ ޝަރީއަތްތަކުގެ ހަބަރުތައް ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ނޫނީ ގެނެސްދިނުން މަނާކުރުމަށް ތާއީދުކުރާ ކަމަށް ބުނެފަ އެވެ.
ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާތަކާ ބެހޭ ގޮތުން ރިޕޯޓްކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނެއް މިހާރު ވެސް އޮންނަ އިންޑިއާގައި ކުރެވެމުންދާ ބަހުސް ރާއްޖޭގެ މާހައުލާ ވަރަށް ގުޅެ އެވެ. އެ ގައުމުގައި އެއް ބަޔަކު ބުނަމުން ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދޭން ދީފައި އޮންނަ ހައްގެއް ކަމަށާއި އެ ހައްގުގެ ނަމުގައި ދޮގު މައުލޫމާތު ނުވަތަ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ދިނުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މީޑިއާގެ ބާރު ވަރަށް ގަދަ އެވެ. ތާކުން ތާކު ނުޖެހޭ މީހަކު އެވަރެއް ނެތް ފަދަ މީހަކަށް ހެދުމާއި ކިތަންމެ ރަނގަޅު މީހަކު ބޮޑު ކުށްވެރިއެއްގެ ގޮތުގައި ލޭބަލްކޮށް ނަން ޚަރާބުކޮށްލުމުގެ ބާރު މީޑިއާގެ އަތްމަތީގައި އެބަ އޮތެވެ. މީހުންނާ މެދު މީޑިއާގައި ޝަރީއަތްކުރުމުގެ ބަދަލުގައި، މީޑިއާގެ މިނިވަންކަން ކޮންމެ ކަމެއްގައި ވެސް ވަކި އިމެއްގެ ތެރެއަށް ފައްތައިގެން ގެންގުޅެން ޖެހެނީ މި ސަބަބާ ހެދި އެވެ.
7 comments