ސަމާސާ އަދަބު

ބޮޑު މާލޫދު ފެށި ރޭ

އަބްދުﷲ ސޯދިގު
15 ޖުލައި 2012 11:57

މޫސަ (އަސްލު ނަމެއް ނޫން) ގެ ރަށާ ޖެހިގެން އޮންނަ ރަށުން މާލޫދަށް ކިޔަން އެރަށަށް ބިލެތާ އަތުވެއްޖެ އެވެ. ބިލެތާ ދިއުމަކީ ނުވަތަ ބިލެތާ އައުމަކީ މައުލޫދު ކިޔާ ރަށަށް، ފަންޏާއި ބިލެތް ހިފައިގެން ދެތިން ދޯނީގައި އައުމެވެ. މިގޮތަށް ދާ ދޯނިފަހަރު ހުންނަނީ، ދިދަފަތި ދަމައި ޒީނަތްތެރިކޮށްފަ އެވެ. މިބައި މީހުން އެރަށްރަށަށް ގޮސް އެރަށު މީހުންނަށް ފަންޏާއި ބިލެތް ދީ ރަސްމީ ގޮތުން މައުލޫދަށް ދައުވަތު ދެނީ އެވެ. ދެން އެރަށުގެ ވެރިންނާއި އިސް މީހުންގެ ފަރާތުން މިބައި މީހުންނާ ބައްދަލުކޮށް ދައުވަތު ގަބޫލުކުރިކަން އަންގަނީ އެވެ. މިކަން ނިމުމުން އެ ދޯނިފަހަރު އެނބުރި ރަށަށް ދެ އެވެ.

މިގޮތުގެ މަތީން އެރަށަށް ވެސް ބިލެތާ އައުމުން، އެރަށުން ވަނީ ދައުވަތު ގަބޫލުކޮށްފަ އެވެ. އެހެންކަމުން ރަށުގެ މީހުން މާލޫދަށް ދާން ގަސްތުކޮށްފި އެވެ. ދެން ރަަށުގެ އެހެން މީހުން ފަދައިން، މޫސަ ވެސް މޫސަގެ ކުޑަ އަންހެން ދަރިފުޅު ގޮވައިގެން މާލޫދަށް ފުރުމުގެ އެއް ދުވަސް ކުރިން އެރަށަށް ގޮސް އޭނާގެ ރައްޓެހި ގެއެއްގައި ރަމަތަވެލި އެވެ. އަންހެނުން ބަލިކަމުން އަންހެނުން އިނީ ރަށުގަ އެވެ.

އަނެއް ދުވަހު، އަސުރުގެ ކުރިން ހަރުގެޔަށް ދާން ގޮވީމާ، މޫސަ ވެސް ހަރުގެޔަށް ހިނގައްޖެ އެވެ. ގޮސް "އަރާފަނީ" ގައި ބައިވެރިވެލުމަށް ފަހު، އަސުރު ނަމާދުން ފައިބާ އެހައިކަށްހައިއިރު، "ތެޔޮލީކޭމުގައި" ބައިވެރިވެއްޖެ އެވެ.

މުޅި ރަށުތެރެއިން ފެންނަނީ ޒީނަތްތެރިވެގެން ތިބި އެކި ފުރާގެ ކުދިބޮޑު އެންމެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ، ހިނިތުންވުމެވެ. ކިތަންމެ ހައިވެސް އުފާވެރި ޖައްވެކެވެ. ކުރިޔަށް އޮތީ "އަރާކޭމެވެ." އެއީ، އިޝާ ނަމާދަށް ފަހު އޮންނަ ކޭމެކެވެ. ލަސްތަކެއްނުވެ، މިކޭން ކައި ނިމިއްޖެ އެވެ.

މިކޭން ހަރުގެއިން ބޭލުމާ އެކު މާލޫދަށް ފެށިއްޖެ އެވެ. އިރުމަތީ ބިތުގެ ދެކަނަށް ވީ ހިސާބުގައި ޅެންވެރީން (ޅެންކިޔާމީހުން) ތިއްބެވެ. އިމާމުމީހާ ކޮންމެ މާލޫދު ބުރިއެއް މާނައާ އެކު ކިޔައި ނިމި، ޅެމަކާ ޖެހުމުން "ޝިއުރު" މިހެން ކިޔާލާނެ އެވެ. ދެން ދެ ކަނުގައި ތިބި ޅެންވެރިން ޅެންކިޔަނީ އެވެ (މޫސާ އަލީގެ ދިވެހި އާދަކާދަ މިފޮތުން). ދުންކިބަޔަށް އަލިފާން އަޅާ މީހުން އަލިފާން އަޅަނީ އެވެ. ދެން ހަރުގޭ ހުޅަނގު ފަރާތުގައި އެއް ބަޔަކު އޮށޯވެ ތިބެ ނިދަނީ އެވެ.

މިގޮތަށް މިކަން ފަތިސް ވަންދެން ހިނގާނެ އެވެ. އަދި ކުރިޔަށް ދެތިން ހަތަރު ކޭން އެބަ އޮތްމެ އެވެ. މޫސަ ހިތަށްއެރި އެވެ. އަހަރެމެން ރަށް މިއޮތީ ޖެހިފަ އެވެ. މިހިސާބުން ދެން ރަނގަޅުވާނީ ދަރިފުޅު ގޮވައިގެން ރަށަށް ދިޔައްޔާ އެވެ. އަންހެނުން އައި ނަމަ، ހުރެވިއްޖައީހެވެ. މިހެން ހިތައި ރައްޓެހި ކުއްޖަކާ ވާހަކަ ދައްކައިގެން ކުޑަ ދޯންޏެއް ހޯދައިގެން އެމަންޖެ ނިދާފައި އޮއްވާ ނަގާ ކޮނޑަށް ލައިގެން އަވަސް އަވަހަށް އެދޯނީގައި ރަށަށް ގޮސް އެމަންޖެ ނިންދަވަން ބާއްވާފައި މޫސަ ވެސް ވެފައި ހުރި ވަރުބައްޔާ އެކު އަރައި އޮށޯވެ ނިދައިފި އެވެ.

ހެނދުނު ތެދުވެފައި އަންހެނުން އަހައިލި އެވެ. އަހަރެމެންގެ ދަރިފުޅު ކޮބައި ހެއްޔެވެ؟ މޫސަ ބުންޏެވެ: ފުޅުގެ ކަމެއް ވެސް ކުޑައެއް ނޫނެއް ނޫން ހެއްޔެވެ؟ ދަރިފުޅު އެއޮތީ ނިދާފަ އެވެ. އަންހެނުން ރުޅިއަރައިގެންފައި ބުންޏެވެ. ނިކަންގޮސް ތިޔަ ދެ ލޮލުން އެއީ އަހަރެމެންގެ ދަރިފުޅުތޯ ރަނގަޅަށް ބަލާލަބަލާށެވެ.

މޫސަ ދުވެފައި ގޮސް ބަލާލާފައި އަޑުގެ ކޮޅަށް ޝަހާދަތް ކިޔާލި އެވެ. އެއީ، އެހެން މީހެއްގެ ދަރިއެކެވެ. ވީ ދެރަޔާއި ބުއްދިއަށް ވެފައި ހުރި ގޮތަކުން އެކުއްޖާފުޅު ނަގައި ކޮނޑަށް ލައިގެން އަޅައި އިތިކޮށް އަތިރިމައްޗަށް ދުއްވައިގަތެވެ.

ދޯންޏަށް އެރިތަނާ އެކުއްޖާ ފަކީރަށް ފެނުނު ބޮޑު މަތިމަހަކުން ގަތްބިރުން އަޑުގެ ކޮޅަށް ރޯން ފަށައިފި އެވެ. ދެފައި ތަޅަތަޅައިފައި ރޮނީ އެވެ.

ގޮސް އެރަށަށް ލެފުނު އިރު އޭނާގެ ދަރިފުޅު ވެސް އަތިރިމަތީގައި ހުރެ ދެ ފައި ތަޅަތަޅައިފައި ރޮނީ އެވެ. ނުދަންނަ، ނުދެކޭ ބަޔަކު އޭނާ ގޮވައިގެން އުޅޭތީ އެވެ. މޫސަ ފެންނައިރަށް އެކުއްޖާ ގޮސް މޫސަ ގައިގައި ބައްދައިގަތެވެ. އަނެއްކުއްޖާ ފެނުމާ އެކު، އަނހާ މިހިރީ މަގޭ ދަރިއޭ ކިޔާ މީހަކު އޭނާ އުރައިލި އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި