މީހުން

ހިތްދަތި ދުވަސްތަކަކަށް ފަހު އަމިއްލަ ފައިމައްޗަށް

ސ. ހިތަދޫން އަހުމަދު އަދްޝަން
01 އޯގަސްޓް 2012 09:23 2 ކޮމެންޓު
  • ރޯޒީ ޝަރީފް އޭނާގެ މަސައްކަތްތަކުގައި: މިހާރު ބޭނުންވަނީ އެކި ދާއިރާ އިން މީހުން ތަމްރީންކުރަން

  • ރޯޒީ ޝަރީފް އޭނާގެ މަސައްކަތްތަކުގައި: މިހާރު ބޭނުންވަނީ އެކި ދާއިރާ އިން މީހުން ތަމްރީންކުރަން

  • ރޯޒީ ޝަރީފް އޭނާގެ މަސައްކަތްތަކުގައި: މިހާރު ބޭނުންވަނީ އެކި ދާއިރާ އިން މީހުން ތަމްރީންކުރަން

  • ރޯޒީ ޝަރީފް އޭނާގެ މަސައްކަތްތަކުގައި: މިހާރު ބޭނުންވަނީ އެކި ދާއިރާ އިން މީހުން ތަމްރީންކުރަން

ރޯޒީ ޝަރީފްއާ ދިމާވީ މިދިޔަ ހަފުތާގައި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް ބޭއްވި ކަސްޓަމާ ކެއާ ވޯކްޝޮޕެއްގެ ތެރެއިންނެވެ. އެ ވޯކްޝޮޕްގެ ފެސިލިޓޭޓަރަކީ އޭނާ އެވެ. އެ ދުވަހު އެންމެ ބޮޑަށް އަދި އެންމެ ގަދައަށް އިވުނު އެއް އަޑަކީ ފުޑް ސޭފްޓީ މޯލްޑިވްސް (އެފްއެސްއެމް)އެއްގެ ވާހަކަ އެވެ. އެހެން ނަމަވެސް ކުރިއަކުން އެއީ ކީއްކުރާ، ކޮން ބައެއް ކަމެއް މާ ރަނގަޅަކަށް ނޭނގެ އެވެ. ފުޑް ސޭފްޓީ މޯލްޑިވްސް އެ ނަމަކީ ވެސް ބީރައްޓެހި ނަމަކަށް ވުމާ އެކު އެއާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު އޮޅުން ފިލުވަން ބޭނުންވި އެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގެ ފުރަތަމަ ދުވަސް ނިންމާލުމަށް ފަހު ފުޑް ސޭފްޓީ މޯލްޑިވްސްއާ ބެހޭ ގޮތުން އިތުރަށް ސުވާލު ކުރާނެ ފުރުސަތު ލިބުނެވެ.

ފުރަތަމަ ކަމަކަށް ދައްކާނީ ރޯޒީގެ ވާހަކަ އެވެ. އޭނާ އަކީ ސ. ހިތަދު އަށް އުފަން އަންހެނެކެވެ. ހިތަދޫ ޅަރީތިގޭ މިހާރު އުމުރުން 34 އަހަރުގެ ރޯޒީ އަށް ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ވެސް ވަނީ ލިބިފަ އެވެ.

އެހެން ނަމަވެސް ރޯޒީ އެކަން ސިފަކުރަނީ ޝައުގުން ފުރިފައިވާ އެކަމަކު ހިތްދަތި ތަޖުރިބާއެއްގެ ގޮތުގަ އެވެ. އެ ކައިވެނީގެ ހިތި ތަޖުރިބާތަކަށް ފަހު ރޯޒީ މިހާރު ކައިވެނިކޮށްގެން އުޅެނީ އޭދަފުށްޓަން އުފަން ޒުވާނަކާ އެވެ. ފިރިމީހާ ރިސޯޓްގަ އެވެ. އެހެން ނަމަވެސް ދެ މީހުން ދުރުގައި ތިބެން ޖެހުން ފިޔަވައި މިހާރުގެ ކައިވެނީގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ވަނީ ރޯޒީ "ކިޔައި ދިން ގޮތަށް" އޭނާގެ ފުރަތަމަ ކައިވެނީގެ ހަޔާތުގެ ހިތްދަތި ސޮފްހާތަކެއް ވާހަކައެއްގެ ގޮތުގައި "ހަވީރު" ގައި ޝާއިއު ވެސް ކޮށްފަ އެވެ.

ސްރީ ލަންކާގެ ފިލްމީ ބަތަލާއެއްގެ ފިރިހެން ދަރިއަކާ ކައިވެނިކޮށްގެން ރޯޒީ ވަނީ ހިތާމަ އާއި ހިތްދަތި ދުވަސްތަކެއް ތަހައްމަލްކޮށްފަ އެވެ. އެ ކައިވެންޏަށް ދެ ޖިންސްގެ ދެ ކުދިން ލިބިފައިވެ އެވެ. އުމުރުން މިހާރު 14 އަހަރުގެ ފިރިހެން ކުއްޖާ އާއި 11 އަހަރުގެ އަންހެން ދަރިފުޅު މިހާރު ތިބީ ރޯޒީ ކައިރީގަ އެވެ.

ދަރިންނަށް ބައްޕަގެ މާ ބޮޑު އަޅާލުމެއް މިހާރަކު ނެތެވެ. އެކަމަކު އޭނާގެ ޝަކުވާއެއް ނެތެވެ. ރޯޒީ ހުރީ އަމިއްލަ ފައިމައްޗަށް ތެދުވެ އެވެ. މިހާރުގެ ފިރިމީހާގެ އޯގާތެރިކަން ދަރިންނަށް ލިބެ އެވެ.

ރޯޒީ އާއި އޭނާގެ ކުރީގެ ފިރިމީހާ ބައްދަލުވީ ލަންކާގެ ޕަރަދަނިޔޭ ޔުނިވާސިޓީން ނާސިން ދާއިރާ އިން ތައުލީމް ހާސިލްކުރުމަށް ފަހު އެތަނުގެ އާސިރީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ.

ލޯބީގެ ގޮތުން ދެ މީހުން ގުޅުމަށް ފަހު "މުސްލިމަކަށްވެ" އޭނާ ރޯޒީއާ ކައިވެނި ކުރި އެވެ. ނަމަވެސް ދެން ކުރިމަތިލާން ޖެހުނީ އުންމީދު ވެސް ނުކުރާ ކަހަލަ ކަންތައްތަކަކާ އެވެ. އެކަމަކު އޭރު ދަރިން ވެސް ލިބިއްޖެ އެވެ. ކުރީގެ ފިރިމީހާ އަލުން ބުދު ދީނަށް ވަދެ، ހަގު އަންހެން ދަރި ގޮވައިގެން ފައްޅި އަށް ދާން ފެށުމުން ބޮޑު މައްސަލަގަނޑަކަށް ވި އެވެ. އެފަދަ މައްސަލަތަކާ ހެދި އާއިލާ ތެރޭގައި ބޮޑެތި ދެބަސްވުންތައް ހިނގަން ފެށި އެވެ.

ދެ މީހުންގެ ކައިވެނި އެ ހިސާބުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. "ދީނީ އަރައިރުންތަކާ" ހެދި ދިރިއުޅުމުގައި ބޮޑެތި މައްސަލަތަކެއް ޖެހެން ފެށި އެވެ.

އާއިލާއާ ވަކިން ރޯޒީ ލަންކާގައި އަންހެން ދަރިފުޅު ސަލާމަތް ކުރުމުގައި ބިރުވެރި އަދި ހިތްދަތި ތަޖުރިބާތަކެއް ކުރި އެވެ.

އެ ހަނގުރާމައިގައި އެތައް ހުރަސްތަކެއް ގިރާކުރުމަށް ފަހު އޭނާ ވަނީ ފަހުން އަންހެން ދަރިފުޅު ގޮވައިގެން ރާއްޖެ އައިސްފަ އެވެ. އޭރު ފިރިހެން ދަރިފުޅު ހުރީ ރޯޒީގެ އާއިލާ މީހުން ކައިރީ މާލޭގަ އެވެ.

ލަންކާގައި ހޭދަކުރި ހިތްދަތި ދުވަސްތަކަށް ފަހު ރޯޒީ ދެން ބަދަލުވީ އިންޑިއާއަށެވެ. އަދި އިންޑިއާގައި ކިޔަވަން ފެށި އެވެ. އިންޑިއާގެ ގްލޯބަލް އިސްޓިޓިއުޓާ ގުޅިގެން އޭނާ ވަނީ ވަރަށް ގިނަ ދާއިރާތަކަކުން ތަމްރީނު ހޯދައިފަ އެވެ. އޭގެ ތެރޭގައި ފުޑް ހައިޖީން، ހެލްތު އެންޑް ސޭފްޓީ، ކަސްޓަމާ ކެއާ އަދި ގްރޫމިން ސްޓެންޑާޑްސް ފަދަ ދާއިރާތައް ހިމެނެ އެވެ.

މީގެ އިތުރަށް ވެސް ދިރިއުޅުމުގެ އެކިއެކި ހުނަރުތަކާ ގުޅޭ ޓްރޭނިންތައް އޭނާ ހަދާފައިވެ އެވެ.

ރޯޒީ މިހާރު ނިންމައިގެން ހުރީ އޭނާގެ ދިރިއުޅުން މުޅިން އައްޑު އަށް ބަދަލުކުރުމަށެވެ. އެހެންވެ ދާދި ފަހުން ދަރިންނާއި އާއިލާ ވެސް ވަނީ ހިތަދު އަށް ބަދަލުވެފަ އެވެ.

މިހާރު އޭނާގެ މަސައްކަތަކީ ފުޑް ސޭފްޓީ މޯލްޑިވްސް (އެފްއެސްއެމް) އެވެ. އޭނާ ހުރީ ރާއްޖޭގެ ކޮންމެ ހިސާބަކުން ފުރުސަތު ލިބުނަސް އެފްއެސްއެމްގެ ޕްރޮގްރާމްތައް ހިންގައި ދޭ ގޮތަށެވެ.

އެ ކުންފުނި ވުޖޫދަށް އައިތާ އަދި މިވީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ދުބާއީގެ ހައި ފީލްޑުން ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހިންގާ ކްލާސްތައް ރާއްޖޭގައި ވެސް ހިންގުމެވެ. އެފްއެސްއެމް އުފެއްދުމުގެ ކުރިން ރޯޒީ ވަނީ ރާއްޖޭގެ އިތުރުން އިންޑިއާ އަދި ލަންކާގައި ސީދާ ހައި ފީލްޑްގެ ދަށުން ޕްރޮގްރާމްތައް ހިންގައިފަ އެވެ. އެހެން ނަމަވެސް އެފްއެސްއެމް ރަޖިސްޓްރީވުމާ އެކު މިހާރު އޭނާއަކީ އެ ކުންފުނީގެ ސީއީއޯ އެވެ. ހުރިހާ ޕްރޮގްރާމްތަކެއް ހިންގަނީ ސީދާ ރޯޒީ ފެސިލިޓޭޓްކޮށްގެންނެވެ. އެ މަސައްކަތުގެ މުގުލުގައި ހުރީ ސީދާ އޭނާ އެވެ.

"ހައި ފީލްޑްގެ އެދުމަކަށް އެމީހުންގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ކުރިއަށް އޮތް ތަނުގައި ވެސް ލިބޭ ގޮތަށް އެފްއެސްއެމް ރަޖިސްޓްރީ ކުރީ. ހައި ފީލްޑްގެ އެއް ޑިރެކްޓަރު ކަމަށްވާ ރިޗަޑް ސްޕްރެންގާގެ ވަރަށް ބޮޑު އެހީތެރިކަމެއް އަބަދުވެސް ލިބެމުން ދިޔަ. މިހާރު ވެސް އެދޭ ކޮންމެ ކަމެއް އެތަނުން ކޮށްދޭނެ. އެފްއެސްއެމް ރަޖިސްޓްރީ ކުރި އިރު އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ ޖުމެއިރާ ވިތަވެލީ ރިސޯޓްގައި،" ރޯޒީ ބުންޏެވެ. "އިންޑިއާގައި އުޅެފައި މިދިޔަ އަހަރު އެ ރިސޯޓާ ޖޮއިން ކުރީ. އެހެން ނަމަވެސް އެފްއެސްއެމް ރަޖިސްޓްރީކޮށް ކުންފުނީގެ ވެބްސައިޓް ލޯންޗްކޮށް މީގެ މަސައްކަތްތައް ފަށައިގަތުމުން ވިތަވެލީން ވަކިވީ. އެ ހިސާބުން ދެން އަމިއްލަ އަށް ނިކުމެ އެކި ތަންތަނުގައި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ޖައްސަން ފެށީ."

އެފްއެސްއެމްގެ ދަށުން ރޯޒީ ވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކާއި އެކިއެކި އިންސްޓިޓިއުޝަންތަކުގައި ޕްރޮގްރާމްތައް ހިންގައިފަ އެވެ. އަދި އެންމެ ގިނައިން ހިންގާފައި ވަނީ ކަސްޓަމާ ކެއާ އަދި ފުޑް ހައިޖީންއާ ގުޅޭ ޕްރޮގްރާމްތައް ކަމަށް އޭނާ ބުންޏެވެ.

"އައްޑު އަށް އައިސް އައްޑޫގެ ކެފޭ/ރެސްޓޯރެންޓްތަކަށް އަމާޒުކޮށްގެން ޕްރޮމޯޝަނަލް ނައިޓްތަކެއް ވެސް މިހާރު ބާއްވައިފިން. ބައެއް ތަންތަނުން މިހާރު ރެކްއެސްޓްކޮށްފައި އެބަހުރި އެތަންތަނުގައި ކަސްޓަމާ ކެއާ އަދި ފުޑް ހައިޖީން ފަދަ ވޯކްޝޮޕްތައް ހިންގަން،" ރޯޒީ ބުންޏެވެ. "އައްޑޫގެ ބައެއް ސްކޫލްތަކުގެ އިތުރުން ހުޅުމާލޭ ސްކޫލްގައި ވެސް ޕްރޮގްރާމެއް އަންނަ މަހު ހިންގާ ގޮތަށް ރޭވިފައި އެބަ އޮތް."

އޭނާ ބުނީ ބޭނުން ވަނީ އެފްއެސްއެމް އަކީ މުޅި ރާއްޖޭގެ އެންމެން ދަންނަ ކުންފުންޏަކަށް ހަދައި، ކާމިޔާބު މަސައްކަތްތަކެއް ކުރުން ކަމަށެވެ.

"ލައިފްގައި ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައި މި ހިސާބަށް މި އާދެވުނީ ވަރަށް ބޮޑަށް ހިތްވަރުކޮށްގެން ކުރި މަސައްކަތުން. އެހެންވެ ގިވް އަޕްނުކޮށް ކުރިއަށް ދިއުމުގެ ވިސްނުން އަބަދު ވެސް ހުންނަނީ،" އޭނާ ބުންޏެވެ. "އަހަންނަކީ އަބަދުވެސް ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެއް. ކަމެއް ހާސިލް ކުރަން ބޭނުންވާ ނަމަ ޑިސަޕޮއިންޓް ނުވެ ފެއިލިއާތައް ވެސް ގަބޫލްކޮށްގެން ކުރިއަށް ދެވޭނީ. ލައިފްގައި އަހަރެން އެކަންތައްތައް ވަރަށް ބޮޑަށް ތަޖުރިބާކޮށްފިން."

ރޯޒީ ބުނީ ބޭނުން ވަނީ އޭނާގެ ކުންފުނީގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަން ކަމަށެވެ. އެގޮތުން މިހާރު ވެސް އެފްއެސްއެމްއާ ގުޅެން ބޭނުން ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ކުންފުންޏާ ގުޅެން ބޭނުންވާ ޒުވާނުންނަށް މިހާރު ވެސް މިއޮތީ އޯޕަން ފުރުސަތުތަކެއް. އަހަރެން ބޭނުން ގުޅެން ބޭނުންވާ ކުދިންނަށް ހިލޭ ތަމްރީނު ދީގެން އެފްއެސްއެމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި އައްޑޫގައި ކުދިން މަސައްކަތް ކުރަން،" ރޯޒީ ބުންޏެވެ. "މިއީ މުސްތަގްބަލް އޮތް މަސައްކަތެއް. ކުރިއަށް ދެވެން އޮތް ދާއިރާއެއް. ފުރުސަތުތަކެއް އޮތް ދާއިރާއެއް."

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait