މީހުން

ކާނަލް ޒާހިރުގެ "ހިމޭން ދުނިޔެ"

ލ. ގަމުން އިސްމާއިލް ނަސީރު
24 ޖުލައި 2012 09:08 16 ކޮމެންޓު
  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

  • ކާނަލް ޒާހިރު އޭނާ ގަމުގައި ދިރިއުޅުއްވާ ގޭގައި -- ހަވީރު ފޮޓޯ

ވަރަށް ހިތްގައިމު، ވަރަށް ރީތި ކުޑަކުޑަ ގެއެއްގެ ބޭރުގައި ހުރި ހިޔާ ތަންކޮޅެއްގައި ހަމަޖެހިލައިގެން އެ އިންނެވީ ދާދި ފަހަކާ ޖެހެންދެން ސިފައިންގެ ތެރެއިން ފެނުނު ވަރަށް ވަރުގަދަ ޝަޚުސިއްޔަތެކެވެ. އެތައް ބައިވަރު މުވައްޒަފުންނެއްގެ ވެރިއެއްގެ ގޮތުން ހަލަބޮލި މާހައުލެއްގައި މަސައްކަތްކުރެއްވި އިހުލާސްތެރިއެކެވެ. ފޮތުގެ ތެރެއަށް ގެއްލިފައި އިންނެވިއިރު، އޭނާ އަކީ މިލިޓަރީގައި 34 އަހަރު ހޭދަކުރެއްވި ބޭފުޅެއްހެން ހީވެސް ނުވެ އެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތް ކަހަލަ އެވެ. މި ހިމޭން މާހައުލަކީ، އޭނާގެ މިހާރުގެ ބައިވެރިޔާ އެވެ. އޭނާގެ ވަޒީފާ އޮތް ތަނެވެ. މި ހަތަރު ފާރުން އެތެރެއަކީ އޭނާގެ ވިސްނުން ހަމައެކަނި އޮތް ކުޑަކުޑަ ދުނިޔެ އެވެ. މި ހިމޭންކަމަކީ އޭނާގެ ހުރިހާ ކަމެއްގެ ފަރުވާ އެވެ. މިތަނުގައި އޭނާ ކޮންމެ ސިކުންތެއް ވެސް ހޭދަކުރައްވަނީ އުފަލާ އެކުކަން އޭނާގެ ހަރަކާތްތަކުން އެނގެ އެވެ. މިއީ، އަޖައިބެއް ކަހަލަ ދިރިއުޅުމެކެވެ. ބައެއް މީހުންނަށް ފޫހިވެ ގޮތްހުސްވެދާނެ އެވެ. އެހެން ނަމަވެސް، އިއްޔެ އަޅުގަނޑުމެން ދުށް ވަރުގަދަ ގައުމީ ފަހުލަވާނު ކާނަލް (ރިޓަޔާޑް) އަހުމަދު ޒާހިރަށް ދިރިއުޅުމަކީ މިއީ އެވެ.

ލ. ގަމުގައި އޭނާ ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު އަހަރެއް ވެއްޖެ އެވެ. މާލޭގެ ބޮޑު ގެއެއް ދޫކުރައްވައި އަނބިކަނބަލުންނާއި ބޭފުޅުންނާއި ކާފަ ބޭފުޅުންނާ ވެސް ވަރަށް ދުރުގައި، ހަޔާތުގެ ބާކީ ބައި ރަށްފުށުގައި ހޭދަކުރައްވަން އަޒުމް ކަނޑައެޅުއްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

"ރިޓަރާ ވެފައި އަޅުގަނޑު ފުރަތަމަ ދިޔައީ މެލޭޝިޔާ އަށް. ސަތާރަ އަހަރުގައި ވަޒީފާ އަށް ވަދެފައި 34 އަހަރު ވަންދެން އެތާނގައި ހިދުމަތް ކުރީމަ އެތަނަކަށް ހުންނަ ލޯތްބާއި އިހުތިރާމެއް ހުންނާނެ. އެހެންވެ ކުއްލިއަކަށް ދުރަށް ދާން ޖެހުމުން ދެން ދިމާވާ ކަންތައްތަކެއް ހުންނާނެ. އިމޯޝަނަލް ވާން ވެސް ވާނެ. އެހެންވެ، ގެޓް އެލޯން (މުޅިން ދުރަށް ދާން) ވެގެން މެލޭޝިޔާ އަށް ދިޔައީ،" މި ރަށުގައި އަމިއްލަ ގޭގައި ބަގީޗާ ހެއްދެވުމާއި ރަހުމަތްތެރިއެއްގެ ތިން ތަރީގެ ބުޓިކް ހޮޓަލެއް ހިންގެވުމުގައި އިސްކޮށް ހުންނެވި ޒާހިރު ވިދާޅުވި އެވެ. "މެލޭޝިޔާގައި ހަތަރު އަހަރު މަޑުކޮށްފައި އައީ ރާއްޖެ އަށް. ދެން މިތަނަށް އައިސް މިތަން ބަލާލައިފައި ހިތަށްއެރީ މިތާނގައޭ ދެން އުޅޭނީ. މިތަން ޕީސްފުލްވެފައި މިތަން ވަރަށް އަރާމު."

ސިފައިންގޭގެ 34 އަހަރުގެ ހަޔާތް މުޅިން ހުއްޓުމަކަށް ގެނެސް، ރިޓަޔާ ކުރައްވަން ޒާހިރު ނިންމެވީ ޝަރަފުވެރި ކަމާ އެކު އެވެ. އެ ޝަރަފާ އެކު ރިޓަޔާ ކުރެއްވި އެންމެ ފުރަތަމަ މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވަޒީފާއިން އަތް ދޫކޮށްލެއްވި އިރު ހުންނެވީ ސިފައިންގެ ޑިރެކްޓަރު ޖެނެރަލް އޮފް ކޯސްޓް ގާޑުގެ މަގާމުގަ އެވެ. އޭރު ހުންނެވި ރޭންކަށް ބަލާއިރު އެއީ ސިފައިންގޭގެ އެންމެ މަތިން ތިން ވަނަ އެވެ. ކޮނޑަށް އަރާފައި ހުރި ތަރިތަކާއި މޭމަތީގައި ތަތްކޮށްފައި ހުރި އެކި ކުލަތަކުގެ ބެޖްތައް 2004 ގައި ދޫކޮށްލެއްވީ އޭނާ އެހެން ބަޔަކަށް ވަރަށް ބޮޑެތި ފިލާވަޅުތަކެއް ދެއްވަމުންނެވެ.

"ރިޓަޔާ ކުރުމަކީ ސިފައިންގޭގައި އޮންނަ ކަމެއް ނޫން. އެކަމަކު ކޮންމެވެސް ބަޔަކު ރިޓަޔަ ކުރަން ވެސް އެބަ ޖެހޭ. އެކަން އެއީ އޮންނަ ކަމެއްކަން އަންގަން ޖެހޭ. ފަހަތުން ތިބޭ ބަޔަކަށް ފުރުސަތު ދޭން އެބަ ޖެހޭ. މަތީ މަގާމުތަކަށް އަންނަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު އޮތްކަން އެނގޭނީ ކޮންމެވެސް ބަޔަކު ރިޓަޔާ ކޮށްގެން. އެހެންވެ އެ ވިސްނުން ކްރިއޭޓްކުރަން އެބަ ޖެހޭ. އަޅުގަނޑު ރިޓަޔާ ކުރި މައިގަނޑު އެއް ސަބަބަކީ އެއީ. އެކަން ކުރުމަށް އަޅުގަނޑަށް އެއްވެސް ޕްރެޝާއެއް މަޖުބޫރު ކަމެއް ނެތް،" އުމުރުން 60 އަހަރުގެ ޒާހިރު ވިދާޅުވި އެވެ. "އަނެއްކޮޅުން އާންމު ދިރިއުޅުމެއްގެ ތަޖުރިބާ ވެސް އެބަ ހޯދަން ޖެހޭ ހިނގާބިނގާ އުޅެވޭއިރުގައި. ރިޓަޔާ ކުރުމުގެ މާނައަކީ އެ މީހާ އެތަނުން ނުކުންނައިރު ކިރިޔަކިރިޔަ ހިނގާ އުޅެވޭވަރުވުމެއް ނޫން. އެކަހަލަ ރިޓަޔަމަންޓެއް އަޅުގަނޑު ބޭނުމެއް ނުވި."

ލ. އަތޮޅުން ގޯތި ދޫކުރަން މީގެ 15 ވަރަކަށް އަހަރު ކުރިން ސަރުކާރުން ހުޅުވާލުމުން ޒާހިރު ވެސް ގޯއްޗެއް ނެންގެވި އެވެ. އޭނާގެ ގޯތި އޮތީ ފޮނަދޫގެ އެންމެ މުހިންމު ހިސާބުގައި އަތިރިމަތީގަ އެވެ. މެލޭޝިޔާގައި އުޅުއްވުމަށް ފަހު، އެ ގޯތި ބަލާލަން ޒާހިރު މި އަތޮޅަށް ވަޑައިގެންނެވި ތަނުން އޭނާ އަށް ވިސްނިވަޑައިގަތީ އެ ގޯތި ތަރައްގީކޮށް އެތާނގައި ދިރިއުޅުއްވުމަށެވެ. އެހެންވެ، އެ ގޯތީގައި އިމާރާތެއް އަޅުއްވައި ރީތި ބަގީޗާއެއް ފަތުރާލެއްވި އެވެ. އެ ގެ ފެނިފައި އެންމެ ހައިރާންވި ކަމަކީ އާދަޔާހިލާފު، އަދި ރާއްޖެއިން ނުވެސް ފެންނަ ވައްތަރުގެ ގަސްތައް ހައްދާފައި ހުރުމެވެ. ހަމައެއާ އެކު، ދޫނިތަކާއި ކަނބިއްޔާއި ދިރޭ ތަކެތި ވަރަށް މިނިވަންކަމާ އެކު އެ ގޯތި ތެރޭގައި އުޅޭތަން ފެނުމުން ޒާހިރުގެ ހޮބީ ވަރަށް ރަނގަޅަށް ވިސްނުނެވެ.

"އަޅުގަނޑު ވަރަށް ލޯބިކުރާ އެއްޗެއް އަދި އަޅުގަނޑުގެ ބައްޕަ ވެސް ވަރަށް ލޯބި ކުރެއްވި އެއްޗެއް ދިރޭ އެއްޗެހި. ހާއްސަކޮށް ދޫކޮށްލައިގެން އެ އެއްޗެހި ގެންގުޅުން. ގަސް ހެއްދުމާއި މިކަންކަމަކީ ވެސް ވަރަށް ލޯބި ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގޯތީގައި ދިރިއުޅެން ނަގާފައިވާ ބަޔަށް ވުރެ ބަގީޗާ އަށް ހުސްކޮށްފައިވާ ބިން މާ ބޮޑެވެ.

ޒާހިރަކީ ތަފާތު ދިރިއުޅުއްވުމެއްގެ ބޭފުޅެކެވެ. އޭނާ އަކީ އާންމުކޮށް ގެއިން ބޭރަށް ނުކުންނަވާ ބޭފުޅެއް ނޫނެވެ. ދިރިއުޅުއްވަނީ އެކަނިމާއެކަންޏެވެ. ކައްކަނީ އަމިއްލަ އަށެވެ. އެއްޗެހި ދޮވެ އިސްތިރި ކުރައްވަނީ ވެސް އަމިއްލަ އަށެވެ. ހެނދުނު ތެދުވެ ވަޑައިގެން އޮރެންޖް ޖޫހެއް ހިއްޕެވުމަށް ފަހު ގަދައަށް ކަސްރަތު ކުރައްވަ އެވެ. އެއަށް ފަހު ފޮތް ވިދާޅުވުމާއި ޓީވީ ބެއްލެވުމުގައި ވަގުތުތައް ހޭދަކުރައްވަ އެވެ. ރޭގަނޑު ބައެއް ރަހުމަތްތެރިންނާ އެކު ސިޓިންރޫމުގައި ކަރޯކޭ ވިދާޅުވެ އެވެ. ރަނގަޅަށް ފަރިއްކުޅުވަ އެވެ. އެ ދިރިއުޅުއްވުން ކޮންމެ ދުވަހަކު ވެސް ތަކުރާރު ކުރައްވަ އެވެ. އެހެން ނަމަވެސް، އެކަމަށް އެއްވެސް ފޫހިކަމެއް އޭނާގެ ނެތެވެ.

"އެއަށް ވުރެ މި ރަށް މާ އަރާމު، މާ ޕީސްފުލް. ހިވަނީ ހަމަ ދުނިޔެމަތީގައި ސުވަރުގެއެއްގައި އުޅެވެނީހެން. ރަނގަޅު ދިރިއުޅުމެއްގައި، ރަނގަޅު އެޓޮމޮސްފެއާއެއްގައި ރަނގަޅު ވައި ލިބިގެން އުޅެވޭތީ ދެން ވަރަށް ހިތްގައިމު،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އާއިލާ އަކީ ވެސް ޒާހިރުގެ ކަންބޮޑުވުމެކެވެ. އެކަނިމާއެކަނި ދުރުގައި އުޅުއްވާތީ އާއިލާގެ ޝަކުވާތައް އެބަ އޮތް ކަމަށް ޒާހިރު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެހެންނަމަވެސް، ޒާހިރު ވިދާޅުވަނީ "ދޭތެރެއަކުން މާލެ ޖައްސާލައި، ދިހަވަރަކަށް ދުވަހު އާއިލާއާ އެކު ހޭދަކޮށްލީމަ އެކަން ހަމަޖެހިގެންދާނެ" ކަމަށެވެ.

"އާއިލާގެ މީހުން މިކޮޅަށް ވެސް އަންނާނެ. އަޅުގަނޑު ވެސް މާލެ ދަން ދޭތެރެއަކުން. ގޮސް އާއިލާއާ އެކު ވަގުތު ހޭދަކުރަން،" އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، މާލޭގައި ދެން ދުވަހަކު ވެސް ދިރިއުޅުއްވުމުގެ ހިޔާލެއް ޒާހިރުގެ ނެތެވެ. އޭނާ މާލެ ސިފަކުރައްވަނީ "ސްޓްރެސް ތަނެއްގެ ގޮތުގަ" އެވެ.

"އަޅުގަނޑުގެ ހިތެއް ނެތް ދެން މާލެއަށް ދިރިއުޅެން ދާކަށް. މާލޭގައި އެންވަޔަރަމެންޓްގައި އުޅެން އަޅުގަނޑަށް ވަރަށް އުނދަގޫ. އެއްޗެއް ދުއްވާކަށް ފަސޭހައެއް ނޫން. ތަނެއްގައި ހުއްޓި ހުރެވެނީއެއް ނޫން. މުޒާހަރާ އަށް ގޮވުމާއި މިކަހަލަ ކަމެއްގައި ވަރަށް ސްޓްރެސްކޮށް މާލެ އޮތީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް މާލެ ވަރަށް އުނދަގޫ."

ހަމަ އެގޮތަށް، ޒާހިރު ވިދާޅުވާ ގޮތުން އިތުރު ވަޒީފާއެއް އަދާކުރެއްވުމުގެ ޚިޔާލެއް ވެސް ނެތެވެ.

"މީހާ މިލިޓަރީ ސެޓަޕެއްގައި ބޮޑުވެފައި ހުރީމަ ކަމެއް ނުކޮށް ގޭގައި ހުންނަން ޖެހޭތީ ނަފުސާނީ ގޮތުން ވަރަށް އުނދަގޫ ވެސް ވޭ. ދެން އެހެންވީމަ ދާންވީ މީހެއްގެ ވަޒީފާއަކަށް ނޫނީ މަސައްކަތަކަށް. އެކަމަކު އަޅުގަނޑު ކީއްކުރަންތޯ ދެން އަނެއްކާ ވެސް މަސައްކަތް ކުރުމުގެ ބޭނުމަކީ. އޭރުން ރިޓަޔާ ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ ރިޓަޔާ ކުރުމުގެ މާނައަކީ ދެން އަރާމުގައި އުޅުން. އަނެއްކާވެސް ސްޓްރެސް އުފެއްދުމެއް ނޫން. ހެލްތީ ފުޑް ކައިގެން ފެމިލީއާ އެކު އުޅެ ކާފަ ދަރިންނާ އެކު އަރާމުގައި އުޅެލުން އޭގެ [ރިޓަޔާގެ] މާނައަކީ،" އޭނާ ވިދާޅުވި އެވެ. "މިކޮޅުގައި ވެސް އަޅުގަނޑު މިތަން [ހޮޓާ] ބަލަހައްޓަނީ އެއްގޮތަކަށް ވެސް ކޮމާޝަލް ބޭނުމަކަށް ނޫން. ރައްޓެއްސަކަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި."

ސިފައިންގޭގެ ވަޒީފާއިން ޒާހިރު ވަކިވެވަޑައިގަތުމަށް ފަހު އޭނާ އެނބުރި އެތަނަކަށް ވަޑައެއްނުގަންނަވަ އެވެ. އަދި އަމުދުން ދެން އެތަނަށް ވަޑައިގަންނަވަން ޒާހިރު ބޭނުމެއް ވެސް ނުވެ އެވެ. ޒާހިރު ގަބޫލުކުރައްވާ ގޮތުގައި ސިފައިންގެ އޮތީ ސިޔާސީވެފަ އެވެ. އެއީ ވަރަށް ދެރަކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިފައިންގެ ވެސް ހަގީގަތުގައި ޕޮލިޓިސައިޒް ވެއްޖެ. އެކަހަލަ މުއައްސަސާއަކަށް ޕޮލިޓިކްސް ވަދެއްޖިއްޔާ އެތަނެއް އެހާ ރަނގަޅަކަށް ފަންކްޝަނެއް ނުކުރާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ވެސް ނޫން. އެއީ ހަގީގަތުގައި ވަރަށް ދެރަކަމެއް. އެއީ އަޅުގަނޑުމެންގެ އެތިކްސް އާއި އަޅުގަނޑުމެންގެ ޑިސިޕްލިންއާ ވެސް މުޅިން ހިލާފުކަމެއް،" ޒާހިރު ވިދާޅުވި އެވެ. "އެހެންވެ، އެކަމަށް އެނބުރި ދާކަށް އަޅުގަނޑުގެ އެއްވެސް ހިޔާލެއް ނެތް. އެކަންކަން ރަނގަޅު ކުރަން އަނެއްކާ އެއީ ވަރަށް ޓައިމް ނަގާނެ ކަމެއް."

އެހެން ނަމަވެސް، ސިފައިންގެއިން ޝަރަފުގައި ރިޓަޔާ ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، އެތަން ސިޔާސީވެ ހަލަބޮލިވާތަން ބައްލަވަން ހިމޭނުން ހުންނެވުމަކީ ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

"އަޅުގަނޑަށް ޑިސްކަސް ކުރެވޭ އެކި ބޭފުޅުންނާ. އެކަމަކު ސީދާ އަޅުގަނޑަށް ފުރުސަތެއް ނޯންނާނެ ޑައިރެކްޓްކޮށް އިންވޯލްވެވޭކަށް. ފަހުން ރިޓަޔާ ކުރި މީހުން ގޮތަށް އަޅުގަނޑުމެން ކުރިން ރިޓަޔާ ކުރި މީހުންނަކަށް އެކްސެސްއެއް ނޯވޭ އެތަނަކަށް ދާކަށް،" ޒާހިރު ވިދާޅުވި އެވެ.

އެހެން ހުންނަވާއިރު، ޒާހިރު ބޭނުންވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ އޭނާ ވަރަށް ކުރިން ދެކެވަޑައިގަންނަވަމުން އައި ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަޖައްސަން އޭނާ މިހާރު ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ޕްލޭނެއް އެބަ އޮތް. އަޅުގަނޑު އުޅޭ ގޭ ސަރަހައްދުގެ ކުރިމަތީގައި ބޮޓަނިކަލް ގާޑްންއެއް ހަދަން ޕްރޮޕޯސަލްއެއް ހަދައި މައުލޫމާތު އެއްކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން އޮންނާނީ ތައްޔާރުކޮށްފައި. އޭގެ އަމާޒަކީ ފުރަތަމަ ލ. އަތޮޅުގައި ހެދޭ ގަސްތަކާ ބެހޭ މައުލޫމާތު ހޯދައި އެ ތަކެތި އެއްކުރުން. އެ ތަކެތި ހެއްދުން. ދެން އޭގެ ފަހުން އެހެން ރަށްރަށަށް ދާނީ. އެތަން ނަމޫނާ ބޮޓަނިކަލް ގާޑްންއަކަށް ހެދުން އެއީ އަޅުގަނޑުގެ ހުވަފެނެއް. އޭރުން ވަރަށް ބޮޑު އުފަލަކަށް ވާނެ."

މި ދިރިއުޅުން ޒާހިރަށް އުފާވެރި އެވެ. މި ހިމޭން ދުނިޔެއިން އެންމެ ސިކުންތަކަށް ވެސް ދުރަށް ވަޑައިގަންނަވަން ޒާހިރު ބޭނުންފުޅެއް ނުވެ އެވެ. އޭނާގެ އުއްމީދަކީ ހަޔާތުގެ ބާކީ ބައި މިގޮތުގައި ހުސްކޮށްލެއްވުމެވެ. އަދި ރިޓަޔާ ކުރުމަށް ފަހު އެހެން މީހުން ވެސް ހަމަ މިކަހަލަ ދިރިއުޅުމަކަށް ދިއުމަށް އޭނާ އެދިވަޑައިގަނެ އެވެ.

"މިކޮޅުގެ ލައިފް އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. މިތަނަށް އައިސްފައި ބައެއް މީހުން ބުނޭ އަޅުގަނޑުގެ ދިރިއުޅުން ދެކިފައި އަހަރެމެން ވެސް ބޭނުމޭ ރިޓަޔާ ކޮށްފައި މިތަނަށް އަންނަން،" ޒާހިރު ވިދާޅުވި އެވެ.

އެކަމަކު އެހެން މީހުންނަށް އެގޮތަށް އުޅެވިދާނެ ބާވަ އެވެ؟

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait