މީހުން

ފަދުވާ: ފުޓްބޯޅަ ވެސް ކުޅެވޭނެ!

އާސިޔަތު މުހައްމަދު ސައީދު
22 ޖުލައި 2012 10:05 3 ކޮމެންޓު
  • މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި އިމިގްރޭޝަންގެ ފަދުވާ (ކ) އެސްޓީއޯއާ ދެކޮޅަށް ކުޅެނީ.--ފޮޓޯ: ހުސައިން ސިނާން

  • ޗައިނާގައި 2010 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި ފަދުވާ (ވ) ކުޅެނީ.--ފޮޓޯ: ހުސައިން ސިނާން

  • މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި އިމިގްރޭޝަންގެ ފަދުވާ (ކ) އެސްޓީއޯއާ ދެކޮޅަށް ކުޅެނީ.--ފޮޓޯ: ހުސައިން ސިނާން

  • ސައުތު އޭޝިއަން ބީޗް ގޭމްސްގައި ރިހި މެޑަލް ހޯދި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ފަދުވާ ޒާހިރު (ކ) ގައުމީ ކުޅިވަރު އެވޯޑް ޖެނުއަރީ 25، 2102 ވަނަ ދުވަހުގެ ރޭ ހޯދަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ކުޅިވަރު ރިޕޯޓަރަކު ސިފަކުރި ގޮތުގައި އޭނާ އަކީ "އެއްގޮތަކުން ބުނަންޏާ ދަގަނޑޭ އަށް ވުރެ ވެސް މޮޅު" މީހެކެވެ.

ފަދުވާ ޒާހިރު، ،26 އަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ކުޅުންތެރިއެކެވެ. ގިނަ ކުޅިވަރުތަކެއް ކުޅޭ އަންހެން ކުޅުންތެރިންގެ ތެރެއިން ފަދުވާގެ ނަން ނަގާކިޔާލެވެނީ "އަންހެން" ކުޅިވަރުތަކާ ހިސާބުން ހުއްޓާނުލާ، "ފިރިހެން" ކުޅިވަރެއްގެ ގޮތުގައި ގަބޫލުކުރެވިފައިވާ ފުޓްބޯޅައިގައި ވެސް ފައިތިލަ ސާބިތުކޮށްފައި ވާތީ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާއާ މެދު "ހަވީރު"ގެ ކުޅިވަރު ރިޕޯޓަރު މުހައްމަދު ހަމްދޫން ދެކޭ ގޮތުގައި އަންހެނުންގެ ފުޓްބޯޅައިގައި ފަދުވާ އަށް ގޮންޖަހާލެވޭނެ މީހަކު ރާއްޖެއަކު ނެތެވެ. އެއީ ފިރިހެން ކުޅުންތެރިންނަށް ބަލާ ނަމަ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވުރެ ވެސް މޮޅުވުމެވެ.

"ދަގަނޑޭއާ ވާދަކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ފިރިހެނުންގެ ތެރޭގައި އެބަތިބި. އެކަމަކު އަންހެން ފުޓްބޯޅަ އަށް ބަލާ އިރު ފަދުވާއާ ވާދަކޮށްލެވޭނެ ކުޅުންތެރިއަކު ނެތް،" ފަދުވާގެ ހުނަރުވެރިކަން ސިފަކޮށްދެމުން ހަމްދޫން ބުންޏެވެ.

ފަދުވާ ފުޓްބޯޅަ ކުޅެން ފެށީ ކަމެއް ޕްރޫވް ކޮށްދޭކަށް ނޫނެވެ. ޖުމްލަ ގޮތެއްގައި ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު، ނޭނގި ނަމަވެސް، ފުޓްބޯޅަ ކުޅެގެން އޭނާ ކަމެއް ޕްރޫވްކޮށްދީފި އެވެ. އެއީ ފުޓްބޯޅަ އަކީ ހަމައެކަނި ފިރިހެނުންގެ ކުޅިވަރެއް ނޫން ކަމެވެ. ފުޓްބޯޅަ ކުޅެން ފެށި އިރު ރައްދުވި މަލާމާތާއި ގައުމީ އަންހެން ޓީމު ރާއްޖެ އިން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ކުޅުންތެރިން "ބޯޅަ ފަހަތުން ދުވަން" ޖެހުމުން ވީ ދެރަ އަކީ މިހާރު މާޒީ އެވެ.

"އޭރު، ޓާފް ދަނޑުގައި ޕްރެކްޓިސް ކުރާ އިރު އެތާ ބޭރުގައި ތިބޭ މީހުން ވަރަށް ދިމާކުރޭ. އެކަމަކު މިހާރު އެކަހަލަ މީހުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. މިހާރު އާއްމުކޮށް ކުޅިވަރު ތެރޭގައި އުޅޭ މީހުން ވަރަށް ސަޕޯޓިވް. ފަސްޓް ޑިވިޝަންގައި އުޅޭ މީހުން ވެސް އަންހެން ފުޓްބޯޅަ ޓީމަށް ވަރަށް ސަޕޯޓިވް. އެކަމަކު އެކަން ބަދަލުވާން އަށް އަހަރު ދުވަސް މި ނެގީ. އެއީ ވަރަށް ދިގު މުއްދަތެއް،" ފަދުވާ ކިޔައިދިނެވެ.

އެހެންވީމާ، މި ކަހަލަ "ފިރިހެން" ކުޅިވަރެއް އަންހެނަކު ކުޅުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ތަފާތަކީ ކޮބާ ހެއްޔެވެ؟

"ފިޒިކަލީ އަންހެނުންނާއި ފިރިހެނުން ތަފާތު. އަހަރެމެންނަށް ވެސް ނުވަދިހަ މިނިޓް ހިފެހެއްޓޭ. އެކަމަކު ފިރިހެނުން ކުޅޭ ކުޅުމާއި އަންހެނުން ކުޅޭ ކުޅުން ތަފާތު ވާނެ. އަހަރެމެންގެ ކުޅުން އެހާ ފާސްޓް ނުވެދާނެ،" ފަދުވާ ބުންޏެވެ.

އިސްކަންދަރު ސްކޫލްގައި އުޅެމުން އުމުރުން 10 ވަރަކަށް އަހަރުގައި ފަދުވާ ކުޅިވަރުގެ މައިދާނަށް ނުކުތީ އެތުލެޓިކްސް އިންނެވެ. އެއަށް ފަހު ނެޓްބޯޅަ އާއި ބެޑްމިންޓަން ވެސް ކުޅުނެވެ. ފަދުވާ އަކީ ބާސްކެޓާއި ނެޓްބޯޅަ ވެސް ގައުމީ ފެންވަރުގައި ކުޅެ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެކަމަކު އޭނާގެ ޚާއްސަ ކަމަކީ ކުޅަދާނަ އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމެވެ. ޑިސެމްބަރު 2002 ގައި ފުޓްބޯޅަ އަށް ނުކުތް ގޮތަށް ކުޅެމުން އައިސް އޭނާ އަކީ މިހާރު ޕާޓް ޓައިމް ކޯޗެއް ވެސް މެ އެވެ. އެއާއެކު، އޭނާ މިހާރު ވަނީ އެހެން ކުޅިވަރުތައް ދޫކޮށްލާފަ އެވެ.

"ހުރިހާ ކުޅިވަރެއް އެއްފަހަރާ ކުޅެން އުނދަގޫވީމަ، މަޑުމަޑުން ފަހަރަކު އެއްޗެއް ހުއްޓަމުން ގޮސް މިހާރު މި ކުޅެނީ ފުޓްބޯޅަ އެކަނި،" ފަދުވާ ބުންޏެވެ. "ވަގުތު ނެތުމަށް ވުރެ ބޮޑަށް ވާ ގޮތަކީ ހުރިހާ ކުޅިވަރެއްގައި އުޅުނީމަ މީހާ އޯވަލޯޑް ވަނީ. އަނެއްކާ، ކުޅެނީ ޖޮބަށް ދަމުން."

ކެރިއާ އަށް ނުވި ނަމަވެސް ފުޓްބޯޅަ އަކީ ހޮބީއަކަށް ވުރެ ސީރިއަސް ކޮށް ފަދުވާ ނަގާ ކަމެކެވެ. ފިޓްނެސް މެއިންޓެއިންކުރަން އޭނާ ޖިމަށް ގޮސް ޕާސަނަލް ޓްރެއިނާއެއްގެ އެހީ ހޯދަ އެވެ. ދެ ފަހަރެއްގެ މަތިން ދެ ކަކޫ އިންޖަރީވެ، އޮޕަރޭޝަންކޮށްގެން ކުޅުމާ ދުރުގައި އެތައް މަހެއް ހޭދަކުރަން ޖެހުމަށް ފަހު ވެސް އޭނާ ވަނީ އެނބުރި ފުޓްބޯޅަ އަށް އައިސްފަ އެވެ. އަދި ގެއްލުނު ދުވަސްތައް އަނބުރާ އަތުލަން ހިތްވަރާ އެކު މަސައްކަތްކުރެ އެވެ.

"ކުޅިވަރުގައި އެންމެ ފަޚުރުވެރިވާ ކާމިޔާބީ އަކީ ސްރީ ލަންކާގެ ހަމްބަންޓޯޓާގައި މިދިޔަ އަހަރު ފަހުކޮޅު އޮތް ތްރީ އޮން ތްރީ ބީޗް ގޭމްސް ބާސްކެޓުން ]ރާއްޖޭގެ ޓީމަށް[ ސިލްވަ މެޑަލް ލިބުން. ދެން ބަންގްލަދޭޝްގައި ކުޅުނު ސާފް ގޭމްސްގައި ރާއްޖެ ޓީމްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުން. ދެން ދެ އަހަރު އެންމެ މޮޅު ]އަންހެން ފުޓްބޯޅަ[ ކުޅުންތެރިޔާގެ އެވޯޑް އެފްއޭމް އިން ލިބުން،" ފަދުވާ ބުންޏެވެ.

ފަދުވާ އަކީ އެއްބަނޑުއެއްބަފާ ހަތް ކުދިން ތިބި އާއިލާއެއްގައި ދެވަނަ އަށް ހަގު ކުއްޖާ އެވެ. ކުޅިވަރުގެ ތެރެއަށް އޭނާ ނުކުތް އެއް ސަބަބަކީ "ކުޅިވަރު އާއިލާއެއް"ގެ މެމްބަރަކަށް ވުމެވެ. އާއިލާގެ އެންމެން ވެސް ވަނީ އެ މީހެއްގެ "ދައުރުގައި" ކުޅިވަރު ކުޅެފަ އެވެ.

"ކުޅިވަރު ފެމިލީއެއް. ބައްޕަ އަކީ ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ޒާހިރު. މަންމަ ވެސް ސްކޫލްގައި އުޅުނު އިރު ނެޓްބޯލް އެއްޗެހި ކުޅުނު. ދައްތަމެން ވެސް ބޭބެމެން ވެސް ސްކޫލް ދައުރުގައި ކުޅިވަރު އުޅުނު. އެހެން ވެގެން ހެން ހީވަނީ ކުޅިވަރުގެ ތެރެއަށް ވަދެވުނީ،" ފަދުވާ ބުންޏެވެ.

އޭނާ ބުނިގޮތުގައި "މިހާރު ކުޑަކޮށް ސީރީޒް އަށް ދިޔަޔަސް" ގޭތެރޭގައި އާއްމު ގޮތެއްގައި ޓީވީން ބަލައި އުޅެނީ ވެސް ކުޅިވަރެވެ.

ފަދުވާ ހަވީރަށް އިންޓަވިއު ދެނީ.

އޯލެވެލް ހެދުމަށް ފަހު 2003 ގައި ފަދުވާ މަސައްކަތުގެ މައިދާނަށް ނުކުތީ މޯލްޑިވިއަން އެއާ ޓެކްސީގެ ރިޒަވޭޝަންސް އެސިސްޓެންޓެއްގެ ވަޒީފާ އަށެވެ. ނަމަވެސް ޖެހިގެން އައި އަހަރު އިމިގްރޭޝަން ޑިޕާޓްމެންޓާ ގުޅުނެވެ. އެ ތަނުގައި އުޅޭތާ މިހާރު އަށް އަހަރު ވެފައިވާ އިރު އޭނާ އަކީ ސީނިއާ އިމިގްރޭޝަން އޮފިސަރެކެވެ. ކުޅިވަރުގެ ދުނިޔެއާ މުޅިން ތަފާތު ދާއިރާއެކެވެ. އެކަމަކު ފަދުވާ ބުނީ އިމިގްރޭޝަންގައި އުޅެމުން ކުޅެން ދާން އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ.

"ވާ ގޮތަކީ އޮފީހުން ކުޅިވަރަށް ފޮނުވާ. ވަރަށް ސަޕޯޓިވް. އެހެންވީމަ އެއްވެސް ކަހަލަ އުނދަގުލެއް ކުރިމައްޗެއް ނުވޭ. ޕްރެކްޓިސްތަކަށް ވެސް ފޮނުވާ. ކިރިޔާ ވެސް ގޮތެއް އޮތިއްޔާ، ޑިއުޓީ އަށް ދަތިނުވާ ގޮތަށް ފޮނުވައިދޭނެ،" އޭނާ ބުންޏެވެ.

ފަދުވާގެ ކުޅިވަރު ހުނަރުން އޮފީހަށް ވެސް ފައިދާކުރެ އެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގައި އިމިގްރޭޝަން މި އަހަރު ރަނަރަޕްގެ މަގާމް އަދި މިދިޔަ ދެ އަހަރު ޗެމްޕިއަންކަން ހޯދީ ފަދުވާ ޓީމްގައި ހިމެނިގެންނެވެ.

ފުޓްބޯޅައިގައި ފަދުވާ އަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އަހުމަދު އާތިފް (އާތި ކޯޗު) އެވެ. ދެން އާއިލާ އާއި ރައްޓެހިންނެވެ. އޭނާގެ އެންމެ ގާތް ރައްޓެހިންނަކީ ވެސް ފުޓްބޯޅައިގައި އުޅޭ މީހުންނެވެ.

ފުޓްބޯޅަ ކޯޗިން އާއި ރެފްރީކަމުގެ ތިން ކޯހެއް ފަދުވާ ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ދާދި ފަހުން ސްވިޑްންގައި އޭނާ ދެ ހަފްތާގެ ޓްރެއިނިންއެއް ހެދި އެވެ. އެއީ އާތި ކޯޗާއި އިހުސާން ކޯޗު ހޯދައިދިން ފުރުސަތެއްގައި ސްޕޮންސަރުންތަކެއްގެ އެހީއާ އެކު ފުރިހަމަކުރި ތަމްރީނެކެވެ.

"އެއީ ސްވިޑްންގެ ކްލަބަކާ އެއްކޮށް ހަދާލި ޓްރެއިނިންއެއް. އެއީ އެ ތަނުގެ ފުޓްބޯޅައިގެ ލެވެލް އަށް ބަލަންޏާ ވަރަށް ރަނގަޅު އެކްސްޕީރިއެންސެއް. ސެކަންޑް ޑިވިޝަންގެ ޓީމަކާ އެއްކޮށް ކުޅުނީ، އެ މީހުންގެ ޕްރެކްޓިސްތަކުގައި ބައިވެރިވެގެން. ދެ ސްކޫލަކާ އެއްކޮށް ވެސް ޕްރެކްޓިސް ކުރިން. ދެން އެ ކޮޅުގެ އަންހެން ފަސްޓް ޑިވިޝަންގެ އެއް ވަނަ ޓީމާ އެއްކޮށް ޓްރެވެލް ކޮށްލަން ވެސް ޗާންސް ލިބުނު،" އޭނާ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ފަދުވާ އަންނަނީ ކުޑަކުދިން ތަމްރީންކުރަމުންނެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) އަލުން ފަށާފައި ވާއިރު އަންހެންކުދިންގެ ކޯޗަކީ އޭނާ އެވެ.

ފަދުވާ ގައުމީ ޓީމާ ގުޅުނު އިރު ތިބީ އެންމެ 16 ކުޅުންތެރިންނެވެ. އޭގެ ތެރެއިން ވެސް ބޯޅަ ޕާސްކޮށްލެވޭ ވަރު ވަނީ އެންމެ ދެތިން މީހަކަށެވެ. އޭނާ ކިޔައިދިން ގޮތުގައި "ބޯޅަ ފަހަތުން ދުވީއޭ ބުންޏަސް ރަނގަޅުވާނެ" އެވެ. އެކަން އެންމެ ބޮޑަށް ފެނުނީ ޓީމު ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރަށް ދިއުމުންނެވެ. ވިއެޓްނާމްގައި 2004 ވަނަ އަހަރު ކުޅުނު ކޮލިފައިން މެޗަކީ ހިތި ތަޖުރިބާއެކެވެ.

"އޭރު ގިނަ މީހުންނަށް ރަނގަޅަށް ބޯޅައިގައި ފައި ވެސް ލައްވައެއް ނުލާ. ޓީމް އެއްކޮށް ތިބެނީ މެދު ރޮނގުން ފަހަތުގައި. ބައިކޮޅަށް 17 ލަނޑު ޖަހައިގެން އައީ. ދެރަވި. އެކަމަކު ވެސް ފެންވަރު އެނގޭ. ކޯޗު ކުރިން އެކަން ބުނެދީފައި އޮތީ. އެހެންވެ އެކަމަށް ރެޑީވެގެން ދިޔައީ ވެސް،" ފަދުވާ ބުންޏެވެ.

މިހާރު ޓީމުގެ ފެންވަރު ވަނީ އެއަށް ވުރެ މާ ބޮޑު ތަން ރަނގަޅުވެފަ އެވެ. އެކަމަކު އަންހެން ކުޅުންތެރިންނަށް އެ މީހުން ބޭނުންވާ ހިސާބަކަށް ނުދެވެ އެވެ. މައްސަލައަކީ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ އަށް މާ ބޮޑު ޖާގައެއް ލިބިފައި ނުވުމެވެ. އެއީ ފަދުވާ އަށް ވެސް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އަންހެން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުން، އެކަށީގެންވާ ފުރުސަތުތަކެއް އޭނާ އަށް ރާއްޖެއަކުން ނުލިބެ އެވެ. އެފްއޭއެމް އިން ދެ އަހަރަކު މުބާރާތް ބޭއްވި ނަމަވެސް އެކަން ވެސް ވަނީ ހުއްޓިފަ އެވެ. ފަދުވާ ބުނިގޮތުގައި މައްސަލައަކީ ކުޅުންތެރިން ނުލިބުމެވެ. އޭނާ ދެކޭ ގޮތުގައި ވޭތުވެދިޔަ އަށް އަހަރު ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަންހެނުން ފުޓްބޯޅަ ކުޅުމަކީ މުޖުތަމައު އަދިވެސް ބަލައިގަންނަ ކަމެއް ނޫނެވެ.

"އަންހެނުންގެ ފުޓްބޯޅަ އަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ގަބޫލުކުރާ އެއްޗެއް. އެކަމަކު މި ތަނުގެ ކަލްޗާގައި އެކަން ގަބޫލުނުކުރާތީ މައްސަލަ އަކީ،" އޭނާ ބުންޏެވެ. "މިހާރު ޓީމްގައި އުމުރުން 30 އަހަރުގެ މީހުން ވެސް އެބަތިބި. އެހެންވީމަ ފިޓްނެސް މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވޭ. އެކަމަކު ވާ ގޮތަކީ އެވަރަށް ކުދިން ނެތީމަ އަދިވެސް ނަގާލެވޭ މީހުން އެއީ."

ފަދުވާގެ ބައެއް ރައްޓެހިން ފުޓްބޯޅަ ކުޅުން ހުއްޓާލީ ފިރިމީހާ ނުވަތަ ބިޓު ގަބޫލު ނުވެގެންނެވެ. ފަދުވާއަކަށް އަދި އެފަދަ "މަޖުބޫރުކަމެއް" ނާދެ އެވެ. އެކަމަކު ފަހުން ނަމަވެސް، މީހަކު އެހެން ބުނެފިއްޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަފާނެ ހެއްޔެވެ؟

"އެ ދުވަހެއް އައިމަ އެނގޭނީ،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ. "އަދިއެއް ނުބުނޭ. އެހެންވީމަ އޯކޭ އެއްނު؟"

އަންހެނުންގެ ފުޓްބޯޅަ އެންމެ ބޮޑަށް ހިނގަނީ 12 އަންހެން ޓީމު ވެސް ބައިވެރިވެގެން ކުޅޭ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގަ އެވެ. އެކަމަކު އެ މުބާރާތަކުން ވެސް ސީރިއަސް ކުޅުންތެރިންނެއް ނުއުފެދެ އެވެ.

"މި ފަހަރު ކްލަބް މޯލްޑިވް ކަޕް ނިމުނީމަ، އޮފީސްތަކުން ބައިވެރިވި ބައެއް ކުޅުންތެރިންނަށް ދައުވަތު ދިން ގައުމީ ޓީމާ ގުޅެން. އެކަމަކު އެއިން އެއްވެސް ކުއްޖަކު ބޭނުމެއް ނުވި. އެ މީހުން ބޭނުން ވަނީ ހަމައެކަނި މަޖަލަކަށް ކުޅެލަން،" ފަދުވާ ކިޔައިދިނެވެ. "ބޮޑަށް ހީވަނީ މި ކުޅިވަރަށް ލޯބި ނުހުންނާތީ ހެން. ތަންކޮޅެއް ފިރިހެން ކުޅިވަރަކަށް ވާތީ، ގިނަ ބައެއް ފާޑުކިޔުންތައް ވެސް އަންނާނެތާ! އެ އެއްޗެއްސާ ފޭސްކުރަން ބޭނުން ނުވަންޏަކާ ނުކުޅޭނެތާ!"

ވަޒީފާގައި އުޅެނީ "ވަރަށް އުޅޭ ހިތުން" ކަމަށް ވިޔަސް ފުޓްބޯޅަ އިން ރަނގަޅު ކެރިއަރެއް ބިނާކުރަން ފުރުސަތު ލިބިއްޖެއްޔާ ފަދުވާ ނަގާނީ ފުޓްބޯޅަ އެވެ. އޭނާގެ ހުވަފެނަކީ ބޭރުގެ ޓީމަކުން ޗާންސް ލިބުމެވެ.

"މިތާކު ނެތް ފުޓްބޯޅަ އިން ކެރިއާ ބިލްޑްކުރާނެ ޗާންސެއް. އެކަމަކު ބޭރު ޓީމަކަށް ދާން ފުރުސަތު ލިބިއްޖެއްޔާ ޗޫޒް ކޮށްފާނަން ފުޓްބޯޅަ. އެއީ ރާއްޖޭގައި އަންހެން ކުޅުންތެރިން އެ ގޮތަށް ބޭރަކަށް ނުދޭ. އެހެންވީމަ އެ ޝަރަފު ލިބެން ވެސް އެކަން ކުރުން ރަނގަޅުވާނެ ހެން ހީވަނީ،" އޭނާ ބުންޏެވެ.

ފުރުސަތު ކިތަންމެ ހަނި ވިޔަސް ފުޓްބޯޅައާ ދުރަށް ދާކަށް ފަދުވާ ބޭނުމެއް ނުވެ އެވެ.

"މިހާރު ދެން ތަންކޮޅެއް އުމުރުން ދުވަސް ވެއްޖެ، ފުޓްބޯލް ކެރިއާއަކަށް ދާ ވަރަށް ވުރެ. އަދި މެރީ ވެސް ނުކުރަން. އެކަމަކު ފަހަރެއްގައި ކުޅުމުގެ ތެރެއިން ނުފެނުނަސް ކޯޗިން އިން ފެންނާނެ،" އޭނާ ބުންޏެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait