ކަރަންޓް ދައުރުވާކަން އާދައިގެ އިންސާނަކަށް އިހްސާސެއް ނުކުރެވޭނެ އެވެ. ކަނު ބަނދެގެން ހިނގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ތިމާއަށް ލިބޭ އެސްއެމްއެސް ކިޔުމުގެ ބަދަލުގައި ސިކުނޑި އަށް ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތިވެދާނެ އެވެ. އެކަމަކު އެ ގާބިލުކަން ލިބިފައިވާ ދިވެއްސަކު އެބަ ހުއްޓެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް، އިލެކްޓްރޯނިކް މަސައްކަތަށާއި ސައިންސްގެ ދާއިރާ އަށް ޝައުގުވެރިވާ ޖާވިޝް ހަމީދު (ޖާ)، ،29 ބުނި ގޮތުގައި އޭނާ އަށް މިހާރު ދުނިޔެ ފެންނަނީ އެހެން ގޮތަކަށެވެ. އެހެން މީހުންނަށް އިހްސާސްނުކުރެވޭ އެތައް ކަމެއް އިހްސާސްކުރެވެ އެވެ. ސަބަބަކީ އޭނާގެ ވައަތުގެ މެދު އިނގިއްޔާއި ކަށި އިނގިއްޔަށް ލައްވާފައިވާ ދަގަތްފާނު ކޮޅެވެ. ވައް ބުރަށް ހަދާފައިވާ އެ ދަގަތްފާނުކޮޅުގެ ޑައިމީޓަރުގައި ތިން މިލިމީޓަރު ހުރެ އެވެ. ބޯމިނަކީ 0.7 މިލިމީޓަރެވެ.
އެ ދެ ދަގަތްފާނުކޮޅު ލެއްވީ މީގެ ތިން އަހަރާއި ހަ މަސް ދުވަސް ކުރިން، އިނގިރޭސި ވިލާތުގައި އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބަނެޓިކް ދާއިރާއިން މާސްޓާޒަށް ކިޔެވި އިރު އެވެ. އެއީ އޭނާގެ ރިސާޗް ޕްރޮޖެކްޓަށެވެ. އިންސާނުންނާއި މެޝިން ގުޅުވާލުމަށެވެ. އިތުރު "ހިއްސެއް" އުފެއްދުމަށެވެ. އެ ހުރިހާ ކަމެއް އޭނާ ކާމިޔާބުކުރި އެވެ.
ދަގަތްފާނުކޮޅުތަކުގެ ސަބަބުން ކޮންމެ އެއްޗެއްގެ މެގްނެޓިކް ފީލްޑް އޭނާއަށް އިހްސާސްކުރެވެ އެވެ. ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަނާއި އޭޓީއެމް މެޝިނާއި ހާޑް ޑިސްކާއި ކަރަންޓް ސަޕްލައިގައި ކަރަންޓް ހުންނަ ކޮންމެ އެއްޗެއްގެ ކަރަންޓް ދައުރުވާކަން އިހްސާސްކުރެވެ އެވެ.
"އެއް ދުވަހަކު މައިކްރޯ ވޭވް އަވަން ކައިރީގައި ހުއްޓައި އެ އަވަން ޖެއްސުމުން ދިޔައީ ސިއްސައިގެން. އެއީ އޭތީގެ މެގްނެޓިކް ފީލްޑް އިހްސާސްކުރެވުމުން،" ޖާވިޝް ބުންޏެވެ.
މެގްނެޓިކް ފީލްޑް އިހްސާސްވާން ފެށުމުން، އޭނާގެ އަތަށް ވަރަށް މަޑުމަޑު ވައިބްރޭޝަނެއް އާދެ އެވެ. އެކަމަށް އޭނާ ހުރީ ހޭނިފަ އެވެ.
"މިކަން އިހްސާސް ނުކުރެވޭ މީހަކަށް މިކަން ގަބޫލުކުރަން ދަތިވާނެ. ވައިގައި އަތް ލެވިދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭތާ. އެކަހަލަ ކަމެއް މިކަމަކީ. އެކަމަކު މެގްނެޓިކް ފީލްޑްގެ އިހްސާސް އެބަ ކުރެވޭ،" ޖާގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނާ ބުންޏެވެ.
އިނގިއްޔަށް ލައްވާފައިވާ ދަގަތްފާނުގެ ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަމަށް އޭނާގެ ދިރާސާއިން ހޯދި އެވެ. އެގޮތުން ފުރަތަމަ ވެސް އޭނާ ބޭނުންވީ އިންސާނިއްޔަތަށްޓަކައި ކަމެއް ކުރުމަށެވެ. ލޯފަން މީހުންނަށް ދަނޑިގަނޑު ބޭނުންނުކޮށް ނުވަތަ އެހެން މީހެއްގެ އެހީއާ ނުލައި ހިނގާބިނގާވެ އުޅެވޭނެ އާލާތެއް އޭނާ އުފެއްދި އެވެ.
އެކަމަށްޓަކައި އަލްޓްރާސޮނިކް ރޭންޖާއެއް އޭނާގެ ތޮފީގައި ހަރުކުރި އެވެ. އޭގެ ބޭނުމަކީ ކުރިމަތީގައި ހުންނަ ތަކެތީގެ ދުރިމިން ދެނެގަތުމަށް ސިގްނަލް ފޮނުވުމެވެ. އަލްޓްރާ ސޮނިކް ރޭންޖާ އާއި އިނގިލީގެ ދަގަތްފާނާ ގުޅުވާލާފައިވަނީ ސާކިޓަކުންނެވެ. އަދި ސާކިޓުން، އިނގިލީގައިވާ ހާއްސަ ރިންގުގައި ކަރަންޓެއް އުފެއްދުމުން އިނގިލީގެ އެތެރޭގައިވާ ދަގަތްފާނުކޮޅުތައް ބޭނުން ގޮތަކަށް ތަޅުވާލެވެ އެވެ. އެއާއެކު ވަށައިގެންވާ މާހައުލުގައިވާ ތަކެތީގެ ދުރުމިނާއި ކައިރިމިން އިނގިލި މެދުވެރިކޮށް ސިކުނޑި އަށް އަންގައިދެ އެވެ. ކަނުބަނދެގެން ވެސް މި އާލާތުގެ އެހީގައި ހިނގުން އުނދަގޫ ނުވާނެ ކަމަށް އޭނާ ބުންޏެވެ.
"ހަފުތާއެއްގެ ތެރޭގައި ކަނުބަނދެގެން ހިނގަން އެނގުނު. މުޅި ތަން ސިކުނޑި އަށް ތަސްވީރުކުރެވޭ. އެ ލެވެލުން މީހަކަށް ހިނގާލެވޭނެ ތަނެއްގައި ނުޖެހި،" ފެށުނީއްސުރެ ވެސް ކިޔެވުމުގައި ރަން ވަނަތައް ހޯދާފައިވާ ޖާވިޝް ބުންޏެވެ.
މި އީޖާދުގެ އިތުރުން އޭނާގެ ފޯނަށް އަންނަ އެސްއެމްއެސްތައް ކިޔުމުގެ ބަދަލުގައި ހާއްސަ އާލާތްތަކެއްގެ އެހީގައި ދަގަތްފާނު ކޮޅުތަކުން އުފައްދާ ސިގްނަލް މެދުވެރިކޮށް އެ މެސެޖްތައް ސިކުނޑި އަށް އެނގޭ ކަމަށް ބުންޏެވެ.
"އެ އީޖާދު ވަޔަލެސްކޮށް ވެސް ހެދޭނެ. އޭރުން ބޭނުންކުރަން ފަސޭހަވާނެ. ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު އެއް ދާއިރާއަކަށް ވާނީ އިންސާނުންނާއި މެޝިން ގުޅުވާލުން،" ޖާވިޝް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަގަތްފާނުކޮޅުތައް ބޭނުންކޮށްގެން، މި ނޫން ވެސް އެތައް ކަމެއް ކުރެވޭނެ އެވެ. ހަށިގަނޑަށް ދަގަތްފާނު ލައްވައިގެން ޖާވިޝް ހެދި ރިސާޗަކީ އޭނާ ކިޔެވި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ރިޑިންގައި ދަރިވަރަކު ހެދި އެފަދަ ފުރަތަމަ ރިސާޗެވެ. އެ ރިސާޗް ހެދުމަށް އޭނާގެ ސްޕަވައިޒަރު އެއްބަސްވި ނަމަވެސް، އެކަމުގައި އޭނާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ނަމަވެސް ޖާވިޝް އަކީ ބޭނުންވާ ކަމެއް މިހާތަނަށް ކާމިޔާބުކޮށްފައި ހުރި މީހަކަށް ވުމުން، އެކަން ވެސް ކާމިޔާބުކުރި އެވެ.
"ދަގަތްފާނު ލެއްވުމަށް ޑޮކްޓަރުން އެއްބަހެއް ނުވި. އެކަން އިންޝުއަރެންސް ކަވަރެއް ނުކުރި. އެހެންވެ އެންމެ ފަހުން ދަގަތްފާނު ލެއްވީ ޓެޓޫޖަހާ މީހެއް ލައްވައި،" ޖާވިޝް ބުންޏެވެ. އެއީ ޑޮކްޓަރުންނަށް ނުވުމުން ދަގަތްފާނު ލެއްވީ ހޭނުނައްތަ އެވެ. އަދި އައްސި ވެސް ނުކޮށް ކަމަށް ޖާވިޝް ބުންޏެވެ.
"އުމުރުގައި ނުވާވަރަށް އެދުވަހު ތަދުވި. ބަލަން އިންދާ [އިނގިލި] ކަނޑާލާފައި ލޯވަޅެއް ހަދާލާފައި މެގްނެޓިކް ޑިސްކް ކޮއްޕާލީ. އެކަމަކު އެ އެތި ކޮއްޕާލަން އޭނާ ފުރަތަމަ ގެންގުޅުނީ ދަގަނޑުން ހަދާފައި ހުރި ސާމާނުތަކެއް. އެ ތަކެތި ދަގަތްފާނުގައި ތަތްލަވާވަރުން ނުލެއްވުނު. އެންމެ ފަހުން ކައިރީގައި ހުރި އައިސްކްރީމް ސްޓޭންޑަކަށް ގޮސް އޭނާ ގެނައި ލަކުޑި އެތިކޮޅަކުން ދަގަތްފާނު ލެއްވީ،" އިންސާނުންނާއި މެޝިން ގުޅުވާލުމަށް ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރި އުނދަގޫ ތަޖުރިބާ ޖާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އިނގިލީގެ ކޮޅަށް ދަގަތްފާނު ލެއްވީ މެކަނޯރިސެޕްޓާތައް އެންމެ ގިނަ ތަނަކީ އިނގިލީގެ ކޮޅު ކަމަށް ވުމުންނެވެ. މި ސެލްތަކުން ތިމާ އަތްލާ ތަނެއްގެ ޕްރެޝަރާއި ޓެމްޕަރޭޗަރު ފަދަ ޑޭޓާތައް ސިކުނޑި އަށް ފޮނުވައިދެ އެވެ.
ޖާވިޝް އަކީ ހަމައެކަނި އެންމެ ދާއިރާއެއްގެ ފަންނުވެރިއެއް ނޫނެވެ. ވެބް ޑިޒައިނަރެކެވެ. އެޕްލިކޭޝަންތައް ތައްޔާރުކުރެ އެވެ. އެގޮތުން އޮންލައިން ރަދީފާއި، ދިވެހި ފޮންޓް ބަދަލުކުރާ ޓްރާންސްކޯޑަރަކީ އޭނާގެ މަސައްކަތެވެ. އަދި އެތައް ވެބްސައިޓަކާއި ގިނަ އެޕްލިކޭޝަންތައް އޭނާ ވަނީ ހަދައިފަ އެވެ. އަދި އެފަދަ ބައެއް އެޕްލިކޭޝަންތައް މިހާރު ވެސް ހަދަމުން އެބަ ގެންދެ އެވެ.
އިނގިރޭސި ވިލާތުގައި ޖާވިޝް މާސްޓާޒް ނިންމުމަށް ފަހު ފުރަތަމަ މަސައްކަތްކުރީ އެ ގައުމުގަ އެވެ. ބައެއް ރަހްމަތްތެރިންނާ އެކު ރޮބަޓް ކުންފުންޏެއް އުފެއްދި އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލީ ދުނިޔޭގެ އިގްތިސާދަށް އައި ހީނަރުކަމުގައި ދުނިޔޭގެ އެންމެ ބޮޑު ރޮބަޓް ދެ ކުންފުނި ބަނގުރޫޓްވުމުން ކަމަށް އޭނާ ބުންޏެވެ.
މިހާރު ޖާވިޝް މަސައްކަތް ކުރަނީ އޭނާގެ ރަހްމަތްތެރިންނާ އެކު އުފައްދާފައިވާ "ސެމީކޯލަން" ކިޔާ ކުންފުންޏެއްގަ އެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ވެބްސައިޓް ހެދުމާއި ކޮމްޕިއުޓާ ސޮފްޓްވެއާ އާއި އެޕްލިކޭޝަން އުފެއްދުމެވެ.
ޖާވިޝް މިހާރުގެ އުއްމީދަކީ ޕީއެޗް.ޑީ އަށް ކިޔެވުމެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އާ ރިސާޗްތަކެއްކޮށް، އިންސާނުންނާއި މެޝިނާ އޮންނަ ގުޅުން ގާތްކުރުމެވެ. އޭނާގެ ބަހުން ނަމަ ކޮންމެ ކަމެއް ވެސް ކުރަނީ ޗެލެންޖަކަށެވެ. ނަމަވެސް އޭނާގެ މަސައްކަތުން ސާބިތުކޮށްދިނީ ކޮންމެ ޗެލެންޖެއް ވެސް ކާމިޔާބު ކުރެވިދާނެކަމެވެ.

13 comments